މޫސުމީ ބަދަލުތަކާ ގުޅުންހުރި ފަންޑު ގާއިމުކުރަން ކޮމަންވެލްތުގެ އެޑްވައިޒަރެއް ރާއްޖެއަށް

ގއ. މާމެންދޫގައި ރަށް ގިރުން: --- ފޮޓޯ/ މާމެންދޫ ކައުންސިލް

މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި އެ ބަދަލުތަކަށް ހޭނުވުމަށް ކުރާ މަސައްކަތްތަކަށް ޚާއްސަ ފަންޑެއް ހުޅުވުމަށް، ކޮމަންވެލްތުން ރާއްޖެއަށް އެޑްވައިޒަރެއް ކަނޑައަޅައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން "ސަން"އަށް ބުނީ އެ ފަންޑު ގާއިމު ކުރަނީ ކްލައިމެޓް އިމަޖަންސީ ގާނޫނުގެ ދަށުން ކަމަށެވެ. އެ ފަންޑު ގާއިމުކުރުމަށް އެހީތެރިވުމަށް ކޮމަންވެލްތުން ވަނީ ކަމާ ގުޅުން ހުރި މާހިރެއް ކަމަށްވާ ސަގަރު ޖޯޝީ އެޑްވައިޒަރެއްގެ ގޮތުގައި އައްޔަންކޮށްފައެވެ.

އެކަމާ ގުޅިގެން ކޮމަންވެލްތުން ބުނެފައި ވަނީ، އެ ޖަމިއްޔާގެ ޖަނަލް ކްލައިމެޓް ފައިނޭންސް އެޑްވައިޒާ ފޯ އިންޑޯ-ޕެސިފިކް ރީޖަން ސަގަރު ޖޯޝީ، ރާއްޖޭގައި ނެޝަނަލް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑެއް ގާއިމުކުރަން އެންވަޔަރަމެންޓް މިނިސްޓްރީއާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގައި އޭނާ މަސައްކަތް ކުރައްވާނީ ފަންޑު ގާއިމުކުރުމުގެ އިތުރުން ކަމާ ގުޅުން ހުރި ފިޔަވަޅުތަކާއި އިޖުރާއަތްތައް ކަނޑައެޅުމަށެވެ.

ކޮމަންވެލްތުން އެ އެޑްވައިޒަރު ހަމަޖައްސާފައި ވަނީ ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބް (ސީސީއެފްއޭއެޗް)ގެ ދަށުންނެވެ. އެއީ ކޮމަންވެލްތުގައި ހިމެނޭ ކުދި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ޕްރޮގްރާމެކެވެ.

ކޮމަންވެލްތުން ވަނީ ރާއްޖޭހެ އިތުރުން މޮރިޝަސްއާއި ނައުރޫއަށް ވެސް އެޑްވައިޒަރުން ހަމަޖައްސާފައެވެ.

ސީސީއެފްއޭއެޗްއިން ވަނީ އެކި ގައުމުތަކުގައި ކުރިއަށްގެންދާ މޫސުމާ ގުޅުން ހުރި 67 މަޝްރޫއަކަށް އެހީގެ ގޮތުގައި މިހާތަނަށް 250 މިލިއަން ޑޮލަރު ހޯދައިދިނުމުގައި ބައިވެރިވެފައެވެ.

comment ކޮމެންޓް