ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލަށް ރާއްޖޭގެ އަހުނާ ނިޒާރު ކޮލިފައިވެއްޖެއެވެ.
އުޒްބަކިސްތާނުގައި ކުރިއަށްދާ ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ސެމީން އަހުނާ ޖާގަ ހޯދީ އިއްޔެ އޭނާ ދުވި ހީޓުގެ ހަތަރުވަނަ ހޯދައިގެންނެވެ.
އަހުނާ ވާދަކުރި ހީޓުގައި ހަތް ކުޅުންތެރިޔަކު ދުވިއެވެ. އޭގެ ތެރެއިން 12.35 ސިކުންތާއި 12.53 ސިކުންތުން ރޭސް ނިންމައިގެން ހީޓުގެ އެއްވަނަ އާއި ދެވަނަ ހޯދީ ޗައިނާގެ ދެ ކުޅުންތެރިއެކެވެ. ތިންވަނަ ހޯދި ކޮރެއާގެ ކުޅުންތެރިޔާ 12.75 ސިކުންތުން ރޭސް ނިންމި އިރު، އަހުނާ ރޭސް ނިންމީ 12.93 ސިކުންތުންނެވެ. ދެން އެ ހީޓުގައި ވާދަކުރީ ތުރުކުމެނިސްތާނާއި މަކާއޫ އަދި ބަހުރެއިންގެ ދުވުންތެރިއެކެވެ.
އެ ދުވުމުން ސެމީގެ ޖާގަތައް ލިބެނީ ހަތަރު ހީޓުގެ ތެރެއިން އެންމެ އަވަހަށް ރޭސް ނިންމާ 16 ދުވުންތެރިންނަށެވެ. ހުރިހާ ހީޓުގެ ނަތީޖާތަކަށް ބަލާ އިރު، އަހުނާއަކީ 13 ވަނައަށް އެންމެ އަވަހަށް ރޭސް ނިންމި ދުވުންތެރިޔާއެވެ.
އެ މުބާރާތުގައި ރާއްޖޭގެ ދުވުންތެރިން އިއްޔެ ވަނީ 400 މީޓަރު ދުވުމުގައި ވެސް ވާދަކޮށްފައެވެ. އަންހެނުންގެ 400 މީޓަރު ދުވުމުގައި ރާއްޖޭގެ ޒިވާ މޫސާ ޝަފީއު ދުވި ހީޓުން އޭނާ ރޭސް ނިންމީ ފަސްވަނައަށެވެ. އަދި ފިރިހެނުންގެ 400 މީޓަރު ދުވުމުގައި ރާއްޖޭގެ ޒުއިޒް މުހައްމަދު ސައުދު ވެސް، އޭނާ ދުވި ހީޓުން ރޭސް ނިންމީ ފަސްވަނައަށެވެ. އެ ދެ ދުވުންތެރިން ސެމީ ފައިނަލަށް ކޮލިފައިވެފައެއް ނުވެއެވެ.
އަހުނާ އާއި ޒިވާ އަދި ޒުއިޒް އަކީ މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމުގައި ވެސް ހިމެނޭ ދުވުންތެރިންތަކެކެވެ.