ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލްގައި ބެންފިކާ ބަލިކޮށް 13 އަހަރަށް ފަހު އިންޓި މިލާނަށް އެ މުބާރާތުގެ ސެމީ ފައިނަލް ކުޅުމުގެ ފުރުސަތު ލިބިއްޖެއެވެ.
އިންޓަމިިލާން އެންމެ ފަހުން ޗެމްޕިއަންސް ލީގު ސެމީ ފައިނަލެއްގައި ކުޅެފައިވަނީ 2010ވަނަ އަހަރުއެވެ. އެ އަހަރު އެ ޓީމުން ވަނީ ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފައެވެ.
ޗެމްޕިއަންސް ލީގުގައި ކާމިޔާބު އިންޓަ މިލާން މި އަހަރުގެ ޗެމްޕިއަންސް ލީގު ސެމީއަށް ދަތުރުކުރީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބެންފިކާ ބަލިކޮށްގެންނެވެ.
އެ ޓީމު ވަނީ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގައި ބެންފިކާގެ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އެ ޓީމު ބަލިކޮށްފައެވެ. އަދި ރޭ އިންޓަގެ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
ބެންފިކާއަށް މޮޅުވުން މަޖުބޫރު އެ މެޗުގެ 14ވަނަ މިނެޓުގައި އިންޓަގެ ނިކޮލޯ ބަރެއްލާ ވަނީ ގޯލެއް ޖަހައި އެ ޓީމު މާޔޫސްކޮށްލައިފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުގުގެ ކުރިން، މެޗުގެ 34ވަނަ މިނެޓުގައި ބެންފިކާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ބެންފިކާގެ ރަފާ ސިލްވާ ތަނަވަސްކުރި ފުރުސަތަކުން ފްރެޑްރިކް އޯސެންސް ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ދެވަނަ ހާފުގެ 65ވަނަ މިނެޓުގައި އިންޓައިން ވަނީ އަނެއްކާ ވެސް ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ފެޑްރީކޯ ޑިމާކޯ ތަނަވަސްކުރި ފުރުސަތަކުން އެ ގޯލު ޖެހީ އިންޓަގެ އިތުބާރު ފޯވާޑް ލައުޓާރޯ މާޓިނޭޒްއެވެ.
މެޗުގެ 78ވަނަ މިނެޓުގައި އިންޓައިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ ޑިމާކޯގެ އެހީއާ އެކު ޖޯކުއިން ކޮރެއާ ކާމިޔާބުކުރި ގޯލެކެވެ.
އެ ނަތީޖާއިން މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ބެންފިކާގެ އެންޓޯނިއޯ ސިލްވާ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ހަނިކޮށްފައެވެ. މެޗުގައި ދެއްކި އިތުރު ވަގުތުގެ ތެރޭގައި ބެންފިކާއަށް ނަތީޖާ އެއްވަރު ކޮށްދިނީ ޕީޓާ މޫސާއެވެ.
އެގްރިގޭޓް ނަތީޖާއިން އިޓަލީގެ އިންޓަ ސެމީގެ ޖާގައެއް ކަަރުކޮށްފައިވާއިރު ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ހަމަ އެގަމުމުގެ އޭސީ މިލާނާއެވެ. އެއް ސްޓޭޑިއަމެއް ބޭނުންކުރާ އެ ދެ ޓީމު ބައްދަލުކުރާ ސެމީގެ ފުރަތަމަ ލެގުގެ މެޗު ކުޅޭނީ އަންނަ މަހުގެ 16ވަނަ ދުވަހުގައެވެ.