ޕްރެޒިޑެންޓްސް ކަޕްގައި ފަހަތުން އަރައި ސުޕް ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ކުލަބު އީގަލްސްއިން އެ މުބާރާތުގެ ސެމީއާ ގާތަށް ޖެހިލައިފިއެވެ.
ރޭ ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުގައި ސަސްއިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ދެ ގޯލުޖަހައި އީގަލްސް ހާސްކޮށްލައިފައެވެ. ނަމަވެސް ދެވަނަ ހާފުގައި އީގަލްސްއިން ވަނީ ހަތަރު ގޯލު ޖަހައި 4-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.
ސަސްއިން މެޗުގެ ފުރަތަމަ ގޯލު ޖަހައިފައި ވަނީ 11=ވަނަ މިނެޓުގައެވެ. އެ ގޯލަކީ ސަސްގެ އައިހަމް އަހުމަދު ނެގި ހުރަހަކުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 26ވަނަ މިނެޓުގައި ސަސްއިން ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ އީގަލްސްގެ އޭރިއާ ތެރެއިން އެ ޓީމުގެ ކީޕަރު މުހައްމަދު ޝަފީއު ސަސްގެ އަޝްފާގަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އައިހަމް ކާމިޔާބުކުރި ގޯލެކެވެ.
އެ ނަތީޖާއިން މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި އީގަލްސްއިން ވަނީ އެ ޓީމުގެ ފުރަތަމަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ އަހުމަދު ރިޒުވާން (ރިޒޭ) ނަގައިދިން ބޯޅަ އަކުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިވާން ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 72ވަނަ މިނެޓުގައި އީގަލްސްއިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އިބްރާހިމް މުބީން ތަނަވަސްކުރި ފުރުސަތަކުން އެ ގޯލު ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
ފުލުފުލުގައި ސަސްގެ ގޯލަށް ނުރައްކާ ކުރަމުންއައި އީގަލްސްއިން އޭގެ ތިން މިނެޓު ފަހުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލު އިމްރާން ނަޝީދު ކާމިޔާބުކުރި އިރު އީގަލްސްގެ ހަތަރު ވަނަ ގޯލު މެޗުގެ ފަހު މިނެޓުގައި ޖެހީ ރިޒުވާންއެވެ.
ރޭގެ މެޗަކީ އީގަލްސްއިން ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް ކުޅުނު ފުރަތަމަ މެޗެވެ. ނަމަވެސް ރޭގެ މެޗުން ބަލިވި ސަސް ވަނީ ވެލެންސިއާއާ ދެކޮޅަށް ކުޅެ 5-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން ގްރޫޕް ސްޓޭޖުގައި އީގަލްސްއަށް އަދި އެއް މެޗު އޮތްއިރު އެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރު ކުރެވޭނެއެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕު ކުރިއަށްދާއިރު، ގްރޫޕް އެކެއްގައި ހިމެނެނީ ޗެމްޕިއަން ކުލަބް ވެލެންސިއާ އާއި، ކުލަބް އީގަލްސްގެ އިތުރުން ސަސްއެވެ.
ގްރޫޕް ދޭއްގައި ހިމެނޭ ޓީމުތަކަކީ، މާޒިޔާއާއި، ޓީސީ ސްޕޯޓްސް ކުލަބްގެ އިތުރުން ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ބުރު ސްޕޯޓްސް ކުލަބެވެ.