ނާޒިރާ ހުރީ ރަނގަޅަށްވެސް މޮޔަވެފައެވެ. ހޭޖެހޭ އެންމެ ވަގުތުކޮޅެއްވެސް ނުދެއެވެ. އަމިއްލަ ނަފުސަށްވެސް ގެއްލުންދެނީއެވެ. ގޭތެރޭގެ އެއްޗެހިތައް ހަލާކުކުރަންވެސް ވަކި ވަގުތެއް ނޯވެއެވެ. ޑަކުޓަރު ލަފާ ދީފައި އޮތީ، އެފަދަ މީހުން ބަލަހައްޓާ މަރުކަޒަކަށް ވީ އެންމެ އަވަހަކަށް ގެންދިޔުމަށެވެ. އެއީ ޒަޔާނަށް ކުރަން ފަސޭހަ ކަމަކަށް ނުވާތީ އެހާ ދުވަސް ވަންދެން ހުރެވުނީއެވެ. އެހެނަސް، އެކަން ކުރަން މިއަދު އޭނާއަށް މަޖުބޫރުކުރުވައިފިއެވެ.
********
"ސޮރީ... މަންމަ ވަރަށް ބަލިކޮށް އުޅޭތީ، ކުރެވުނު ކަމެއް..." ނާޒިރާ ބޭރަށް ނެރެން މަސައްކަތް ކުރަމުން ޒަޔާން ވާހަކަ ދެއްކިއެވެ. "ދެން ދުވަހަކުވެސް މިކަހަލަ ކަމެއް ނުވާނެ..."
"އަހަރެން ބައްޔެއް ނޫން... އަހަރެން ހަމަ ވަރުގަދަ..." ނާޒިރާ ތެޅިފޮޅެމުން ވާހަކަ ދެއްކިއެވެ.
ނާޒިރާ އަތް އުފުލައިލި ވަގުތު، ޒަޔާނުގެ ލޮލުގައި އަޅައިގަތީ، ކަށި އިނގިލީގައި އަޅާފައިވާ ރަން އަނގޮޓިއެވެ. އެއީ ކާކުގެ އެއްޗެއްކަން އޭނާއަށް މާކުރިންވެސް އެނގެއެވެ.
"މަންމާ!... ތި އަނގޮޓީގެ ވެރިފަރާތަށް ދީ..." ޒަޔާން އެދުނެވެ.
"މީ ސަމީރާގެ އަނގޮޓިއެއް ނޫން..." ނާޒިރާ އޭނާގެ އަތް ފުރަގަހަށްލައި ފޮރުވިއެވެ. "އަހަރެން މިޒްޔަލްގެ ކޮޓަރިން އެ ޕާރުސަލެއް ނުނަގަން... މީ އަހަރެންގެ އެއްޗެއް..."
މިޒްޔަލް ހަލުވި ފިޔަވަޅުތަކެއްގައި އައިސް ނާޒިރާގެ އަތުގައި ހިފެހެއްޓިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ނާޒިރާގެ އިނގިލީގައި އަޅާފައި އޮތް އަނގޮޓި ނެގިއެވެ. މިޒްޔަލްގެ ދެލޮލުން ފެންނަމުންދިޔަ ރުޅިވެރިކަން ފެނި، ޒަޔާނަށް ހިންދިރުވައިލެވުނީ އުނދަގޫ ގޮތަކަށެވެ. މިޒްޔަލް ރުޅި އައުން ހައްގެވެ. ނާޒިރާ ކުރި ފާފަތަކަށް މަޢާފު ހައްގެއް ނޫނެވެ.
"މީގެ ވެރިފަރާތަށް ރައްދުކޮށްދޭނަން..." ނާޒިރާއަށް އަނގޮޓި ދައްކައިލަމުން މިޒްޔަލް ބުނެލިއެވެ.
"މީރާލައްވާ ކަލޭ މަރާލެވުނުނަމަ ކިހާ ރަނގަޅުވީސް..." ނާޒިރާގެ ލޭ ކެކިގަތެވެ. އޭނާގެ ބާރު އަޑު މުޅި ގޭގައި ގުގުމައިލިއެވެ.
ސައީދުވެސް ހުރީ އަޖައިބުވެގެން ބަސް ހުއްޓިފައެވެ. ނާޒިރާގެ އެ ސިފައަކީ އޭގެ ކުރިން އޭނާއަށް ފެނިފައިވާ ސިފައެއް ނޫނެވެ. އެއް އިރެއްގައި ނާޒިރާއަކީ އޭނާގެ އަނތްބެކެވެ. ނާޒިރާގެ ހާލު ފެނި، ސައީދުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެކަމަކު، ނާޒިރާ ކުރި ފާފަތަކުގެ މަތިން ހަނދާންވެ، އޭނާ ފަސްޖެހުނެވެ.
"އަހަރެން އެއްވެސް ކަމެއްގަ ނުބެދި ޖަލަށް ދާނީ މީރާ... ސައީދު... މީރާގެ އަތަށް ޒަހަރު ދިނީ އަހަންނެއް ނޫން... އަހަރެން އެމީހުން މަރާކަށް ނޫޅެން..." ކުރެވިފައި ހުރި ފާފަތައް ސިއްރުކުރަން އުޅުނު ނަމަވެސް ނާޒިރާގެ ދުލުން ހަގީގަތް ނޫން އެއްޗެއް ބޭރެއް ނުވިއެވެ. "އަހަންނާ އާސިފާ އެއްވެސް ގުޅުމެއް ނެތް... ސައީދު ގަބޫލުކުރޭ... ސަމީރާއާ ސައީދު ވަރިވީ އަހަރެންގެ ސަބަބުންނެއް ނޫން... ސަމީރާ މަރާލަން އަހަރެން އާސިފަކަށް ފައިސާއެއް ނުދެން... އުހުނ... އަހަރެން ނުބުނަން މަރާލާށެކޭ..."
ޒަޔާން ހުރީ ކުށްވެރިއަކު ފަދައިން އިސްޖަހާލައިގެންނެވެ. ކުރިމަތީގައި ތިބީ އާއިލާގެ މީހުންނެއް ކަމަކު، އެމީހުންނާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.
އަމިއްލަ މައިމީހާ ކުރި ނުބައި އެތައް ފާފައެއްގެ ވާހަކަ އަޑު އިވެމުންދިޔަ ވަރަކަށް ޒަޔާނުގެ ހިތް ކަތިލެވެމުން ދިޔައެވެ. އަޑު އިވުނީ ނާޒިރާ ކުރި މަދު ފާފައެއްގެ ވާހަކައެވެ. ކަފުންކޮށްފައިވާ ކިތަށް ސިއްރު އޮތްކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ޒަޔާނުގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އޭނާ ވަކީން ލަދުގަތީ އެ ހުރިހާ ކަމެއް ހިނގަމުން ދިޔައިރު، އެތަނުގައި ބިންޔާ ހުރުމުންނެވެ.
ގަދަކަމުން ކަހަލަ ގޮތަކަށް ނާޒިރާ ގޮވައިގެން ގެއިން ނުކުތް ޒަޔާނަށް ބަލަން ސައީދު ހުރީ، ފެންކަޅިވެފައެވެ. ވެދިޔަ ކަންތަކުގައި ޒަޔާނުގެ ކުށެއް ނެތްއިރު، ހުރިހާ އަދަބެއް ޒަޔާނަށް ލިބޭތީ އޭނާ ދެރަވިއެވެ. ޒަޔާން ހިތްވަރުގަދައެވެ. ނާޒިރާ ކަހަލަ މީހަކު ކޮންމެ މީހަކަށް ނުބެލޭނެއެވެ. އެ ހުރިހާ ކަމަކާއިއެކު، މައިމީހާ ދޫކޮށްނުލައިވޭތޯ ޒަޔާން އެންމެ ފުރިހަމައަށް މަސައްކަތްކޮށްފިއެވެ.
"ދަރިފުޅާ މިޒްޔަލް... ދޭ ގޮސް ކޮއްކޮ ގޮވައިގެން އާދޭ..." ސަރަފިއްޔާ ހުރީ ފެންކަޅިވެފައެވެ. އެތައް ދުވަހަކަށްފަހު، އޭނާގެ ހިތް ޒަޔާނަށް ސާފުވިއެވެ. ޒަޔާނުގެ ހިތްވަރާއި، ދެއްކި އޯގާތެރިކަމުގެ ލާމަސީލު މިސާލުން ސަރަފިއްޔާގެ ހިތް ފަތަހަކުރާކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ.
"މާމާ! އެކަމަކު، ޒަޔާން އެހުރީ ހުރިހާ ކަމެއް ސިއްރުކޮށްގެން..." މިޒްޔަލް ޝަކުވާކުރިއެވެ.
"ދަރިފުޅު ނަމަވެސް އެކަން ކުރާނީ އެގޮތަށް... ދަރިފުޅު ލޯބިވާ މީހަކު ކުށެއް ކުރީމަ، އެ ކުށުގެ ވާހަކަ އެންމެން ކައިރީ ދައްކަން ފަސޭހަވާނެތަ؟..." ސައީދުވެސް ސަރަފިއްޔާގެ ވާހަކައަށް ތާއީދު ކުރިއެވެ.
*********
ލޯބިވާ މަންމަ ގުރައިދޫއަށް ދޫކޮށްލުމަށްފަހު، އެނބުރި މާލެ އައިއިރު، ޒަޔާން ހުރީ މުޅި ދުނިޔެ މަތިންވެސް ފޫހިވެފައެވެ. އެ ހިތުގައި އެތައް ވޭނެއް އަޅަމުން ދިޔައެވެ. އޭނާ އެކަނިވީއެވެ. ބާކީވީއެވެ. އަޅާލާނެ މީހަކު ނެތެވެ.
ގުރައިދޫގައި ނުހުންނަން ނާޒިރާ ކުރި އާދޭހާއި ރުއި ރުއިން ޒަޔާނުގެ ކަންފަތް ކައިރީގައި ގުގުމަމުން ދިޔައެވެ. ޒަޔާން އެގޮތަށް ކަންތައްކުރީ އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނާފައެވެ. އަބަދު ނާޒިރާ ފެންނަ ހިސާބުގައި އޭނާ ހުންނާނީ ކިހިނެއް ހެއްޔެވެ؟ ކިތަންމެ ނުބައިކޮށް އުޅެފައި ހުއްޓަސް ނާޒިރާއަކީ ޒަޔާނުގެ މައިމީހާއެވެ. ނުވަމަހާއި ނުވަ ދުވަހު ބަނޑުގައި ބާއްވައިގެން އެ މަންމަ އުފުލި ވޭން ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟
ޒަޔާން ގެއަށް ވަންނަން ދޮރު ހުޅުވައިލި ވަގުތު، މިޒްޔަލް ގޮވާލި އަޑު އިވުނެވެ.
"ހިނގާ ގެއަށް..." މިޒްޔަލް އެދުނެވެ.
"ދޮންބޭ..." ޒަޔާންގެ ކަރުނަތަކެއް ނުހިފޭއްޓުނެވެ.
އެކަނިވެރި ދިރިއުޅުމެއް އުޅުމަކީ ޒަޔާނަށް ފަސޭހަކަމެއް ނޫނެވެ. ލޯބިވާ އެންމެންނާއި ދުރުގައި އޭނާ އުޅޭނީ ކިހިނެއް ހެއްޔެވެ؟ މިޒްޔަލްއަށް ނޭނގުނު ނަމަވެސް، ޒަޔާން މިޒްޔަލްދެކެ ލޯބިވެއެވެ. މިޒްޔަލްއަށް ގެއްލިފައިވާ މައެއްގެ ލޯބި ދެއްވުން އެދި އޭނާ ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާކުރިއެވެ.
********
ކައިވެނީގެ މަޖިލީހަށް ޒީނަތްތެރިކުރެވިފައިވާ ހޯލަށް މީހުން ވަންނަން ފެށިއެވެ. މެހެމާނުންތަކުން މުޅި ސަރަހައްދު ފުރި ބާރުވަމުން ދިޔައެވެ. ކައިވެނީގެ ހެދުމުގައި ތިބި ޖޯޑު ހޯލުގެ ތެރެއަށް ވަނުމާއިއެކު، އެންމެންގެ ނަޒަރު އެ ޖޯޑަށް ހުއްޓުނެވެ. ތައުރީފުގެ ބަސްތައް އޮހެން ފެށިއެވެ.
ތެޅެމުން ފޮޅެމުން އައިސް ކައިވެނީގެ ހޯލަށް ވަން ޒަޔާން ލައިގަތީ، އެތެރެއިން ނުކުންނަން އައި މީހެއްގެ ގައިގައެވެ. ޒަޔާނުގެ އަތުގައި އޮތް ދެ ފޮށި ބިންމައްޗަށް ވެއްޓުނެވެ.
"ސޮރީ..." މީރާގެ މޫނުން ފެނުނީ ހާސްކަމެވެ.
މީރާ ގުދުވެލީ ބިންމަތީގައި އޮތް ފޮށި ނެގުމަށެވެ. އެވަގުތަކީ ޒަޔާންވެސް ގުދުވެލި ވަގުތުކަމުން، ދެމީހުންގެ ނިތްކުރި ވަރަށް ބާރަށް ޖެހުނެވެ. ފޮށި ނަގައިގެން ޒަޔާން ތެދުވިއިރު، މީރާ ހުރީ ނިތްކުރީގައި ފިރުމާށެވެ. ނުހަނު ކައިރިން މީރާގެ ސޫރަ ފެނުމުން، ޒަޔާންގެ ހިތުގައި އައު ވިންދެއް ޖަހައިލިއެވެ. މީރާ ވަކީން ރީތިހެން އޭނާއަށް ހީވިއެވެ.
"ވަރަށް ތަދުވިތަ؟..." ޒަޔާންގެ ނިތްކުރީގައި އަތް ޖައްސައިލަމުން މީރާ އަހައިލިއެވެ.
(ނުނިމޭ)