ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް: އަހުނާ ސެމީ ނިންމާލީ ގައުމީ ރެކޯޑަކުން

ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގައި ވާދަކުރާ ރާއްޖޭގެ އަހުނާ ނިޒާރު(މ) -- ފޮޓޯ/ ތިނަދޫ ކައުންސިލް

ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، އަހުނާ ނިޒާރު 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑު މުގުރާލައިފިއެވެ.

އުޒްބަކިސްތާނުގައި ކުރިއަށްދާ ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ސެމީގައި އިއްޔެ އަހުނާ ނިންމީ ހަ ވަނައިގައެވެ. އަހުނާއަށް ފައިނަލުގެ ޖާގައެއް ނުލިބުނު ނަމަވެސް، އޭނާ ވަނީ ރެކޯޑު މުގުރާލައިފައެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑު، އަހުނާ މުގުރާލީ 12.50 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އޭގެ އިތުރުން އޭނާ ވަނީ އަންހެނުންގެ 100 މީޓަރު ދުވުމުގެ ސީނިއާ ރެކޯޑާ ވެސް ގާތަށް ޖެހިލައިފައެވެ. ސީނިއާ ރެކޯޑު މިހާރު އޮތީ އާއިޝަތު ހިމްނާ ހަސަންގެ އަތުގައެވެ. އޭނާ އެ ރެކޯޑު ހެދީ 2022 ވަނަ އަހަރު ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް، 12.17 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އިއްޔެ އަހުނާ ވާދަކޮށްފައިވަނީ އިންޑިއާ، ޗައިނާ، މެލޭޝިއާ، ކޮރެއާ، ކަޒަކިސްތާން، އުޒްބަކިސްތާން އަދި ނޭޕާލްގެ ދުވުންތެރިޔަކާއެވެ. އެ ދުވުން ކާމިޔާބުކޮށްފައިވަނީ އިންޑިއާގެ އަބިނާޔާ ރަޖަރަޖަންއެވެ. އޭނާ ރޭސް ނިންމާފައިވަނީ 11.99 ސިކުންތުންނެވެ.

އަހުނާއަކީ މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމުގައި ވެސް ހިމެނޭ ދުވުންތެރިއެކެވެ.

comment ކޮމެންޓް