ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ސްޕެޝަލިސްޓުން، އެ ބަޔަކު ވަޒީފާ އަދާކުރާ ހޮސްޕިޓަލަށް އެކަނި ޚިދުމަތް ދިނުމަށާއި އިތުރު އެއްވެސް ތަނެއްގައި ޚިދުމަތް ނުކުރުމަށް އެއްބަސްވާ ނަމަ އެ މުވައްޒަފުންނަށް ޚާއްސަ އިނާޔަތެއް ދޭން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިޒަލް ވިދާޅުވީ، 'އެކްސްކްލޫސިވް ސާވިސް ބެނިފިޓް'ގެ ނަމުގައި އެ އިނާޔަތް ދެނީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ރޭންކް 10އިން ފެށިގެން މަތީގެ މަގާމުތަކާއި ސަބް-ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ކަމަށެވެ. އެއީ، އެ ރޭންކުތަކުގެ ޑެންޓިސްޓުން ވެސް ހިމެނޭ ގޮތަށެވެ.
"މި އިނާޔަތް ކަނޑައަޅާނީ ނެޝަނަލް ޕޭ ކޮމިޝަނުން ކޭސް ބައި ކޭސް ވަކިވަކިން،" ފައިޒަލް ވިދާޅުވިއެވެ.
އެ އެލަވަންސް ލިބޭނީ، ވަޒީފާއަދާކުރާ ހޮސްޕިޓަލުން ކަނޑައަޅާ އިތުރު ޒިންމާތައް އުފުލުމަށް އެއްބަސްވެ، އެ މުވައްޒަފާއި ވަޒީފާއަދާކުރާ ހޮސްޕިޓަލާއެކު އެގްރިމަންޓެއްގައި ސޮއިކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ރޭންކް 10ގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ސީނިއާ ކޮންސަލްޓެންޓް ސްޕެޝަލިސްޓެއްގެ މަހު މުސާރަ މިހާރު ވަނީ 55،675 ރުފިޔާއިން، އިތުރު ގަޑީގެ އެލަވަންސާ ނުލައި 66,702 ރުފިޔާއަށް އިތުރުކޮށްފައެވެ.
ސަބް ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ތެރޭގައި ހިމެނޭ އެންމެ ދަށް ރޭންކުގެ މުވައްޒަފުންގެ އަސާސީ މުސާރަ ވަނީ 18 ޕަސެންޓު އިތުރުކޮށް، 68,574 ރުފިޔާއަށް ބަދަލުކޮށްފައެވެ. އަދި އެ ކެޓަގަރީގެ އެންމެ މަތީ ރޭންކުގެ މުވައްޒަފެއް މިހާރު ރާއްޖޭގައި ނެތް ނަމަވެސް، އެ މަގާމަށް ވަނީ 98,137 ރުފިޔާގެ މުސާރައެއް ކަނޑައަޅާފައެވެ.
މީގެ އިތުރުން ސްޕެޝަލިސްޓް ޑެންޓިސްޓުންގެ 10 ވަނަ ރޭންކުގައި ހިމެނޭ ސީނިއާ ކޮންސަލްޓެންޓް ސްޕެޝަލިސްޓުންގެ މުސާރައަށް 16 ޕަސެންޓުގެ އިތުރުވުމެއް ގެނެސް، އިތުރު ގަޑީގެ އެލަވަންސާ ނުލައި 66,702 ރުފިޔާ ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ސިއްހީ ދާއިރާގެ މުސާރަތައް މާދަމާއިން ފެށިގެން ބޮޑުކުރަން ނިންމައި އެކަން މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އިއުލާން ކުރައްވާފައެވެ. އެއާއެކު ރައީސް ވަނީ، ސިއްހީ ދާއިރާއިން ތައުލީމު ހާސިލު ކުރުމަށް ފަހު އިންޓާންޝިޕްގައި މަސައްކަތް ކުރާ މީހުންނަށް ވެސް އެލެވަންސެއް ދޭނެ ކަމަށް ވިދާޅުވެފައެވެ.