ނުދުފާ މީހުންނާ ދިމާއަށް މަލާމާތަށް ބުނެ އުޅެއެވެ. ދިވެއްސަކަށް ވާނީ ދުފައިގެންނެވެ. ނުދުފާނަމަ ދިވެއްސަކަށް ނުވާނެއެވެ.
މިއީ ދިވެހީންގެ މެދުގައި ދުފުމުގެ އާދަ ޒަމާނުއްސުރެ ހަރުލައިފައިވާ މިންވަރެވެ. ރާއްޖޭގެ ގިނަ ގެތަކުގައި ދުފާ އެއްޗެހި އަބަދުވެސް ހުސްނުވެ ހުރުމަކީ މަޖުބޫރު ކަމެކެވެ. އެއްވެސް އެއްޗެއް ކައިފިނަމަ، ދުފާލަން ޖެހޭނެއެވެ. ކުޑަމިނުން "އަނގަމީރުކޮށްލަން" ފޯއްކޮޅެއް ލާން ޖެހޭނެއެވެ.
ދިވެހީންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގިފައި އޮތީ ފޯއް ބޭނުންކުރުމަކީ އަނގައިގެ ކެންސަރަށް މަގުފަހިވާ އެންމެ ބޮޑު ރިސްކުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމެވެ. ނޫނީ، އެކަން އެނގުނަސް، ވަގުތީ ހިތްހަމަޖެހުމަކަށް ޓަކައި، ކަށީގައި ހަރުލާފައި ހުރި އާދައެއް ދޫކޮށްލަން ބޭނުން ނުވަނީއެވެ.
ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ސްޓެޕްސް ސާވޭއިން ދައްކާގޮތުގައި، ރާއްޖޭގެ އާބާދީގެ 80 ޕަސެންޓު މީހުން ދުފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެ ދުވަހަކު ވެސް ދުފާ މީހުންނެވެ.
ކެފޭ ރެސްޓޯރެންޓުތަކުން ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުން ދުފާ މަންޒަރު ފެނެއެވެ. އެކަމަކު، މިހާރު ދިވެހި ކުޑަކުދިންގެ މެދުގައި ވެސް މި އާދަ މިވަނީ ހިފަން ފަށައިފައެވެ.
އައިޖީއެމްއެޗްގެ ކެންސަރަށް ހާއްސަ ޑޮކްޓަރު މުހައްމަދު ޝިފާން ވިދާޅުވީ އަނގައިގެ ކެންސަރު ރާއްޖޭގައި ވަރަށް އާއްމުވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ވަރަށް ތުއްތު ކުދިން ވެސް ހިމެނޭކަމަށާއި، 10 އަހަރުން ދަށުގެ ކުދިން ވެސް ދުފާ އެއްޗެހި ބޭނުންކުރާ ކަމަށް ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ފަހަކަށް އައިސް ވެސް އަޅުގަނޑުމެންނަށް 10 އަހަރުން ދަށުގެ ކުދިން އެބަ ފެނޭ ދުފާ އެއްޗެހި ބޭނުންކުރާތީވެ އަނގައިގެ ކެންސަރު އެއް ސްޓޭޖް ކުރިން، އެ މަރުހަލާގައި ތިބި ކުދިން ވެސް،" ޑރ. ޝިފާން ވިދާޅުވިއެވެ.

ޑރ. ޝިފާން--
ކުޑަކުދިން ސުޕާރީ ފަދަ ތަކެތި ކެއުމަކީ ބެލެނިވެރިން ވެސް މިހާރު މާ ބޮޑަކަށް ސަމާލުކަން ދޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ސުޕާރީއަކީ ވެސް ފޯއް ހިމެނޭ އެއްޗަކަށް ވާއިރު، އޭގެ ސަބަބުން ނުރައްކާ ވަރަށް ބޮޑެވެ.
ބެލެނިވެރިންގެ ފަރާތުން ވެސް ކުޑަކުދިންނަށް ފެންނަ ނަމޫނާއަކީ އެއީއެވެ. ކުޑަކުދިންގެ ކުރިމަތީގައި ވެސް ގަދައަށް ދުފުމަކީ ޖީލުތަކަކަށް މި ކަމުގެ ގެއްލުން ކުރާނެ ކަމެކެވެ.
ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި ކުރިއަށް ގެންގޮސްފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި ސްކްރީނިން ޕްރޮގްރާމްތަކުން އެނގޭ ގޮތުގައި ފޯކުގެ ނުރައްކާތެރިކަން ދިވެހީންނަކަށް ނޭނގެއެވެ.
އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި އެކި އަތޮޅުތަކުގައި ދުފުމަށް ގެންގުޅޭ ތަފާތު އާދަކާދަތައް ފާހަގަ ކުރެވިފައިވާކަމަށް ވެސް އެ ސޮސައިޓީން ބުނެއެވެ.
ކެންސަރަށް އެންމެ ބޮޑަށް މަގުފަހިވާ އެކައްޗަކީ ފޯއް!
