ޔަޝް ޗޯޕްރާގެ އަންހެނުން މަރުވެއްޖެ

ރީތި ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ކުރީގެ ޑައިރެކްޓަރު ޔަޝް ޗޯޕްރާގެ އަންހެނުން ޕަމޭލާ ޗޯޕްރާ މަރުވެއްޖެއެވެ.

ޕަމޭލާ މަރުވެފައިވަނީ ބަލިވެގެން ފަރުވާދޭތާ 15 ދުވަސްފަހުންނެވެ. ޢުމުރުން 74 އަހަރުގައި ޕަމޭލާ މަރުވެފައިވާއިރު ޔަޝް ޗޯޕްރާއާއި ދެމީހުންގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެއެވެ. އެއީ ޔަޝް ރާޖް ކުންފުނީގެ އިސް ވެރިޔާ އަދިތްޔާ ޗޯޕްރާއާއި ހަގު ދަރިފުޅު އުދޭ ޗޯޕްރާއެވެ.

ޔަޝް ރާޖް ކުންފުނީގެ ދިގު ތާރީޚުގައި ޕަމޭލާއަކީ އެކުންފުންޏަށް ވަރަށް މުހިއްމު އެހާމެ އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ ފަރާތެކެވެ. ހާއްސަކޮށް ފިރިމީހާ ޔަޝްގެ ފިލްމީ ކެރިއަރު ކާމިޔާބުވުމުގެ ފަހަތުގައި ހުރީވެސް ޕަމޭލާކަމަށް ގިނަބަޔަކު ސިފަކުރެއެވެ.

ޔަޝް ރާޖް ކުންފުނިން އުފައްދާފައިވާ ކާމިޔާބު އެތައް ފިލްމެއްގެ ފަހަތުގައި ޕަމޭލާގެ ފަރާތުން ލިބިފައިވާ އަގުހުރި ހިޔާލުތަކާއި ފާޑުކިޔުންތައްވެއެވެ. ޔަޝް ޑައިރެކްޓްކޮށްފައިވާ ގިނަ ފިލްމުތަކުގެ ވާހަކަ ލިޔެ، ފިލްމުގެ ބައެއް ލަވަތަކަށް އަޑު އަޅާ ފިލްމީ ތަރިންގެ ކޮސްޓިއުމް ފަރުމާކުރުމުގައިވެސް ޕަމޭލާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. ފިލްމު "މޮހައްބަތޭން"، "މުޖްސެ ދޯސްތީ ކަރޭންގޭ"، "ޑީޑީއެލްޖޭ" އަދި "ވީރާ-ޒާރާ"ފަދަ ފިލްމުތަކުގައި ޕަމޭލާވަނީ އެސޯސިއޭޓް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ. މީގެއިތުރުން ރީތި ލޯބީގެ ފިލްމު "ސިލްސިލާ"ގެ ލީޑް ރޯލް ކުޅުނު ތަރިންގެ ހުރިހާ ހެދުންތަކެއް ފަރުމާކޮށްފައިވަނީ ޕަމޭލާއެވެ.

ޕަމޭލާ ޔަޝް ރާޖް ކުންފުންޏަށް ކޮށްދީފައިވާ މަސައްކަތްތަކާއެކު އޭނާއަކީ ޔަޝް ރާޖް ކުންފުންޏާއެކު މަސައްކަތްކުރާ ފިލްމީ ތަރިންގެ އިތުރުން ބޮލީވުޑްގެ ގިނަ ބައެއްގެ ހިތުގައި ހާއްސަ ލޯތްބަކާއި ޤަދަރެއް ދެވިފައިވާ ފަރާތެކެވެ.

ޕަމޭލާގެ ޖަނާޒާ އިއްޔެ މެންދުރުކުރި 11 ޖެހިއިރު ބާއްވާފައިވާއިރު ބޮލީވުޑްގެ އިތުރުން ފިލްމީ ދާއިރާއާ ގުޅުންހުރި ގިނަ ފަރާތްތަކުން ވަނީ އާއިލާއަށް ޒިޔާރަތްކޮށް ތައުޒިޔާ ކިޔާފައެވެ. ޕަމޭލާ އެންމެ ފަހުން ފެނިފައިވަނީ ދާދިފަހުން ނެޓްފްލިކްސްއިން ރިލީޒްކުރި ޑޮކިއުމަންޓްރީ " ދަ ރޮމެންޓިކްސް"އިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު