ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަކީ އަނިޔާއާ ދެކޮޅަށް އެޅުނު މުހިންމު ފިޔަވަޅެއް: އެޗުއާރުސީއެމް

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަކީ ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ދިވެހި ރާއްޖޭގައި އެޅިގެން ދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމުން) ބުނެފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު މިއަދު ތަސްދީގު ކުރައްވާފައި ވާތީ އެކޮމިޝަނުން މަރުހަބާ ކިޔާ ކަމަށާއި ގެވެށިއަނިޔާ، އަދި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ދިވެހި ރާއްޖޭގައި އެޅިގެން ދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށެވެ.

"އަދި މި ގާ ފުރިހަމަ ގޮތުގައި ތަންފީޒުވެ، ރައްޔިތުންނަށް އޭގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ޓަކައި ބޭނުންވާ އެންމެހާ ކަންކަން ވީއެންމެ އަވަސް ފުރުޞަތެއްގައި ހަމަޖައްސާދެއްވުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަން،" ބަޔާނުގައިވެ އެވެ.

އެޗްއާރްސީއެމުން ބުނެފައި ވަނީ އަނިޔާ އިން މިމުޖުތަމަޢު ސަލާމަތްކުރެވޭނީ ދަޢުލަތާއި އާންމުފަރުދުންނާއި މަދަނީ ޖަމުޢިއްޔާތަކާއި އަދި ވެސް މަސައްކަތްކުރަން ތިބި ހުރިހާ ފަރާތެއްގެ ފުރިހަމަ އެއްބާރުލުމާއި ތާޢީދާއެކުގައި ކަމަށާއި ޤާނޫނުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް، ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން ވެސް ކުރުމަށް ކޮމިޝަނުން ބާރުއަޅާ ކަމަށެވެ.

ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭ ގާނޫނު ތަސްދީގު ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވީ ގާނޫނުގައި ބުނެފައިވާ ގޮތަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއެއް އުފައްދައި އެ އޮތޯރިޓީގެ ބޯޑަށް ހަމަޖައްސަވަން ޖެހޭ ހަތް މެންބަރުން ވަރަށް އަވަހަށް އައްޔަން ކުރައްވާނެ ކަމަށެވެ.


"މި ގާނޫނު ހިނގާ ނުހިގާގޮތް ބަލާ ތަންފީޒު ކުރުމަށް ޓަކައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއެއް މި ގާނޫނު ބުނާ ގޮތުން އުފައްދަން ޖެހޭ. އަދި އެފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ ހިންގުމަށް ޓަކައި ހަތް މެންބަރުންގެ ބޯޑް އިރާދަ ކުރެއްވިއްޔާމު މާލަސްތަކެއް ނުވެ އަޅުގަނޑު އައްޔަންކުރާނަން، ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ވެސް ކުރަނީ އަންހެނުންނަށް ކަމަށާއި އެމަނިކުފާނަށް އެނގިވަޑައިގެންނަވާ ގޮތުގައި ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކީ އެމީހެއްގެ ހަޔާތުގައި ކޮންމެވެސް ސިފައެއްގައި އަނިޔާ ލިބިފައިވާ މީހެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު