ވަޓްސްއެޕްގެ ކޮންމެ އެކައުންޓެއް މިހާރު ހަތަރު ފޯނުގައި ބޭނުން ކުރެވޭނެ

ވަޓްސްއެޕްގެ މަލްޓި ޑިވައިސް ފަންކްޝަނަލިޓީ ނުވަތަ އެއް އެކައުންޓެއް ގިނަ ޑިވައިސްތަކުގައިި ބޭނުން ކުރެވޭނެ ފީޗާގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ކުންފުނިން މި ފީޗާ އެންމެ ފުރަތަމަ އިއުލާންކުރީ 2021 ވަނަ އަހަރުއެވެ. ނަމަވެސް އޭރު ބީޓާ ޓެސްޓިން މަރުހަލާގައި އެ ފީޗާ ލިބުނީ މަދު ބަޔަކަށެވެ.

އޭގެ ފަހުން މިދިޔަ އަހަރު, އެ އެޕްލިކޭޝަން ބޭނުންކުރާ ހުރިހާ ފަރާތްތަކަށް މި ފީޗާ ވަނީ ތައާރަފުކޮށްފައެވެ. އެއާއެކު، ވަޓްސްއެޕް އެކައުންޓްތައް އަމިއްލަ ފޯނާއި ކޮމްޕިއުޓަރާއި ލެޕްޓޮޕް އަދި ޓެބްލެޓް ހިމެނޭ ގޮތަށް ހަތަރު ޑިވައިސްއަކަށް ގުޅާލެވޭނެއެވެ. މިހާރު އެ ކުންފުނިން އަންނަނީ މި ފީޗާ އިތުރަށް ފުޅާ ކުރަމުންނެވެ.

އެގޮތުން ވަޓްސްއެޕް އެކައުންޓްތައް މިހާރު ހަތަރު ސްމާޓްފޯނަށް ލިންކް ކުރެވޭނެ ގޮތް ހަދަން ވަނީ ނިންމާފައެވެ.

މި އަޕްޑޭޓް މަސައްކަތް ކުރަނީ މިދިޔަ އަހަރު ތައާރަފުކުރި އޮރިޖިނަލް މަލްޓި ޑިވައިސް ސަޕޯޓް ފީޗާ އާ ތަފާތުކޮށެވެ. ކުރީގެ ފީޗާ މެދުވެރިކޮށް ވަޓްސްއެޕް އިން ލޮގިން ވުމަށް ވަޓްސްއެޕްގެ ޕްރައިމަރީ އެކައުންޓް އިންނަ ފޯނުން ކިއުއާރް ކޯޑް ސްކޭން ކުރަން ޖެހެއެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު ކޮންމެ ފަހަރަކު ޕްރައިމަރީ އެކައުންޓް އިންނަ ފޯނު ބޭނުން ކުރަން ނުޖެހޭނެއެވެ. އެގޮތުން މިހާރު، ޑިވައިސް ލިންކް ކުރެވޭ ގޮތަށް ސްމާޓްފޯނުތަކުގައި ބޭނުން ކުރެވޭނެ ކޯޑެއް އެއްފަހަރާ ލިބޭނެ އެވެ.

ވަޓްސްއެޕުން ބުނީ ލިންކްކުރާ ކޮންމެ ފޯނަކުން ވެސް، ފުރަތަމަ ބޭނުން ކުރި ފޯނާ ނުލައި ވަޓްސްއެޕަށް ގުޅައި، މެސެޖްތަކާއި މީޑިއާ އަދި ކޯލްތައް ހިމެނޭ ގޮތަށް ހުރިހާ ޕާސަނަލް ޑޭޓާއެއް އެންޑް ޓު އެންޑް އެންކްރިޕްޓް ކުރެވޭކަން ކަށަވަރުވާ ކަމަށެވެ. ނަމަވެސް ޕްރައިމަރީ ޑިވައިސް ދިގު މުއްދަތަކަށް (14 ދުވަސް) ވަންދެން އިންއެކްޓިވް ވެއްޖެނަމަ އެ ޑިވައިސްތައް އޮޓޮމެޓިކުން ހުރިހާ ކޮމްޕެނިއަން ޑިވައިސްތަކުން ލޮގް އައުޓްވާނެއެވެ.

ވަޓްސްއެޕުން ބުނީ މި އަޕްޑޭޓް ދުނިޔޭގެ ހުރިހާ ކަސްޓަމަރުންނަށް ދޭން ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މި އަޕްޑޭޓް އެންމެންނަށް ވެސް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ކޮމްޕެނިއަން ޑިވައިސްތައް ވަޓްސްއެޕް އެކައުންޓްތަކަށް ލިންކް ކުރުމަށް ވެސް ލުއި ގޮތްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވަޓްސްއެޕުން ބުނީ ކުރިއަށް އޮތްތަނުގައި މި ފީޗާ އިތުރަށް ފުޅާކޮށް، މިހާރަށް ވުރެ ވެސް ގިނަ ޑިވައިސްތަކުގައި އެއް އެކައުންޓް ބޭނުން ކުރެވޭ ގޮތް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

comment ކޮމެންޓް