ނަޢީމާގެ މަރު: ރަށު މީހުންގެ ޑީއެންއޭއާ ފިންގާ ޕްރިންޓް ނަގަން ފަށައިފި

ނައީމާގެ ހަށިގަނޑު ފެނިފައި ވަނީ މަނަދޫގައި އޭނާ ދިރިއުޅޭ ގޭގެ ތެރެއިން -- ސަން ފޮޓޯ

ނ. މަނަދޫގައި ޒަޚަމްތަކަކާއެކު މަރައިލައިފައި އޮއްވާ ފެނުނު ނައީމާ މޫސާގެ ގާތިލު ހޯދުމަށް ފުލުހުން ކުރަމުން އަންނަ ތަހުގީގުގެ ތެރެއިން އެރަށު މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ނަގަން ފަށައިފިއެވެ.

ނައީމާ މޫސާގެ މަރަށް ހަތަރު ހަފުތާ ވެގެންދާއިރު އަދިވެސް އެ މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ.

ފުލުހުން ބުނެފައިވަނީ ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވާތީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް އަބްދުއް ރަހުމާން ސޮބީހު ވިދާޅުވީ ނަޢީމާ މަރާލި ގާތިލު ހޯދުމަށް ފުލުހުން ފަށާފައިވާ ތަހުގީގުގެ ތެރެއިން ރަށުގާ އުޅެންޏާ އުޅޭހާ ބައެއްގެ ޑީއެންއޭ އާއި ފިންގާ ޕްރިން ނަގަމުން އަންނަ ކަމަށެވެ.

ސޮބީހު ވިދާޅުވީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ ތެރެއިން އިއްޔެއިން ފެށިގެން މިކަން ކުރަން ފަށާފައިވަނީ ވަކި މީހަކަށް ތުހުމަތު ކުރެވޭތީ ނޫން ކަމަށެވެ.

މި ތަހުގީގު ދިގުލައިގެން ދާތީ ކަންބޮޑުވުން ފައުޅު ކުރައްވާ ސޮބީހު ވިދާޅުވީ އެހެންވެ. ރަށުގެ ގިނަ ބަޔަކު އަދިވެސް ވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ގަންބާލާފައި ކަމަށެވެ.

"މި ތަހުގީގު ދިގުލައިގެން ގޮސް މީގެ ކޮޅެއް މެދެއް އަދިވެސް ނޭނގޭތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް. ރަށުތެރެ ވަނީ އަދިވެސް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި،" ސޮބީހް ވިދާޅުވިއެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާގެ ޚަބަރެއް ނުވެގެން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު އިރުއޮއްސި 6:13 ހާއިރެވެ. އޭނާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރި އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ.

ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތީ ގިނަ އަދި ބައެއް ބޮޑެތި ޒަޚަމްތަކަކާއެކުއެވެ.

ނައީމާގެ މަރާލީ ހާދިސާގެ ތަހުގީގު ފުލުހުން ހުއްޓާނުލާ ކުރަމުން އަންނަ އިރު ވާހަކަތައް ވަނީ ތަފާތު ގޮތްގޮތަށް ދެކެވިފައެވެ. އެއީ ރޭޕްގެ މައްސަލައެއް ކަމާއި ނައީމާ މަރާލީ ޖިންސީ އަނިޔާ ދިނުމަށްފަހު ކަމަށް ވެސް ތުހުމަތު ކުރިއެވެ. އެ ކަމުގެ ތުުހުމަތު ބިދޭސީއަކަށް ވެސް ކުރިއެވެ. އެކަމަކު މިކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް ވަނީ އަދި މިއަދާ ހަމައަށް ނުހޯދިއެވެ.

comment ކޮމެންޓް