ކޮމިޝަންގެ އެކުލެވުން ބަދަލު ނުކުރަނީސް އެހީތެރިކަމެއް ނުދެވޭނެ: ސީމެގް

ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަންގެ އެކުލެވުމާއި އެ ކޮމިޝަނުން ބަލާ ކަންތައްތައް ބަދަލު ނުކުރަނީސް އެހީތެރިކަން ނުދެވޭނެ ކަމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން މިއަދު ބުނެފި އެވެ.

ފަންނީ އެހީ ހޯދުމަށް ސީމެގްގައި އެދިފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމަށް އިޖާބަ ދީފައި ނުވާކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނިކޮށް ސީމެގުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޮމަންވެލްތުގެ އެފަދަ އިލްތިމާސަކަށް އިޖާބަ ނުދީ އޮއްވައި އެކޮމިޝަނަށް ކޮމަންވެލްތުގެ ސީނިއަ އެޑްވައިޒަރެއް ފޮނުވުމަކީ ކުރަން އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

ސީމެގްގެ އެހީ ރާއްޖެއަށް ދިނުމާ ބެހޭ ގޮތުން މީޑިއާއިން އުފައްދާފައިވާ ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ސީމެގުން ނެރުނު ބަޔާނުގައި ވަނީ، ނެޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތް ފަށާފައިވާ އިރު ޕާޓީތަކުގެ އެއްބާރުލުން ހޯދުމުގައި އެ ކޮމިޝަން ފޭލްވެފައިވާކަން ފެބްރުއަރީ 16 ވަނަ ދުވަހު ސީމެގުން ބޭއްވި ޓެލެކޮންފަރެންސަށް ފަހު ފާހަގަކޮށްފައި ވާނެ ކަމަށާއި ކޮމިޝަނަށް އެހީތެރިކަން ދޭނެ ކަމަށް ވެސް ބުނެފައި ވާނެ ކަމަށެވެ. އަދި އޭގެ ފަހުން ރާއްޖެ ވަޑައިގެންނެވި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާގެ ހާއްސަ ސަފީރު ސާ ޑޮނަލްޑް މެކްކިނަން ރާއްޖޭގެ ސިޔާސީ ޕާޓީތަކާ އެކު ބޭއްވެވި މަޝްވަރާތައް ވެސް ބޮޑަށް އަމާޒުކުރެއްވީ ކޮމިޝަނާ މެދު ޕާޓީތައް އެއްބަސްވުމަކަށް ގެންނެވުމަށް ކަމަށެވެ.

އަދި ކޮމިޝަން އިސްލާހު ކުރުމަށް ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ 16 އޭޕްރީލްގައި ސީމެގުން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ވެސް މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

"އެފަދަ އިސްލާހުތައް ނުގެނެވި ވަނިކޮށް، ކޮމިޝަންގެ މަސައްކަތުގެ ތެރެއަށް ސީނިއަ އެޑްވައިޒަރެއް ލުމަކީ އެކަށީގެންވާ ކަމެއް ކަމަކަށް ނުފެނުނެވެ." ސީމެގްގެ ބަޔާނުގައިވެ އެވެ.

ސީމެގުން އަދި ބުނެފައި ވަނީ ކޮމިޝަނާ މެދު ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލްގެ ސަފީރާއި ކޮމަންވެލްތު ސެކްރެޓޭރިއަޓުން އަންނަނީ ދިވެހި ސަރުކާރާ ވާހަކަ ދައްކަމުން ކަމަށެވެ.

"ނެޝަނަލް އިންކުއަރީ ކޮމިޝަންގެ އެކުލެވުމާއި އެ ކޮމިޝަނުން ބަލާ ކަންތައްތައް ބަދަލުކުރިހާ އަވަހަކަށް އެ ކޮމިޝަނަށް އެހީވުމަށް ކޮމަންވެލްތު އޮތީ ތައްޔާރަށެވެ." ބަޔާނުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު