ގެމަނަފުށީ ސްޕޯޓްސް ކްލަބުން އެ ރަށުގައި ތްރީ އޮން ތްރީ ދަނޑެއް އަޅައިފި

ގެމަނަފުށީގައި އަޅައިފައިވާ ތްރީ އޮން ތްރީ ދަނޑު --

ގެމަނަފުށީ ސްޕޯޓްސް ކުލަބުން އިސް ނަގައިގެން އެ ރަށުގައި ތްރީ އޮން ތްރީ ޓާފް ދަނޑެއް އަޅައިފިއެވެ.

މިއީ އަމިއްލަ ޖަމްއިއްޔާއަކުން އިސްނަގައިގެން ރާއްޖޭގެ ރަށެއްގައި ތްރީ އޮން ތްރީ ދަނޑެއް އެޅި ފުރަތަމަ ފަހަރެވެ.

ގެމަނަފުށީ ސްޕޯޓްސް ކްލަބުން ބުނީ ރަށުގައި ތްރީއޮންތްރީ ފުޓްބޯޅަ ދަނޑެއް އެޅުމުގެ ވިސްނުމަކީ 2016 ވަނަ އަހަރު އެ ކުލަބުން އިންތިޒާމްކޮށްގެން އެ ރަށުގައި ބޭއްވި އެ ކުލަބުގެ ތިންވަނަ ފުޓްސަލް މުބާރާތުގެ ތެރެއިން އުފަންވި ޚިޔާލެއްކަމަށެވެ. އެ ވިސްނުމާއެކު، މި މަސައްކަތް ކުރުމަށް ޓަކައި ބޭނުންވާ ސާމާނު 2019 ވަނަ އަހަރު ގެމަނަފުއްޓަށް ފޮނުވި ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

ދިމާވި ގިނަ ގޮންޖެހުންތަކާއި އެކި ސަބަބުތަކަހުރެ މި މަސައްކަތް ނުކުރެވި ދިގު މުއްދަތެއް ވޭތުވުމަށްފަހު މަސައްކަތް ކުރުމަށްޓަކައި ބިމެއް ހަމަޖެހުނީ މިދިޔަ ރަމަޟާންމަހުގެ ފަހު ދިހައެއްގެ ތެރޭގައި ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

ކުލަބުގެ މެންބަރުން މި މަސައްކަތް ކުރަން ބޭނުންވެފައިވާ މިންވަރު ބޮޑުކަމުން ބިން ލިބުނު ދުވަހުންފެށިގެން މަސައްކަތް ފެށި ކަމަށާއި އެއީ މި މަހުގެ 13 ވަނަ ދުވަސް ކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ.

އެއާއެކު މި ދަނޑު އީދު ދުވަހަށް ނިންމައި ރަށުގައި ތްރީއޮންތްރީ މުބާރާތެއް ބޭއްވުމަށް ގެމަނަފުށީ ސްޕޯޓްސް ކްލަބުން އިއުލާން ކުރިއެވެ.

ރެޔާއި ދުވާލު ރޯދައަށް ތިބެގެން ކުރި މި ބުރަ މަސައްކަތް ނިންމައި ދަނޑު ހުޅުވާފައިވަނީ މި އޭޕްރީލް މަހުގެ 22ވަނަ ދުވަހުއެވެ.

ދަނޑު ހުޅުވުމަށްފަހު، ތްރީ އޮން ތްރީ މުބާރާތެއް އެ ދަނޑުގައި ހަތް ޓީމަކާއެކު ކުޅެވުނެވެ.

ގެމަނަފުށީ ސްޕޯޓްސް ކުލަބަކީ އެ ރަށުގެ ކުޅިވަރަށް އެ ގިނަ ޚިދުމަތްތަކެއް ކުރަމުން އަންނަ ކުލަބެކެވެ. އެ ކުލަބަކީ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް އިންތިޒާމްކޮށްގެން ހިންގަމުން އަންނަ ކުލަބެއް ވެސް މެއެވެ.

އެގޮތުން، ގެމަނުށީގެ ތާރީޚުގައި ވެސް ބޭއްވުނު ފުރަތަމަ ފުޓްސަލް މުބަރާތް ބާއްވާފައިވަނީ 2012 ވަނަ އަހަރު އެ ކުލަބުންނެވެ.

އެއަށްފަހު، 2014 ވަނަ އަހަރު ގެމަނަފުށީ ދާއިރާއަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވިއެވެ.

މީގެ އިތުރުން، ގެމަނަފުށީ ސްޕޯޓްސް ކުލަބުން އެރަށުގައި ފުޓްސަލް ކޯޗިން ކޭމްޕްތަކެއް ބާއްވައި ކުޑަކުދިންނަށް ހާއްސަ އެކަޑަމީއެއްގެ މަސައްކަތް ވެސް ފެށިއެވެ. ގެމަނަފުށީ ޒުވަނުންނަށް ޚާއްސަކޮށްގެން އެފްއޭއެމްއާއި، ރެފްރީޒް ޑިވޮލަޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީއާއި ގެމަނަފުށީ ކައުންސިލް ގުޅިގެން ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިޔައެވެ.

މި ދަނޑާއެކު ގެމަނަފުށީގެ ޒުވާނުންނަށް ލިބިފައިވާ އުފާވެރިކަން ބޮޑެވެ.

comment ކޮމެންޓް