ފިތުރު ޢީދު ފާހަގަކުރުމުގެ ގޮތުން މ. މުލަކުގައި އެ ރަށުގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ކޮމިއުނިޓީ އެމްޕަވަމަންޓް ލިންކޭޖް (ސެލް)އިން މުޅި ރަށަށް ހުޅުވައިލައިގެން ފޯރިގަދަ މަސްރޭހެއް ބާއްވައިފިއެވެ.
"ޒީ ވެންޑް މަސްރޭސް 2023"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތަކީ ކޮންމެ އަހަރެއްގެ ފިތުރު އީދާ ދިމާކޮށް އެ ރަށުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި މި އަހަރު އެ ރަށުން 16 ޓީމެއް ބައިވެރިވިއެވެ.
މުބާރާތުގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތުން ބައިވެރިން މަހަށް ފުރީ އިއްޔެ ހަވީރު 04:00 ގައެވެ. ރަށަށް އެނބުރި އަންނަން އޮތީ ރޭގަނޑު 09:00ގައެވެ.
ބައިވެރިވި ޓީމުތަކުގެ މެދުގައި ވަނަ ހޮވުމުގައި ގިނަ ކަންތައްތަކަކަށް ބަލައިފައިިވާއިރު އެންމެ ބޮޑު މަސް ބޭނި މަސްވެރިޔާއާއި އެންމެ މޮޅު ތިން ޓީމަކަށް ވަނަ ވަނީ ދީފައެވެ. މީގެ އިތުރުން ބައިވެރިވި އަންހެން ޓީމުތަކުގެ މެދުގައި ވެސް އެންމެ މޮޅު ޓީމު ހޮވައިފައިވެއެވެ.
މި މުބާރާތް އިންތިޒާމުކުރި ސެލް ޖަމިއްޔާއިން ބުނި ގޮތުގައި މި އަހަރު އޮތް މުބާރާތަކީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު މުބާރާތެވެ.
"އެންމެ ފުރަތަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މުބާރާތް މިގޮތަށް ކުރިއަށް ގެންދިއުމުގައި ޒީވެންޑުގެ ފަރާތުން ލިބުނު އެހީތެރިކަން. އަޅުގަނޑުމެންނަށް ފުރަތަމަ މުބާރާތް ގެންދެވުނީ ވެސް ޒީވެންޑުން އެދުނީމާ. އެގޮތަށް އަޅުގަނޑުމެން ވަަރަށް އުފާވި ދެވަނަ މަސްރޭހަށް ވެސް ޕްރޮޕޯސަލް އައިމަ،" އެ ޖަމިއްޔާގެ ޗެއާމަން މުހައްމަދު ލަތީފް ވިދާޅުވިއެވެ.
މަސްރޭހުގެ ވަނަތައް ގެންދިޔަ ފަރާތްތައް:
- އެންމެ ބަރު މަސް ބޭނި މީހާ: އިބްރާހިމް ޖަމީލް/ މިސްޔޫ މަސްޓީމް
- ތިންވަނަ ޓީމް: ފިނިފެންމާ ދޭއް/ 62.50 ކިލޯ މަސް
- ދެވަނަ ޓީމް: މިސްޔޫ މަސްޓީމް/ 81.14 ކިލޯ މަސް
- ފިސާރި ކަނބަލުންގެ ޓީމް: މުޑަ ހަންޓާ/ 38.36 ކިލޯ މަސް
- އެއްވަނަ ޓީމް: ފިނިފެންމާ އެކެއް
އެއްވަނަ ދިޔަ ފިނިފެންމާ ޓީމުގެ ބައިވެރިއަކު "ސަން"އާ ވާހަކަދައްކަމުން ބުނީ މުބާރާތުގައި ބައިވެރިވީ މޮޅުވުމުގެ އުންމީދާއެކުކަމަށެވެ. މިއީ އެ މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ ވަރަށް ބޮޑު ކަމެއް ކުރެވުނު ކަހަލަ ކަމެއްގެ ގޮތުގައި މި ކަން ސިފަކުރާނީ. އަންނަ އަހަރު ހަމަ އަޅުގަނޑުމެން މި ތިބީ ބައިވެރިވާ ގޮތަށް. ހަމަ ޗެމްޕިއަންކަން ދިފާއުކުރުމަށް ޓަކައި،" އޭނާ ބުންޏެވެ.
މުލަކުގައި އަމިއްލަ ޖަމިއްޔާއަކުން ކުރިއަށް ގެންދިޔަ މި މުބާރާތަށް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.