ރައީސް ޔާމީން ނޫން އިތުރު ކެނޑިޑޭޓަކާ ދޭތެރޭ ވިސްނަން ޖެހޭ ހާލަތެއް ނެތް: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރާނެ އިތުރު ކެނޑިޑޭޓެއްގެ ވާހަކަ ދައްކަން ޖެހޭ ހާލަތެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އަދުރޭ މިއަދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ކުޑަތަންވެފައި އޮތް އިރު، އަދިވެސް ރައީސް ޔާމީންގެ މައްސަލަތައް އަވަސް ކޮށްދިނުމަށް ސަރުކާރުން މަސައްކަތެއް ނުކުރެއެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ކެނޑިޑެންސީއަށް އެއްވެސް ހުރަހެއް އަދި މި ވަގުތު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ. އެކަމާ މެދު ސުވާލު އުފައްދާ މީހަކު އަޅުގަނޑުމެން ދެ ޕާޓީން ކުރެ އެއްވެސް ޕާޓީއެއްގައި ނެތް،" އަދުރޭ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮތީވިއްޔާ ރައްޔިތުން ތިބީ ވޯޓުދޭން ތައްޔާރަށް ކަމަށެވެ. އަދި ރައީސް ޔާމީނާ ޕާޓީގެ ކަންކަމުގައި ވަރަށް ގާތުން މަޝްވަރާ ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

"ރަމަޟާން މަސް ނިންމައިފައި ޕީޕީއެމްގެ ރިޔާސީ ކެމްޕޭން ވަރުގަދައަށް ފެށިގެންދާނެ،" އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ޑިމަކްރެޓިކް އުސޫލުން އިތުރު ކެނޑިޑޭޓަކަށް ފުރުސަތު ނެތްތޯ ސުވާލުކުރުމުން އަދުރޭ ވިދާޅުވީ އެ ޕާޓީގައި ކަންކަން ހިނގަނީ ޑިމަކްރެޓިކް އުސޫލުން ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތަށް، ރައީސް ޔާމީނާ ޓިކެޓް ހަވާލުކޮށްފައި ވަނީ ވެސް ޑިމަކްރެޓިކް އުސޫލުން ކަމަށް ވިދާޅުވިއެވެ.

"އެއް އިންތިހާބެއްގައި އެއް ޕާޓީއަކުން ދެ ކެނޑިޑޭޓުން ވާދަކުރުމަކީ ޑިމަކްރެޓިކް ގޮތަކަށް ވާނެހެން ހިޔެއް ނުވޭ،" އަދުރޭ ވިދާޅުވިއެވެ.

އިތުރަށް އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއް އަތުވެއްޖެ ނަމަ ދެވަނަ ވިސްނުމަކަށް ދާނެ ކަމަށެވެ. ސަބަބަކީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ވާދަކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވުން ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.

މިހެން ވިދާޅުވުމަށް ފަހު ވެސް ތަކުރާރުކޮށް އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ވާދަނުކުރެއްވޭނެ ހާލަތެއް ނެތް ކަމަށެވެ. އެހެންކަމުން، އެ ހާލަތުގެ ވާހަކަ ދައްކަން ނުޖެހޭ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ އެތެރޭގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކާ މެދު އެ ޕާޓީގެ އާންމު މެންބަރުންނާއި ބައެއް އިސްވެރިންނާ ދެމެދު ޚިޔާލު ތަފާތުވުންތައް އޮތްކަމުގެ ވާހަކަތަކާއި އަޑުތައް ފެތުރެއެވެ.

comment ކޮމެންޓް