ވީކޭ، ހުޅުމާލެ ސްޕޯޓްސް އަދި ޓީނޭޖު ވެސް ސެމީއަށް

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ކުއާޓާ ފައިނަލުގައި ވީކޭ ސްޕޯޓްސް އާއި މަސްއޮޑި ޓައިޓަންސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް

ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށް، ވީކޭ ސްޕޯޓްސް އާއި ހުޅުމާލެ ސްޕޯޓްސް ކްލަބު އަދި އެންމެ ފަހުގެ ރަނަރަޕް ކްލަބު ޓީނޭޖުން ވެސް ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ޖުމުލަ 34 ޓީމަކާއެކު ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި މިރޭ ކުރިއަށްދިޔައީ ކުއާޓާ ފައިނަލުގެ މެޗުތަކެވެ. އެ މެޗުން މޮޅުވި ޓީމުތަކަށް ވަނީ ސެމީގެ ޖާގަތައް ކަށަވަރުވެފައެވެ.

މިރޭ ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވީކޭ ސްޕޯޓްސް އާއި މަސްއޮޑި ޓައިޓަންސްއެވެ. އެ މެޗު ވީކޭ އިން ކާމިޔާބުކުރީ 2-1 ގޭމުންނެވެ. މެޗުގެ ފުރަތަމަ ގޭމް 9-8 އިން ވީކޭ ގެންދިޔަ އިރު، ދެވަނަ ގޭމް 17-3 އިން ގެންދިޔައީ މަސްއޮޑިއެވެ. އަދި ވީކޭ އިން ގަދަ ހިފުން ކާމިޔާބުކުރީ 2-1 އިންނެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ކުއާޓާ ފައިނަލުގައި ވީކޭ ސްޕޯޓްސް އާއި މަސްއޮޑި ޓައިޓަންސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް

އެ މެޗުގެ ފުރަތަމަ ގޭމް ވީކޭ އިން ފެށީ އެތެރެއިންނެވެ. މަސްއޮޑިއަށް ވީކޭގެ ކުޅުންތެރިޔަކު ބޭރު ނުކުރެވި އުޅެނިކޮށް، ވީކޭ އިން ވަނީ މަސްއޮޑީގެ ހަ ކުޅުންތެރިޔަކު ހިފަހައްޓައިފައެވެ. އޭގެ ފަހުން މަސްއޮޑިން ކުޅުން ރަނގަޅުކޮށް، ވީކޭގެ އަށް ކުޅުންތެރިޔަކު ގެންދިޔައެވެ. އޭގެ ތެރެއިން މަސްއޮޑީގެ އެއް ކުޅުންތެރިޔަކު ވަނީ އެއްފަހަރާ ވީކޭގެ ތިން ކުޅުންތެރިން ގެންގޮސްފައެވެ. މަސްއޮޑިން ގޭމް ގެންދިއުމާ ގާތަށް ޖެހުނު ނަމަވެސް، ވަގުތު ހަމަވަންދެން ވީކޭ އިން ވަނީ ހިފަހައްޓާލައިފައެވެ. ދެވަނަ ގޭމްގައި އެތެރެއިން މަސްއޮޑިން ވެސް ވަރުގަދަކޮށް ކުޅުނެވެ. އެ ގޭމްގައި ވީކޭއަށް ގެންދެވުނީ މަސްއޮޑީގެ ތިން ކުޅުންތެރިއެކެވެ.

ބަރަދަހުޑް ސްޕޯޓްސް ކްލަބާ ދެކޮޅަށް މިރޭ ކުޅުނު ކުއާޓާގެ މެޗުން ހުޅުމާލެ ސްޕޯޓްސް މޮޅުވީ ސީދާ ދެ ގޭމުންނެވެ. ހުޅުމާލެ ސްޕޯޓްސް އިން 6-4 އިން ފުރަތަމަ ގޭމް ގެންދިޔަ އިރު، އެޓީމުން ދެވަނަ ގޭމް ގެންދިޔައީ 17-4 އިންނެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ކުއާޓާ ފައިނަލުގައި ހުޅުމާލެ ސްޕޯޓްސް ކްލަބާއި ބްރަދަހުޑް ސްޕޯޓްސް ކްލަބު -- ފޮޓޯ/ އިމޭޖަސް

އެ މެޗުގެ ފުރަތަަމަ ގޭމްގައި ހުޅުމާލެ ސްޕޯޓްސް އިން ވަނީ ބޭރުން އަރައި، ދެ މިނެޓުގެ ތެރޭގައި ބްރަދަހުޑްގެ ހަ ކުޅުންތެރިޔަކު ގެންގޮސް، ގޭމް ހޯދައިފައެވެ. އޭގެ ތެރެއިން ހުޅުމާލޭ ސްޕޯޓްސްގެ އެއް ކުޅުންތެރިޔަކު އަރައި، އެއްފަހަރާ ބްރަދަހުޑްގެ ތިން ކުޅުންތެރިޔަކު ގެންދިޔައެވެ. ދެވަނަ ގޭމްގައި އެތެރެއިން އަރައި ވެސް ކުރީކޮޅުގައި ހުޅުމާލެ ސްޕޯޓްސް އިން ވަރުގަދަ ކުޅުމެއް ދެއްކިއެވެ. އެގޮތުން ކުރީކޮޅުގައި އެޓީމުން ބްރަދަހުޑްގެ ހަތަރު ކުޅުންތެރިޔަކު ހިފެހެއްޓިއެވެ. އެއަށްފަހު ބްރަދަހުޑުން މަސައްކަތްކުރި ނަމަވެސް، ވަގުތު ހަމަވުމުގެ ކުރިން އެޓީމަށް ގެންދެވުނީ ހުޅުމާލެ ސްޕޯޓްސްގެ ހަތަރު ކުޅުންތެރިއެކެވެ.

ކުއާޓާގައި މިރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ޓީނޭޖާއި ކްލަބު ކާސިންޖީއެވެ. ވާދަވެރިކޮށް ފެނުނު އެ މެޗު 2-1 އިން ކާމިޔާބުކުރީ ޓީނޭޖުންނެވެ. މެޗުގެ ފުރަތަމަ ގޭމް 14-3 އިން ކާސިންޖީން ގެންދިޔަ އިރު، ދެވަނަ ގޭމް 10-9 އިން ގެންދިޔައީ ޓީނޭޖެވެ. އަދި ގަދަ ހިފުމުން ޓީނޭޖް މޮޅުވީ 2-0 އިންނެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ކުއާޓާ ފައިނަލުގައި ކްލަބު ޓީނޭޖާއި ކްލަބު ކާސިންޖީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް

އެ މެޗުގެ ފުރަތަމަ ގޭމްގެ ކުރީކޮޅުގައި ބޭރުން އަރައި، ކާސިންޖީން ޓީނޭޖުގެ ހަތަރު ކުޅުންތެރިޔަކު ހިފެހެއްޓިއެވެ. އޭގެ ފަހުން ޓީނޭޖުން މަސައްކަތްތަކެއް ކުރި ނަމަވެސް، ވަގުތު ހަމަވުމުގެ ކުރިން އެޓީމަށް ގެންދެވުނީ ކާސިންޖީގެ ތިން ކުޅުންތެރިއެކެވެ. ދެވަނަ ގޭމް ވާދަވެރިކޮށް ފެނިގެންދިޔަ އިރު، ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ކާސިންޖީން ގޭމް ގެންދިއުމާ ގާތަށް ޖެހިލި ނަމަވެސް، ޓީނޭޖުން ވަނީ ވަގުތު ހަމަވަންދެން ފަރަގު ކުޑަ ނަތީޖާއެއްގައި ހިފަހައްޓާލައިފައެވެ.

ގަދަ ހިފުމުގައި ގުރު ދިމާވެގެން ޓީނޭޖުން ނިންމީ އެތެރެއިން ކުޅުމަށެވެ. ފުރަތަމަ ހިފުމުގައި ޓީނޭޖުގެ ކުޅުންތެރިޔާ ވަނީ ބޭރުން އެރި ކާސިންޖީގެ ކުޅުންތެރިޔާ ވަގުތު ހަމަވަންދެން ހިފަހައްޓާލައިފައެވެ. އަދި ދެވަނަ ހިފުމުގައި ޓީނޭޖުން ބޭރުން އަރައި، ކާސިންޖީގެ ކުޅުންތެރިޔާ ގެންގޮސް މެޗު ކާމިޔާބުކުރިއެވެ.

ކުއާޓާގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އޯވަންއޯ ކަޓުވާލުމަށްފަހު، ޔުނައިޓެޑް އީސްޓް ކޯސްޓުން ވެސް ވަނީ ސެމީގެ ޖާގައެއް ހޯދައިފައެވެ. އެ މެޗުން އީސްޓް ކޯސްޓް މޮޅުވީ ސީދާ ދެ ގޭމުންނެވެ. މެޗުގެ ފުރަތަމަ ގޭމް 11-8 އިން އީސްޓް ކޯސްޓުން ގެންދިޔަ އިރު، އެޓީމުން ދެވަނަ ގޭމް ގެންދިޔައީ 17-2 އިންނެވެ.

މުބާރާތުގައި ދެން އޮންނާނީ ސެމީ ފައިނަލުގެ ދެ މެޗާއި ފައިނަލް މެޗެވެ. މުބާރާތުގެ ސެމީގައި ވާދަކުރާ ހަތަރު ޓީމަކީ ވީކޭ ސްޕޯޓްސް، ޔުނައިޓެޑް އީސްޓް ކޯސްޓް، ހުޅުމާލެ ސްޕޯޓްސް ކްލަބު އަދި ކްލަބު ޓީނޭޖެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެށި ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް