"މި ދައްކަނީ އުމުރުން 13 އަހަރުގެ ވާހަކަ. ރަނގަޅަށް ވާނުވާ ދެނެނުގަނެވެނީސް، ހަޔާތުން ބައްޕަގެ މަގާމު ދިން މީހާ، އެ ދިން ވޭނާއި އަނިޔާގެ ވާހަކަ. މިހާރު ބޮޑުވެ، މީހަކާ ވެސް އިނދެފިން، އެކަމަކު އެ އަނިޔާއަކުން ސަލާމަތެއް ނުވޭ،"
މިއީ މަރިޔަމްއަށް (އަސްލު ނަމެއް ނޫން) ކުޑައިރު އޭނާގެ ދޮން ބައްޕަގެ ފަރާތުން ލިބުނު އަނިޔާގެ ވާހަކައެވެ. ތަކުރާރުކޮށް އެތައް ރެއަކު ކުރިމަތިވި ޖިންސީ ގޯނާގެ ވާހަކައެވެ.
ވަރަށް ތުއްތުއިރު ބައްޕަ މަރުވުމުން އޭނާ ދިރިއުޅެމުން އައީ އާދައިގެ ދިރިއުޅުމެކެވެ. ރާއްޖެ ތެރޭ ރަށެއްގައި އުޅެމުން އައީ އެ ރަށު އެންމެންގެ އެހީ ލިބިގެންނެވެ. ހާއްސަކޮށް އާއިލާގެ ލޯތްބާ އަޅާލުން ލިބިގެންނެވެ. ބައްޕަ ނެތް ކަމުގެ އިހްސާސް ކުރާކަށް މަންމަ ނޭދެއެވެ. އެކަމަކު، މަރިޔަމްގެ ހަޔާތް ބަދަލުވީ މަންމަ ދެވަނަ ކައިވެންޏެއް ކޮށް، ދިރިއުޅުން މާލެއަށް ބަދަލުކުރި ހިސާބުންނެވެ.
"ފުރަތަމަ ހަމަ އިޓް ވޯޒް ވެރީ ނައިސް. ވަރަށް ހަމަޖެހިގެން އުޅެމުން އައީ، އެ މީހާ ވެސް ވަރަށް ލޯބިން އަޅުގަނޑަށް ކަންތައްތައް ކޮށްދިނީ. ހަމަ ބައްޕައެއްގެ ލޯބި ދިން،" ފެންކަޅިވެފައި އިނދެ އޭނާ ކިޔައިދިނެވެ.
"ފަހުން މަންމަ ވަޒީފާއަށް ދާން ފެށީމާ ގޭގައި ގިނަ ވަގުތު އުޅުނީ އެކަނި. އެހެން އޮންނައިރު އެ މީހާ ވެސް ގޭގައި އުޅޭނެ ބައެއް ދުވަސް ދުވަހު. އެކަހަލަ ދުވަހެއްގައި ފުރަތަމަ ގެންދިޔައީ ކޮޓަރިއަށް، ގެންގޮސްފައި ގަދަކަމުން އަތްލަން އުޅުނީ. މުޅި މީހާ އެއްކޮށް ގަނޑުވީ އެ ދުވަހު، ގުޑައިލަން ވެސް، ދުއްވައިގަންނަން ވެސް ނޭނގިފައި ހުރީ ހަމަ،"

ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ދުވަހު އެ އަނިޔާއަށް އޭނާ ހުށަހެޅުނުއިރު، އެއީ ގޯހެއްކަން ވެސް ނޭނގެއެވެ. ތަކުރާރުކޮށް ލިބެމުންދިޔަ އަނިޔާއަށް ނޫނެކޭ ބުނެ، އެ ވާހަކަ މަންމަ ގާތުގައި ބުނަން ކެރުނީ ވެސް ދެ މަސް ފަހުންނެވެ.
އެ އަނިޔާއިން ސަލާމަތްވެ، ދިރިއުޅުން ބަދަލުވެއްޖެއެވެ. ޒަވާޖީ ހަޔާތެއް ފެށި މިހާރު އުޅެނީ ހަމަޖެހޭ ދިރިއުޅުމެކެވެ. އެކަމަކު، އޭނާއަށް އަރައިނުގަނެވެނީ އެ ހަނދާންތަކުންނެވެ. އަނިޔާގެ އަސަރުތައް އަދިވެސް އޭނާގެ ގައިގައި ކަނޑާ ނަގާފައި އެބަހުއްޓެވެ. އެންމެ ބޮޑު ދެރައަކީ އެ އަނިޔާ ދިން މީހާ އަދިވެސް ސަލާމަތުން ހުރީތީއެވެ. މިނިވަންކަމާ އެކު ދިރިއުޅޭތީއެވެ.
އަނިޔާ: ހީކުރާ ވަރަށްވުރެ މާ އާންމު

ރާއްޖޭގައި މިފަދަ އަނިޔާގެ މައްސަލަތައް އާންމުވެފައިވާ މިންވަރާ ގުޅޭ ގޮތުން 2007ވަނަ އަހަރު ހެލްތު މިނިސްޓްރީން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ދިވެހި އަންހެނުންގެ ތެރެއިން ކޮންމެ ތިން އަންހެނަކުން އެކަކަކީ ހަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުދިންނެވެ.
އޭގެ ފަހުން، 2016ވަނަ އަހަރު ހެދި މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭއިން ދެއްކި ގޮތުގައި 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ 11% އަކީ ހަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުދިންނެވެ.
މިއީ މި މުޖުތަމައު ތެރޭގައި ޖިންސީ އަނިޔާ އާންމުވެފައި އޮތް މިންވަރެވެ. މަންޒަރު މިއަށްވުރެ ވެސް ސާފު ކޮށްލާއިރު، މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެކަނި ވެސް ކުޑަކުދިންނަށް ކުރާ މި ބާވަތުގެ އަނިޔާގެ މައްސަލަތައް އިންތިހާއަށް ގިނައެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިގޮތުން، މިދިޔަ މަހު އެކަނި ޖެންޑާއަށް ހުށަހެޅުނު ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ތަފުސީލު:
- އިހުމާލުގެ 29 މައްސަލަ
- ޖިސްމާނީ ހާނިއްކައިގެ 28 މައްސަލަ
- ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ
- ޖިންސީ ހާނިއްކައިގެ 13 މައްސަލަ
- ނަފުސާނީ ހާނިއްކައިގެ ނުވަ މައްސަލަ
- ގަނާއާއި ފުރައްސާރައިގެ ތިން މައްސަލަ
- ބިރު ދެއްކުމުގެ އެއް މައްސަލަ
މިއީ މައްސަލަ ހުށަހެޅޭ މިންވަރެވެ. އެކަން ބަލައި، ހައްލު ކުރެވޭ އަދަދުތައް ގުނާ ނަމަ ލަދު ގަންނަން ޖެހޭނެއެވެ. މައްސަލަ ބަލައި، ދައުވާ ކުރަން ފޮނުވެނީ މަދު އަދަދެކެވެ. އޭގެ ތެރެއިން ވެސް ގިނައީ ދައުވާއިން ސަލާމަތްވާ މީހުންނެވެ.
ހެއްކެއް ނުހުރޭ، ހައްލެއް ނެތް؟
މިފަދަ މައްސަލަތަކުގައި ދައުވާ ކުރާއިރު ދިމާވާ ގޮންޖެހުންތަކާ ގުޅެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅެއް ނުވިއެވެ. އެކަމަކު، ގޮންޖެހުންތަކެއް ހުރިކަން، އެއީ ޔަގީން ކަމެކެވެ.

ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ
އެހެންވެ، ނުރަސްމީކޮށް މިފަދަ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ގާނޫނީ ވަކީލަކު ވިދާޅުވީ މިފަދަ މައްސަލަތަކަށް ގިނަ ފަހަރު ދައުވާއެއް ކުރަން ބޭނުންވާ މިންވަރަށް ވެސް ހެކި ނުލިބޭ ކަމަށެވެ.
"އެފަދަ ކަންކަމަކީ، އަނިޔާ ލިބޭ ފަރާތާއި އަނިޔާ ކުރާ މީހާ ނޫން ތިންވަނަ މީހަކަށް އެނގިގެން ހިނގާ ކަންކަމެއް ނޫން. ގިނަ ފަހަރަށް އެ މައްސަލަތައް ފެންމަތި ވަނީ ވެސް އެ އަނިޔާއަށް އެތައް އަހަރެއް ވާ ފަހުން. އެހެންވީމާ، ހެކި ހޯދަން ވަރަށް އުނދަގޫ ވާނެ، ސާބިތު ކުރެވޭނެ ގޮތެއް ނޯވޭ، އޮންނަނީ އަނިޔާ ލިބުނު ފަރާތުގެ ބަސް އެކަނި،" އޭނާ ވިދާޅުވިއެވެ.
ނިޒާމު އޮންނަން ވާނީ ހެއްކާއި ގަރީނާގެ މައްޗަށެވެ. ބުނި ބުންޏަށް އެ ވަރުގެ ހުކުމެއް ކުރެވިގެން ވެސް ނުވާނެއެވެ. ހަމައެހެންމެ، އެ ވަރުގެ އަނިޔާއެއް ދިން މީހަކަށް މިނިވަންކަން މަތީ އުޅެވިގެން ވެސް ނުވާނެއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގަބޫލުކުރައްވައި ގޮތުގައި މިފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި ފުލުހުންގެ އަތްމައްޗަށް ބާރުތައް ދޫކޮށްލަން ޖެހެއެވެ. ޖިންސީ އަނިޔާފަދަ ބޮޑެތި ކުށްތައް އާންމުވެފައިވަނީ ފުލުހުންނަށް އެކަށިގެންވާ މިންވަރަށް ބާރުތައް ދެވިފައި ނެތުމުން ކަމަށް އޭނާ ދެކިލައްވައެވެ.
އެއްވުމެއް ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަމަންއަމާންކަން ދައްވާ ކޮންމެ ފަހަރަކު ހަދާ ގޮތަކީ ސިފައިންނާއި ފުލުހުން ވަރަށް ބޮޑު ހެދުމެއް އަޅުވާފައި މަގުމައްޗަށް ނެރެގެން ގުންފައި ޖަހާފައި ދެކޮޅަށް ހިންގަނީ. މީހުން ހަނދާން ނެތެންދެން ބުނާނެ ވަރަށް ބޮޑަށް މި ކަންތައް ބަލާނަމޭ. ހަނދާން ނެތުނީމަ އަނެއްކާ ވެސް އަނބުރާ ވަންނަނީ. ވަނީމައި އަނެއްކާ ވެސް އެ ކަން ކުރިއަށް ދާނީ." އޭނާ ވިދާޅުވިއެވެ.
އެހެންވެ، ވަށައިގެންވާ ބިރުވެރިކަން ނައްތާލައި، އަމާން މުޖުތަމައެއް ގާއިމުކުރަން އިސްލާމީ ޝަރީއަތުގައިވާ ހުކުމްތައް ތަންފީޒު ކުރަން ޖެހެއެވެ.
ކަނޑައަޅުއްވާފައިވާ އަދަބު ނުދެވޭ ނަމަ، މި ބާވަތުގެ ކުށްތައް އިތުރު ވާނެއެވެ. ބިރުވެރިކަމުން މިންޖުވުމުގެ މަގު ވަނީ އިސްލާމީ ޝަރީއަތުގައިވާ ހުކުމްތައް ތަންފީޒު ކުރެވިގެންނެވެ. ގާނޫނު ތަންފީޒު ކުރުމުގެ ބާރުތައް، ސަލާމަތީ ޚިދުމަތްތަކަށް ދޫކޮށްލެވިގެންނެވެ. ނުފޫޒުން އެއްކިބާވެ، ހަމަހަމަ އިންސާފެއް ލިބޭނީ އެ ހިސާބުންނެވެ.