ރޯދައިގެ އަޅުކަމުން ހާސިލްވި އެންމެ ބޮޑު އުފަލަކީ، ހިތްތައް ޠާހިރުވެ އަލުން ތާޒާވުންކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ، ރޯދައިގެ އަޅުކަމުން ނަފްސުތަކަށް ލިބިގެންދިޔަ ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދަމަހައްޓަން މަސައްކަތް ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ބަރަކާތްތެރި ފުތުރު އީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ރައީސްގެ ޚިޠާބުގައި އެ މަނިކުފާނު ވަނީ ހަސަދައާއި ނަފްރަތަށް ހިތްތަކުން ޖާގަ ނުދިނުމަށާއި، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމަށް ބާރުއަޅުއްވާފައެވެ. އަދި އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މައާފް ކުރުމާއެކު އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ވަކިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ އީދުގެ ހަގީގީ އުފަލެއް ކަމުގައި ހަދަންވީ އެމީހެއްގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އެކަކު އަނެކަކާ ސަލާންކޮށް، ހިތުގެ ޚާލިޞްކަމާއި ހިތްހެޔޮކަން ފާޅުކުރުމަށް ކަމަށެވެ.
މީގެއިތުރުން، އެކުވެރިންނާއި ރަހުމަތްތެރިންނާ ބައްދަލްކޮށް، އީދުގެ ތަހުނިޔާ ބަދަލުކުރުމަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި ބާރުއަޅުއްވާފައިވެއެވެ. އެމަނިކުފާނު ވަނީ ފަގީރުންނާއި ނިކަމެތިންނަށް ހާއްސަ އިސްކަމެއްދީ އެއްވެސް މީހަކު ބާކީ ނުކޮށް މީހުންނާމެދު މެދު އޯގާތެރިވުމަށްވެސް ބާރު އަޅުއްވާފައެވެ.