ރާއްޖޭގައި ހުރި އިންޑިއާގެ ވިޔަފާރިތައް ހިމާޔަތް ކުރަން ރައީސް ނަޝީދު އިންޑިއާ ސަރުކާރުގައި އެދިއްޖެ

ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ އިންޑިއާ ވިޔަފާރިވެރިންގެ އިންވެސްޓްތައް ހިމާޔަތް ކޮށްދިނުމަށް އިންޑިއާ ސަރުކާރުގެ އެހީއަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އެމްޑީޕީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް ނަޝީދު މިހާރު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގައި އިގްތިސޯދު ހަރުދަނާ ކުރުމަށް ތިން އަހަރުތެރޭ ކުރި މަސައްކަތުގެ ތެރެއިން އިންޑިއާގެ ވިޔަފާރިވެރިން ރާއްޖޭގައި 873 މިލިއަން ޑޮލަރުގެ އިންވެސްޓްކޮށްފައިވާ ކަމަށާއި އެ އިންވެސްޓް މަންޓްތައް ހިމާޔަތް ކުރަން ޖެހޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރަށް ދެންނެވި ކަމަށެވެ.

ވެރިކަން ވެއްޓުމަށް ފަހު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ ފެބުރުއަރީ 6،7، އަދި 8 ގައި ހިނގައި ދިޔަ ކަންތައްތަކުގެ ތަފްސީލުދެއްވައިފަ އެވެ. އަދި ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ސަރުކާރުން ލާއިންސާނީ އަމަލުތައް ހިންގާ ކަމަށް ވެސް ބޮޑުވަޒީރުގެ އަރިހު ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޑރ. މަންމޯހަން ސިންހު ދެއްކެވި ވާހަކަފުޅުގައި އިންޑިއާގެ އެހީއާ އެކު އެކުލަވާލެވިފައިވާ ސުލްހައިގެ ރޯޑްމެޕަށް އަމަލުކުރަން ޖެހޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވި ކަމަށް އެމްޑީޕީ އިން ބުންޏެވެ. އަދި ވިދާޅުވީ ފޮރިން އިންވެސްޓަރުން ރާއްޖެ ގެނެސް ރަނގަޅު މާހައުލެއް ހޯދައި ދިނުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތަށް މަރުހަބާ ކިޔާ ކަމަށާއި ރާއްޖޭގައި ޑިމޮކްރަޓިކް ސަރުކާރެއް އޮތުމަށް އެ ގައުމުން އަބަދު ވެސް ތާއީދުކުރާނެ ކަމަށް ވިދާޅުވި ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.

ރައީސް ނަޝީދުގެ އެ ދަތުރުފުޅުގައި މުމްބާއީގެ ވިޔަފާރި ވެރިންނާ ވެސް ނަޝީދު ބައްދަލުކުރެއްވި ކަމަށް އެމްޑީޕީ އިން ބުންޏެވެ. ރައީސް ނަޝީދު އިންޑިއާ އަށް ވަޑައިގެން އުޅުއްވަނީ އެމްޑީޕީ އަށް އިންޑިއާ ސަރުކާރުގެ ތާއީދު ހޯދުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު