ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރު ކަމަށް، މ. ލޭންޑްއޮފްގާޑްން، ފާޠިމަތު ޝިރުވީން މިއަދު ޢައްޔަންކުރައްވައިފިއެވެ.
އޭނާ އެ ބޯޑަށް އައްޔަންކޮށްފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގައިވާ ގޮތުގެ މަތިން، ގާނޫނީ ދާއިރާއިންނެވެ.
އެ ބޯޑުގެ މެންބަރަކަށް ޢައްޔަންކުރެއްވުމާ ހަމައަށް ޝިރުވީން މަސައްކަތް ކުރައްވަމުން ދިޔައީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. އަދި، މިހާރު ވެސް ޝިރުވީން އަކީ ފެމެލީ ލީގަލް ކްލިނިކް (އެންޖީއޯ)ގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.
ޝިރުވީން ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކެމްބްރިޖުން މާސްޓާސް އޮފް ލޯ ހާޞިލް ކުރައްވައިފައެވެ.
ޕިސީބީ ބޯޑަކީ 2013ވަނަ އަހަރު އުފައްދައިފައިވާ ބޯޑެކެވެ. ބޯޑު އުފައްދައިފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުންނެވެ.
މި ބޯޑުގެ ރައީސް އައްޔަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ރުހުމާ އެކުގައެވެ.