މާލެ ސަރަހައްދުގައި މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުން ކުރީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކަރަންޓް ބޭނުންކޮށްފައިވާ މިންވަރުގެ ތަފާސް ހިސާބުތައް ޓްވިޓާގައި ހިއްސާކުރައްވައި ޝަރީފް ވިދާޅުވީ، މިމަހުގެ 11 ވަނަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު 92.5 މެގްވޮޓަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެ އަދަދު އިތުރު ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ސްޓެލްކޯއަށް ދުވާލެއްގެ މައްޗަށް މައްޗަށް އުފެއްދެނީ 120 މެގަވޮޓުގެ ކަރަންޓެވެ.
މި ދުވަސްވަރަކީ މުޅި އަހަރު ތެރޭގައި ވެސް ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރެވެ. އެއާއެކު ގޭބިސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު ވެސް އިތުރުވެގެން ދެއެވެ.
އޭޕްރީލް މަހާއި މޭ މަހަކީ ރާއްޖެއަށް މިއަހަރު އެންމެ ހޫނު ގަދަ ވާނެ ދުވަސްތައް ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފައިވެއެވެ. އަދި މިދުވަސްވަރާ ފާއިތުވި ރަމަޟާން މަހާ ދިމާވުމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެގެން ދިޔަ ކަމަށް ސެޓްލެކޯއިން ބުނެފައިވެއެވެ.
އެގޮތުން، އެހެން ދުވަސްވަރުތަކާއި ޚިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް ކަރަންޓު އުފައްދަންޖެހޭ މިންވަރު އިތުރުވެފައި ކަމަށް ސްޓެލްކޯގެ ތަފާސްހިސާބުތައް ދައްކައެވެ. ސްޓެލްކޯއިން ވަނީ ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، ކަރަންޓު އިގްތިސާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.
މި ދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައިހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވެއެވެ.