ރައީސްގެ ވައުދާ އެއްގޮތަށް ހޯރަފުށީގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށި --

ހއ. ހޯރަފުށީގެ ސިއްޙީ މަރުކަޒު, ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތަށް ފިނޭންސް މިނިސްޓްރީން ބީލަން ހުޅުވާލައިފައެެވެ.

ދައުރު ނިމުމުގެ ކުރިން ހޯރަފުށި ސިއްޙީ މަރުކަޒު އިތުރަށް ބޮޑުކޮށް ހޮސްޕިޓަލެއް ތަރައްގީ ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.

ރައީސް، މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވަމުން ވިދާޅުވެފައިވަނީ އެ މަނިކުފާނު ދެން ހޯރަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާނީ ހޮސްޕިޓަލުގެ މަސައްކަތް ނިންމާފައި ކަމަށެވެ.

ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން ހއ. ހޯރަފުށީ ހޮސްޕިޓަލު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 4.30 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. މަސައްކަތަށް ޝަރުތު ހަމަވާ މީހުން ހޯދުން ކުރިއަށް ގެންދަނީ އިއުލާނުގައިވާ ގޮތުން ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިންނެވެ.

ހޯރަފުށީގައި އަޅައި ހޮސްޕިޓަލްގެ ބިޑްތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ ހަތަރެއް ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11 ޖަހާއިރެވެ.

އާބާދީއަކީ ގާތްގަނޑަކަށް 3،500 މީހުން ތިބި ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތަކީ މިދިޔަ އަހަރުގެ ޖުލައި މަހު ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކޮށްފައި އޮތް މަޝްރޫއެކެވެ. އެ މަޝްރޫއަށް އަހަރުގެ ބަޖެޓުގައި 500،000 ރުފިޔާ ހިމަނާފައިވެއެވެ.

ހޯރަފުށީ ސިއްޙީ މަރުކަޒުގެ ހިންގުން ދޯދިޔާވެ، ތަނުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް ގޮސް ރައްޔިތުންގެ ޝަކުވާ ބޮޑުވާން ފެށުމުން ސަރުކާރުން ނިންމާފައި ވަނީ ދައުރު ނިމުމުގެ ކުރިން އެތަން ހޮސްޕިޓަލަކަށް ބަދަލުކޮށް އިތުރަށް ތަރައްގީ ކުރުމަށެވެ.

މި ފަހުން ވަނީ އެ ރަށު ސިއްޙީ މަރުކަޒުގައި ހުރި ޑޮކްޓަރު ބަލިމީހުން ނުބަލާ މާ ގަދައަށް ނިދާ މައްސަލަ އެއްވެސް ފެންމަތިވެފައެވެ.

މި ދައުރުގެ ތެރޭގައި ހޯރަފުއްޓަށް ކޮށްދީފައިވާ ކަންކަމަށް ބަލާއިރު އެއާޕޯޓެއް އެޅުމާއި ފުޓުބޯޅަ ދަނޑާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، އައިސްޕްލާންޓެއް ވެސް ވަނީ އަޅައިދީފައެވެ.

comment ކޮމެންޓް