ކުމުންދޫ ބަނދަރު ތަރައްގީކުރަން 71 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

ދެ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރުން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ހދ. ކުމުންދޫ ބަނދަރު ތަރައްގީ ކުރަން 71 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.

އެ އެއްބަސްވުމުގެ ދަށުން، ރަށުގެ އިރުމަތީ ފަރާތުގައި މިހާރު ހުރި 154 މީޓަރު ވާޓަރު މަރާމާތުކުރުމާއި 154 މީޓަރު ޕޭވްމަންޓް މަރާމާތުކުރުމާއި ކޮޅުވެއްޓި ބޭނުންކުރުމަށް ރޭމްޕެއް ގާއިމުކުރުމާއި 100 ފޫޓު ޓީޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ރަށުގެ އުތުރު ފަރާތަށް 700 ފޫޓަށް ވާޓަރު އިތުރުކޮށް ބަނދަރު ބޮޑުކުރުމާއި 290 މީޓަރު ބޮޑުހިލަ ބޭރުތޮށިލުމާއި 40 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 60 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި ބަނދަރު މަގު ބައްތި ހަރުކުމާއި 120 މީޓަރު ކޮންކްރީޓް ޖެޓީ ގާއިމްކުރުމުގެ މަސައްކަތް ކުރާނެއެވެ.

ދެ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރުން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ކުމުންދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 570 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ ރ. ކިނޮޅަސް ގޮނޑުދޮށް ހިމާތްކުރުމުގެ މަޝްރޫއުގެ ވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަޝްރޫއު އަކީ 12 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ އެއްބަސްވުމުގެ ދަށުން ރަށުގެ އިރުމަތީ ފަރާތު ގިރާ ސަރަހައްދު
ހިމާޔަތްކުރުމުގެ ގޮތުން 780,19 ކޮޑިމީޓަރުގެ ބިން ހިއްކައި، ރަށުގެ އިރު އަދި ހުޅަނގު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 320 މީޓަރާއި 330 މީޓަރުގެ ޖިއޯ-ބޭގް ރިވެޓްމެންޓެއް ޖަހާނެއެވެ.

ކިނަޅޮހުގެ މިހާރުގެ ހާލަތާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން މިއަދު "ސަން"އަށް ވިދާޅުވީ ރަށް ގިރުމުގެ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރީ ސަރުކާރުތަކުގައި ވެސް އޭރު އެދުނު ނަމަވެސް މިހާރު އެ މައްސަލައަށް ގާތްގަނޑަކަށް އަށް އަހަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރުއް ގަސްތައް ވެސް ވެއްޓޭ ރަށް ގިރުމުގެ މައްސަލައިގެ ސަބަބުން. އަނެއްކާ ރަށުގެ އިރުމަތީ ކޮޅުން ވެސް ވަރަށް ބޮޑު ބައެއް އޮތީ ހަމަ ގިރާފަ،" އޭނާ ވިދާޅުވިއެވެ.

ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއު ނިމި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބޭ ހިސާބުން އެ ރަށަކީ ވަރަށް ހިތް ފަސޭހަ ރަށަކަށް ވާނެއެވެ.

މި މަޝްރޫއު ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

comment ކޮމެންޓް