ފުވައްމުލަކުގައި އެކްސިޑެންޓުވި ޒުވާނާގެ ހާލު އަންނަނީ ރަނގަޅުވަމުން: އާއިލާ

އޭޑީކޭ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުވައްމުލަކު ސިޓީގައި ކުޑަކުދިންތަކެއް ފެންޖަހަން އުޅެނިކޮށް، އޭގެން ރެކެން މަސައްކަތްކުރުމުގެ ތެރޭގައި އެކްސިޑެންޓުވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ފިނިބުރެއް ޖަހާލަން ނުކުމެ އުޅުން 20 އަހަރުގެ ޒުވާން އަންހެން ކުއްޖަކު މަގުމަތީގައި ކުލަޖަހަން ތިބި ގުރޫޕަކުން ހުއްޓުވައި އޭނާގެ ގައިގައި ކުލަ އުނގުޅިއެވެ.

އެއަށްފަހު، އޭނާ ނައްޓާލަން އުޅެނިކޮށް އެ ސަރަހައްދުގައި ފެން ޖަހަން އުޅުނު ކުޑަކުދިންތަކެއް އޭނާގެ ކުރިމައްޗަށް އެރީއެވެ. އެ ހިސާބުން އޭނާ ކަހާލައިގެން ވެއްޓުނީއެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު، އެ ޒުވާނާގެ ނޭފަތުންނާއި ކަންފަތުން ލޭ އާދެއެވެ. އެ ވަގުތު އޭނާއަށް އައިސީޔޫގައި ފަރުވާދިން އިރު، ސިކުނޑިއަށް ވެސް ލޭ އެޅިފައިވާކަމަށް ޑޮކްޓަރުން ބުންޏެވެ.

ރޭ މެންދަމު އެ ޒުވާނާވަނީ އެމަޖެންސީގައި މާލެ ގެނެވިފައެވެ. އަދި މިހާރު އޭނާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެެވެ.

ޒުވާނާގެ ބައްޕަ "ސަން"އަށް ބުނީ މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ ބައްޕަ ބުންޏެވެ.

"ސިކުނޑިއަށް ލޭ އެޅުނު. އެކަމަކު އެޅުނު ލޭ ކަންފަތުން ބޭރުވީ ކަމަށް ޑޮކްޓަރުން ބުނީ،" ޒުވާނާގެ ބައްޕަ ކިޔައިދިނެވެ.

މިހާރު ދަރިފުޅާ ވާހަކަ ވެސް ދެއްކޭ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

ފުވައްމުލަކުގައި އިއްޔެ ވަނީ އިތުރު ދެ އެކްސިޑެންޓެއް ވެސް ހިނގައިފައެވެ. އޭގެން އެކްސިޑެންޓެއްގައި އަނިޔާވި 61 އަހަރުގެ މީހަކު ވެސް ވަނީ މާލެ ގެނެސްފައެވެ.

އެ ތިން އެކްސިޑެންޓުގެ މައްސަލަ ވެސް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

comment ކޮމެންޓް