ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގައި 34 ޓީމެއް ބައިވެރިވެއްޖެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ މުބާރާތްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ބައިބަލާ މުބާރާތުގައި މިފަހަރު 34 ޓީމަކުން ވާދަކުރާ އިރު، ހުޅުމާލެ އެކްސިބިޝަން ސެންޓަރުގައި އިއްޔެ ވަނީ ގުރުނެގުން ކުރިއަށްގެންގޮސްފައެވެ.
އިއްޔެ ބޭއްވި ގުރު ނެގުމުން ކޮންމެ ޓީމަކުން ވެސް ފުރަތަމަ މެޗުގައި ނުކުންނަން ޖެހޭ ޓީމު ކަށަވަރުވެގެންދިޔައެވެ. ފުރަތަމަ މެޗުތަކަށްފަހު، އެ މެޗުތަކުން މޮޅުވާ ޓީމުތައް ގަދަ 16 އަށް ދަތުރުކުރާނެއެވެ. ގަދަ 16 ގެ މެޗުތަކަށްފަހު، ކުއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވެއެވެ.
ބައިބަލާގައި ވަރުގަދަ ޓީމުތަކެއް މިފަހަރުގެ މުބާރާތުގައި ވެސް ވަނީ ބައިވެރިވެފައެވެ. ފުރަތަމަ ކުޅޭ މެޗުތަކުގެ ތެރެއިން ބީޖީ ނިއު ޖެނެރޭޝަނާއި ކުޑަ ހެންވޭރު ލަޔަންސް ބައްދަލުކުރާ މެޗާއި ވޯންޓެޑް އާއި މަސްއޮޑި ވޯވޯ ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.
އޭގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އޯވަންއޯ އާއި އެންމެ ފަހުގެ ރަނަރަޕް ކްލަބު ޓީނޭޖާއި ޓީސީ ސްޕޯޓްސް އާއި ބީޖީ ނެކްސްޓް ޖެނެރޭޝަނާއި ލޮރެންޒޯ ޕާކް އަދި ކުޑަ ހެންވޭރު ޔުނައިޓެޑް ވެސް ވަނީ މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައެވެ.
ފިތުރު އީދާ ދިމާކޮށް ބާއްވާ މިއަހަރުގެ ބައިބަލާ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 މެޗުތައް ތާވަލުކުރެވިފައިވާ ގޮތް --