ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން ބުރާސްފަތި ދުވަހުގެ ރޭ

ފާއިތުވި 1443 ވަނަ އަހަރުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާގެ ތެރެއިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ހަނދާބެހޭ ގޮތުން ނިންމާ ނިންމުން ޓީވީ އާއި ރޭޑިއޯ އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރާނެއެވެ.

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެއެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.

ބޭރު ގައުމަކަށް ހަނދު ފެނިއްޖެ ނަމަ އެ މައުލޫމާތު ހިއްސާކުރާނީ ފޮރިން މިނިސްޓްރީންނެވެ.

ފަލަކީ ހިސާބުތައް ދައްކާގޮތުން އީދު ވާނީ އަންނަ ހުކުރު ދުވަހަށް ކަމަށް ފަލަކީ އިލްމްވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އީދު ވަނީ ހޮނިހިރު ދުވަހަށް ކަމުގައި އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓާ(އައިއޭސީ)އިން ލަފާކޮށްފައި ވެއެވެ.

ރާއްޖޭގެ ޚިޖްރީ ކަލަންޑަރުގައި ވާގޮތުން މިފަހަރުގެ ފިތުރު އީދު ދުވަހަށް ވަނީ ހުކުރު ދުވަހެވެ.

comment ކޮމެންޓް