އެމްބާއްޕޭގެ ދެ ގޯލުން ޕީއެސްޖީއަށް މޮޅެއް

އެމްބާއްޕޭއާއި މެސީ ---

ފްރެންޗު ލީގުގައި ކީލިއަން އެމްބާއްޕޭ އެންގާސް ކޮޅަށް ޖެހި ދެ ގޯލުން ޕީއެސްޖީން އެ ޓީމު ބަލިކޮށްފިއެވެ.

ރޭ އެންގާސްގެ އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީން އެޓީމު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗު ކޮންޓްރޯލްކޮށްގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޕީއެސްޖީން ކުޅުނު ނަމަވެސް ދެ ޓީމުން ވެސް ވަނީ މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

އެގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި އެންގާސްގެ އިބްރާހިމާ ނިއާނޭއަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. ޕީއެސްޖީގެ އޭރިއާ ތެރޭގައި ހުރެ އޭނާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާއެވެ.

ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ޕީއެސްޖީން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ޖުއާން ބާނެޓު ނެގި ހުރަހަކުން އެ ގޯލު ޖެހީ އެމްބާއްޕޭއެވެ.

މެޗުގެ 26 ވަނަ މިނެޓުގައި އެމްބާއްޕޭ ވަނީ އޭނާގެ ދެވަނަ ގޯލުޖަހައި ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ. ލިއޮނަލް މެސީ ދިން ތްރޫ ޕާހެއް ހިފަައިގެން ގޮސް އެމްބާއްޕޭ އެ ގޯލު ޖެހީ އެންގާސްގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހުއެވެ.

އެންގާސްއިން މެޗުގައި ޖެހި ހަމަހައެކަނި ގޯލު ޖަހައިފައިވަނީ މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށެވެ. އެ ގޯލަކީ އެންގާސްގެ އަބްދުﷲ ސީމާ ނެގި ހުރަހަކުން ސަޑާ ތިއޯބް ވަނީ ޕީއެސްޖީގެ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

އެ މޮޅާއެކު ޕީއެސްޖީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 32 މެޗު ކުޅެ 75 ޕޮއިންޓު ހޯދައިގެންނެވެ. އެ އަދަދަށް މެޗު ކުޅެ ލިބުނު 14 ޕޮއިންޓާއެކު މެޗުން ބަލިވި އެންގާސް އޮތީ ތާވަލުގެ ފުލުގައެވެ.

comment ކޮމެންޓް