ތިލަފުށީ ފަޅުގައި އޮތް 80 އުޅަނދު ނަގަން އަންގައިފި

ތިލަފުށީ ބަނދަރު--- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

ކ. ތިލަފުށީ ފަޅުގައި އަޅާފައި އޮތް 80 އުޅަނދު ނަގަން އަންގައިފިއެވެ.

އެކަމާގުޅިގެން އާބަންކޯއިން ބުނީ "ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލު" ގެ ދަށުން، ތިލަފުށީ ފަޅުތެރޭގައި ދޫކޮށްލެވިފައިވާ އުޅަނދުތަކާ، އެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާ އުޅަނދުތައް، ނަގަމުންދާ ކަމަށެވެ.

އެގޮތުން ތިލަފުށީ ފަޅުގައި އޮތް 80 އުޅަނދެއްގެ މައުލޫމާތު ހިއްސާކޮށް، އާބަންކޯއިން ބުނީ އެ އުޅަނދުތަކުގެ ވެރިފަރާތެއް ވާނަމަ އެކަމުގެ މައުލޫމާތު ހިއްސާކޮށް، 30 ދުވަހުގެ ތެރޭގައި ނެގުމަށް އެދޭ ކަމަށެވެ. އުޅަނދުތަކުގެ މައުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންމަބަރު، 1516 އަށް ގުޅުމަށް އާބަންކޯއިން އެދެއެވެ.

އެ ކޯޕަރޭޝަނުން ބުނީ 30 ދުވަހުގެ ތެރޭގައި އުޅަނދުތައް ނަގާފައި ނުވާނަމަ، އުސޫލުގެ ދަށުން، އެ އުޅަނދުތަކާމެދު އަމަލުކުރެވޭނެ ކަމަށެެވެ.

އުސޫލުގައިވާ ގޮތުގައި އެ ސަރަޙައްދަށް ދޫކޮށްލައިފައިވާ އެއްޗެއް އޭގެ ވެރިފަރާތުން ނެގުމަށްޓަކައި އެ އެއްޗެއް އޮތް ހާލަތަށް ރިއާޔަތް ކުރުމަށްފަހު ހަތް ދުވަހާއި 30 ދުވަހުގެ މުއްދަތެއް ދޭނެއެވެ.

މި މުއްދަތުގެ ތެރޭގައި އެ އެއްޗެއްގެ ވެރިފަރާތުން ނުނަގައިފި ނަމަ އެ އެއްޗެއް ނައްތާލުމުގެ އިތުރުން ނީލަމުގައި ވިއްކާލުމުގެ ބާރު އާބަންކޯއަށް ލިބެއެވެ. އަދި އެ ތަކެތި ނެގުމުގެ ތެރޭގައި އޭގެ ވެރިފަރާތަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ އާބަންކޯއިން ނަގަން ނުޖެހޭނެކަމަށް އުސޫލުގައިވެއެވެ.

ސިނާއީ މަސައްކަތްތަކަށް ޚާއްސަ ތިލަފުއްޓާއި ގުޅީފަޅުގައި އާބަންކޯގެ ހުއްދަނެތި ބަހައްޓާފައިވާ އުޅަނދުތައް ނަގަން މީގެ ކުރިން ވެސް އެ ކޯޕަރޭޝަނުން ވަނީ ތަކުރާރުކޮށް އިއުލާނުކޮށްފައެވެ.

comment ކޮމެންޓް