ވެމްކޯއިން ވިއްކާ ބިންލައިނާގެ އަގުތައް އެ ކުންފުނިން މިއަދު އާއްމުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކޮންމެ ޕްލާސްޓިކް ކޮތަޅަކުން، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ނަގަން ވަނީ ފަށައިފައެވެ. އެކަމާ ގުޅިގެން ކުނި އުކާލަން ވެސް ބޮޑު އަގުގައި ކޮތަޅު ގަންނަން ޖެހޭ ކަމުގެ ޝަކުވާ އާއްމުންދަނީ ކުރަމުންނެވެ.
އެކަން ހައްލުކުރުމުގެ ގޮތުން ވެމްކޯއިން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކޮތަޅު ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ނަމަވެސް އޭގެ ކުރިން ކޮންމެހެން ބޭނުންވާތީ، ބިންލައިނާ އާއްމުންނަށް ފޯރުކޮށްދެން ނިންމާފައިވާ ކަމަށް ވެސް ވެމްކޯއިން އިއްޔެ ވަނީ "ސަން"އަށް ބުނެފައެވެ. އޭރު ބިންލައިނާގެ އަގުތައް އާއްމުކޮށްފައި ނުވާއިރު މިއަދު ވެމްކޯއިން ބިންލައިނާގެ އަގުތައް މިވަނީ އާއްމުކޮށްފައެވެ.
ވެމްކޯއިން ވިއްކަނީ ކަޅާއި ފެހި ކުލައިގެ ބިން ލައިނާއެވެ. އެ ކުންފުނިން ވިއްކަނީ ލާޖު ސައިޒުގެ 100 ބިންލައިނާ 35 ރުފިޔާއަށެވެ. އަދި ޑަބަލް އެކްސް ލާޖު ސައިޒުގެ 100 ބިންލައިނާ 165 ރުފިޔާއަށް ވިއްކާއިރު ޓްރިޕަލް އެކްސް ލާޖު ސައިޒުގެ 50 ބިންލައިނާ ވިއްކާނީ 165 ރުފިޔާއަށެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފެށި ނަމަވެސް ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ"އިން ދެ ރުފިޔާގެ ފީ ނަގަން ނުޖެހޭގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ވެމްކޯއިން ބުނީ އެގޮތުން ތައާރަފުކުރެވޭ ކޮތަޅު އެ ކޯޕަރޭޝަންގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރަންޓް އޮފީސްތަކުން، ލިބެން ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ވެމްކޯއިން ތައާރަފުކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.