ކޮވިޑް-19 ޖެހިގެން މިދިޔަ ހަފުތާގައި ދެ މީހަކު މަރުވިކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކައިފިއެވެ.
އެޗްޕީއޭއިން ކޮންމެ ހަފުތާއަކު އާއްމުކުރާ ކޮވިޑު ތަފާސްހިސާބުގެ ތެރެއިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 313އަށް އަރާފައެވެ. މީގެ ހަފުތާއެއް ކުރިން އެ އަަދަދު ހުރީ 311ގައެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި ކޮވިޑުޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފުތާގައި ޖުމުލަ 199 މީހުން ކޮވިޑަށް ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފައިވާއިރު ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެއީ 137 މީހުންނެވެ. އަދި އަތޮޅު ތެރެއިން 17 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެހެން ސަރަހައްދުތަކުން 45 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އޭގެ ކުރީ ހަފުތާގައި ކޮވިޑު ޖެހިގެން 148 މީހަކު ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 100 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން 11 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެހެން ސަރަހައްދުތަކުން ބަލި ޖެހުނީ 37 މީހުންނަށެވެ.
މީގެ އިތުރުން ކޮވިޑު ޖެހިގެން އެޑްމިޓް ކުރި މީހުންގެ އަދަދު ވެސް ވަނީ މިދިޔަ ހަފުތާގައި އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފުތާގައި، ކޮވިޑު ޖެހިގެން 35 މީހަކު އެޑްމިޓްކޮށްފައިވާއިރު، އޭގެ ކުރީ ހަފުތާގައި ކޮވިޑު ޖެހިގެން އެޑްމިޓްކުރީ 28 މީހުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑު ކޭސްތަކާއި އެ ބަލީގައި އެނދުމަތި ކުރާ މީހުންގެ އަދަދު ވެސް ވަނީ ދަށްވެފައެވެ. ނަމަވެސް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑު ކޭސްތަކާއި އެ ބަލީގައި އެނދުމަތި ކުރާ މީހުންގެ އަދަދު ވެސް ކޮންމެ ހަފުތާއަކު އަންނަނީ އިތުރުވަމުންނެވެ.
މިއާއެކު، ރާއްޖެއިން ކޮވިޑު ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ވަނީ 186،241އަށް އަރާފައެވެ.