ކެންސަރަށް މަގުފަހިވާ މާއްދާތައް ގިންތިކޮށްފައިވާގޮތުން ގްރޫޕް އެކެއްގައި ފޯއް ހިމެނެއެވެ.
ދުފާ މީހުންނާއި އަދި ނުދުފާ މީހުންނާ އަޅާބަލައި، އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސާ އިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ދުފުމުގައި އެކުލެވޭ ފޯއް ބޭނުންކުރާ މީހުންގެ ތެރޭގައި ކެންސަރު ޖެހުމުގެ ފުރުސަތު އަދި ނުރައްކާ ވަރަށް ބޮޑެވެ.
ދުފުމުގެ އާދަ ހިފާފައި ހުންނަ މިންވަރުން، ދުވާލެއްގެ މައްޗަށް ދުފަނީ ކިތައް ފަހަރު ތޯ އަދި ކިހާ ދުވަހުތޯ ބަލައި ގިނައިން ދުފާ މީހުންނަށް އަނގައިގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް "ޖާނަލް އޮން ޑެންޓަލް ރިސާޗް"ގައި ޕަބްލިޝް ކޮށްފައިވާ "އެރިކަނަޓް އެންޑް އޯރަލް ކެންސާ: އެވިޑެންސް އޮން ސްޓަޑީސް ކޮންޑަކްޓެޑް އޮން ހިއުމަންސް" ގައި ހާމަކޮށްފައިވެއެވެ. ފޯކުގައި އެކުލެވޭ "އެރިކޯލިން" އަކީ ކެންސަރަށް މަގުފަހިވާ 'ކާސިނޯޖެން' އެއްގެ ގޮތުގައި ދިރާސާތަކުން ހާމަވެފައިވެއެވެ.
ރާއްޖޭގައި ވެސް މަސްތުގެ ކަނޑުގައި އެތަކެއް ޒުވާނުން ހަލާކުވަމުން ދެއެވެ. އެ ޒުވާނުންނަށް މަސްތުނުވެ ދިރިއުޅުމަކީ އުނދަގޫ ކަމެކެވެ.
ޑުރަގާއި، ދުންފަތާއި، ބަނގުރާލާއި، ކެފޭންގެ އިތުރުން ދުފުމަކީ ވެސް މީހުން އެންމެ ގިނައިން ދެވިހިފާ ބާވަތް ތަކުގެ ތެރޭގެ ހަތަރު ވަނައިގައި ހިމެނޭ އެކައްޗެވެ.
ކެންސަރު ސޮސައިޓީން ބުނީ ސިއްހީ ހިދުމަތްދިނުމުގައި އަދި އުނގަންނައި ދިނުމުގައި އެކިވަރުގެ އެކި ދާއިރާތަކުން އެކި ފެންވަރުތަކުގެ މަތީ ފާސްތައް ހޯދައިގެން ނަމޫނާ ދައްކަން ތިބި މީހުންނާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި މަތީ މަގާމުތަކުގައި އަދި އެކިފަންތިތަކުގައި ތިބި މީހުން ވެސް ދުފުމާ ދުރަށް ނުދެވިގެން އުޅޭ މަންޒަރު ފެނުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
އަނގައިގެ ކެންސަރުގައި ކުރަން ޖެހެނީ ބޮޑު އޮޕަރޭޝަނެއް!
ޑރ. ޝިފާން ވިދާޅުވީ އަނގައިގެ ކެންސަރުގައި ކިތަންމެ ކުޑަކުޑަ ފާރުކޮޅެއް ލީ ކަމުގައި ވިޔަސް، ކުރާ އޮޕަރޭޝަަނަކީ ވަރަށް ބޮޑު އޮޕަރޭޝަނެއް ކަމަށެވެ.
އެއްބައި ފަހަރަށް މޫނުގެ އެއްފަޅިނަގަން ޖެހޭ ކަމަށާއި ކަރުގެ ގޮށްތަކާއެކު ނަގައި ރީ ކޮންސްޓްރަކްޝަން ހަދަން ޖެހުމަކީ ވެސް ވަރަށް ބޮޑު ކަމެއް ކަމަށް ޝިފާން ވިދާޅުވިއެވެ.
"ރާއްޖޭގައި އަޅުގަނޑުމެން ކުރާ އޮޕަރޭޝަން ކުރާ އެންމެ ގިނަ ކެންސަރުގެ ތެރޭގައި އަނގައިގެ ކެންސަރު ހިމެނޭ،" ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވިގޮތުގައި 2021 ވަނަ އަހަރުގެ ތެރޭގައި ބޮލަށާއި، ކަރަށް ކެންސަރު ޖެހިގެން 105 މީހުންގެ ސާޖަރީ ހެދިއިރު މީގެ ތެރެއިން 68 މީހުންނަކީ އަނގައިގެ ކެންސަރު ޖެހިފައިވާ މީހުން ކަމަށް ފާހަގަ ކުރެވިފައިވެއެވެ.
ދުނިޔޭގެ އާބާދީގެ 7.8 ބިލިއަން މީހުންގެ ތެރޭގައި އަނގައިގެ ކެންސަރު ޖެހިފައިވާ 475،000 މީހުންތިބި އިރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ދެވޭ މީހުންގެ އަދަދަކީ އާބާދީގެ ނިސްބަތުން ތިން ގުނަ ބޮޑު އަދަދެއްކަމަށް ކެންސަރު ސޮސައިޓީން ބުނެއެވެ.
ރާއްޖެއަށް ގިނަ އަދަދަކަށް ފޯއް އެތެރެކުރޭ!
ކަސްޓަމްސް ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2018 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް 11 މިލިއަން ކިލޯގެ ފޯއް އަދި ފޯއް އެކުލެވޭ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. އަގުގެ ގޮތުން ބަލާއިރު ކެންސަރަށް މަގުފަހިކުރާބާވަތްތައް އެތެރެކުރުމަށް 364 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ރާއްޖޭގެ ރެސްޓޯރެންޓުތަކުގައި ވެސް އެންމެ ޑިމާންޑު ބޮޑު އެކައްޗަކީ ފޯކެވެ. ސަބަބަކީ، ދިވެހީންނަކީ އަބަދުވެސް ދުފަން ބޭނުންވެފައި ތިބޭ ބަޔަކަށް ވުމެވެ.
ކެންސަރު ސޮސައިޓީން ހިންގާ ސްކްރީނިން ޕްރޮގްރާމްތަކުގައި އަނގައިގެ ކެންސަރަށް މަގުފަހިވާ ފަދަ އަލާމާތްތައް ފެންނަ ގިނަ އަދަދެއްގެ މީހުން ބައެއް ރަށްރަށުން ފާހަގަކުރެވޭކަމަށް އެ ސޮސައިޓީން ބުނެއެވެ.
އެ ގޮތުން، މި އަހަރުތެރޭ ޒިޔާރަތްކުރި ހއ. އަތޮޅުން ފަސް މީހުން އަނގައިގެ ކެންސަރު ބައްޔަށް ހުށަހެޅުމުގެ އަލާމާތްތައް ފާހަގަކުރެވި ފޮލޯއަޕްއަށް މާލެ އައުމަށް އިލްތިމާސް ކުރެވުނެކަމަށް އެ ސޮސައިޓީން ބުނެއެވެ. އެ ސޮސައިޓީން ލަފާކުރާ ގޮތުގައި މިއީ އެއް ދުވަހުގެ ސްކީރީނިން އަކުން ފާހަގަކުރެވުނު ގިނަ އަދަދެކެވެ.
އެޕްރީލް 2022 ގެ ޖާނަލް އޮން ޑެންޓަލް ރިސާޗްގައި ޝާޢިޢުކޮށްފައިވާ ލިޔުމެއްގައި ބުނާ ގޮތުން ދުފާމީހުން ގިނަ ދެ ގައުމު ކަމުގައިވާ، ޓައިވާންގައި 53.7 އިންސައްތަ އަދި އިންޑިއާގައި 49 އިންސައްތަ އަނގައިގެ ކެންސަރު ޖެހިފައިވާ މީހުންނަކީ ދުފުމުގެ އާދަ ހިފާފައިވާ މީހުންނެވެ. މި ނުރަނގަޅު އާދަ ދޫކޮށްލެވިއްޖެނަމަ އަނގައިގެ ކެންސަރު ޖެހުމުގެ ފުރުސަތު 50 އިންސައްތަ އަށް ދަށް ކޮށްލެވޭނެއެވެ.
ދުފުމަކީ މާ ނުރައްކާތެރި ކަމެއް ކަމަކަށް ދިވެހީން އަދިވެސް ގަބޫލެއް ނުކުރެއެވެ. މި ކަން އަދިވެސް ދެކެނީ މާ ކުޑަ ކަމެއްގެ ގޮތުގައެވެ.
ކެންސަރު ސޮސައިޓީން މި މަހު ގެންދަނީ އަނގައިގެ ކެންސަރަށް އާއްމުން ހޭލުންތެރިކުރުވުމަށް ސޯޝަލް މީޑިއާގައި ކެމްޕޭންތަކެއް ހިންގަމުންނެވެ.
އެކަމަކު، ކަމާ ބެހޭ އިދާރާތަކުން ކިތަންމެ ވަރަކަށް އިލްތިމާސްކުރި ނަމަވެސް މިފަދަ ނުރަނގަޅު އާދަތައް ދޫކޮށްލެވޭނީ އަމިއްލަ ނަފްސާ ދޭތެރޭ ވިސްނައިގެންނެވެ. އަނގަމީރުކޮށްލަން ކާލާ ފޯއް ފޮއްޗަކުން ކެންސަރުގެ ވަކިތަކުގެ ތެރެއަށް ވަދެ، ވޭނީ ދިރިއުޅުމެއް ތަހައްމަލުކުރަން ޖެހުމުގެ ކުރިން މި ކަން ހުއްޓާލަން ޖެހެއެވެ.