މިއަދު ހެނދުނު އީދު ބޯކިބާ ލިބުނުތަ؟

އީދާ ގުޅިގެން ދިވެހިންގެ ތަފާތު އާދަތަކެއް ގެންގުޅެއެވެ. އީދުގެ ކުރީން އީދު ނަމާދަށް އާ ގަމީހެއް ނުވަތަ ހެދުމެއް ގަތުމަކީ ދިވެހިންގެ ތެރޭގައި އާންމު ކަމެކެވެ. އޭގެއިތުރުން އީދު ދުވަހުގެ ހެނދުނަށް ބޯކިބާ އެޅުމަކީ ވެސް އީދު ދުވަހުގެ ވަރަށް ހާއްސަ ކަމެކެވެ.

އީދު ދުވަހު އީދު ނަމާދުން ގެއަށް ދާގޮތަށް އާއިލާ އެއްކޮށް ސައިބޯން އިށީނުމަކީ ވަރަށް ގިނަ ގޭގޭގައި އާންމު ކަމެކެވެ. ސައިބޯން ހުންނާނީ ގިނަ ފަހަރަށް ކުޅި ބޯކިބާ އާއި ފޮނި ބޯކިބާއެވެ. މިިއީ ވަރަށް ގިނަ ބައެއްްގެ ކުޑައިރުގެ ހަނދާނާ ވެސް ގުޅިފައިވާ ކަމެކެވެ.

"އެންމެ ކުޑައިރުން ވެސް ހަނދާން ވޭ މަންމަމެން އެންމެން އީދު ދުވަހަށް ބޯކިބާ ތައްޔާރު ކުރާ ހަނދާން. އަހަރެން ވެސް ކޮންމެ އަހަރަކު ބޯކިބާ އަޅަން އީދަކާ ގުޅިގެން،" އުމުރުން 46 އަހަރުގެ ރަޝީދާ އާދަމް ބުންޏެވެ.

އީދު ދުވަހުގެ ހެނދުނަށް ބޯކިބާ ތައްޔާރު ކުރުމުގެ މަސައްކަތް ކުރާނީ ރޯދަ މަހުގެ ފަހު ދުވަހުގެ ރޭގަނޑުގައެވެ. ގިނަ ފަހަރަށް ރޯދަ މަހުގެ ފަހު ދުވަހު ހަނޑޫ ފެނަށް ލާނީ ރޭގަނޑު ފަސްކޮށްލާފައި ބޯކިބާ ތައްޔާރު ކުރުމަށް ރާވައިގެންނެވެ.

ރަޝީދާ ފަދައިން ގިނަ ބަޔަކަށް އީދު ބޯކިބާގެ އާދަ ލިބިފައިވަނީ އެމީހުންގެ އާއިލާގެ ފަރާތުންނެވެ. އެތައް ޒަމާނެއް ވަންދެއް ދިވެހިންގެ ތެރޭގައި ބޯކިބާ އެޅުމުގެ އާދަ ވަނީ އާންމުވެފައެވެ. ކުރީގައި ކޮންމެ ގެއެއްގައި ހެން އީދު ދުވަހުގެ ހެނދުނަށް ހަދާނީ ބޯކިބާއެެވެ. ނަމަވެސް މިއީ މަޑު މަޑުން ނެތެމުން އަންނަ އާދަައެކެވެ.

ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ގިނަ ފަހަރަށް މިހާރު މި އާދަ އަންނަނީ ނެތެމުންނެވެ. ހާއްސަކޮށް އާއިލާ އާ ދުރުގައި އުޅެމުން އަންނަ ޒުވާނުންގެ މެދުގައި މި އާދަ އަންނަނީ ކޮންމެވެސް ވަރަކަށް ނެތެމުންނެވެ.

"މިހާރު މި ހުންނަނީ ކުދިން ބަހައްޓާ ގެއެއްގައި. އެހެންވީމާ އަމިއްލައަށް ކައްކައި ހަދައެއް ނޫޅެވޭ،" އުމުރުން 23 އަހަރުގެ އަލީ އަރީން ބުންޏެވެ.

އަރީން ބުނާގޮތުގައި އީދު އަންނަ އިރަށް އެންމެ ބޮޑަށް ހަނދާން ވަނީ މަންމަ އަޅާ ބޯކިބާ މަތިންނެވެ. އީދެއްގައި މަންމަ އާ ދުރުގައި މާލޭގައި ހުންނަން ޖެހޭ ފަހަރެއްގައި އީދު ފުރިހަމަ ވާ ކަމުގެ އިހުސާސް ނުކުރެވޭ ކަމަށް އަރީން ބުނެއެވެ.

އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި ބޯކިބާގެ އާދަ ނެތެމުން އަންނަނީ އަރަބި އާދަތަކާ ގުޅިގެންނެވެ.

"މިހާރު ގިނަ ބަޔަކަށް ވިސްނެނީ އީދު ކަމަށް ވާނީ އަރަބިން ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން އެމީހުން ކާ ގޮތަށް އެއްޗެހި ކެއުމުން ކަމަށް،" އުމުރުން 30 އަހަރުގެ ޝާރިފް ސައީދު ބުންޏެވެ.

އެ އާދަތައް މަތި ކުރެވި ދިވެހިންގެ އާދަތަކާއި ސަގާފަތް ގޯސް ކުރުމަށް ބަޔަކު މަސައްކަތް ކުރަން އުޅޭ ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. މިއީ ދިވެހިން އެހެން ބައެއް އާދަތަކާއެކު ބޯކިބާ އެޅުމުގެ އާދަތައް ވެސް ނެތިގެން ދާން އުޅޭ ކަމުގެ ސަބަބަށް ވެދާނެއެވެ.

ކޮންމެއަކަސް އަދިވެސް މަދުން ނަމަވެސް ގޭގޭގައި އީދަށް ބޯކިބާ އަޅައި އުޅެއެވެ. މިފަހަރުގެ އީދު ދުވަހުގެ ހެނދުނަށް މިއަދު އާއިލާ މީހަކު ބޯކިބާއެއް އެޅި ހެއްޔެވެ؟ އަދި އީދު ދުވަހަށް އެޅި ބޯކިބާއެއް ކާން ލިބުނީ ކޮން ބަޔަކަށް ހެއްޔެވެ؟

އީދު މުބާރިކް!

comment ކޮމެންޓް