ކޮވިޑު ކޭސްތައް ފާއިތުވި ގިނަ މަސްތަކަކާ އަޅާބަލާއިރު ކުއްލިއަކަށް އިތުރުވެފައިވަނީ ޗުއްޓީ ދުވަސްވަރުކަމަށްވެފައި، ދަތުރުކުރާ ވަރު ވެސް އިތުރުވެފައިވާތީ ކަމަށް ބެލެވޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާ ތެރޭގައި ވެސް 148 ކޮވިޑު ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން މައްޗަށް ގޮސްފައި މި ވަނީ ގިނަ މަސްތަކަކަށް ފަހުއެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި ދުވަސްވަރު ކޮވިޑް ގިނަވެފައިވާ ކަމަށް ފާހަގަކުރެވެނީ ސްކޫލު ބަންދު ދުވަސްވަރު ކަމަށްވެފައި، ދަތުރުކުރުން ވެސް ގިނަވެފައި ވާތީއެވެ. އަދި، ރޯދަ މަހު މީހުން އެއްވެ ބައްދަލުވާ މިންވަރު ވެސް އިތުުރުވެފައިވާތީ ކަމަށް ބެލެވޭ ކަމަށެވެ.
"ނުރައްކަލެއް އަދި ނެތް، އެހެންނަމަވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން މި ދަނީ އަޅަމުން،" އޮފިޝަލު ވިދާޅުވިއެވެ.
ހިނގަމުން މިދަނީ ސްކޫލް ކުދިންގެ މިޑްޓާމް ބްރޭކް ދުވަސްވަރެވެ. މި ދުވަސްވަރާއި ފިތުރު އީދާ އެކު ޗުއްޓީއަށް ދުވަސްކޮޅެއް ލިބިފައިވާތީ، ގިނަ ބަޔަކު އަންނަނީ ދަތުރުކުރަމުންނެވެ.
ކޮވިޑުގެ އިތުރުން ވެސް ހުމާއި ރޯގާ ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި، ޑެންގީހުމުގެ ކޭސްތައް ވެސް ގިނައެވެ.
ކޮވިޑް ޖެހިގެން 28 މީހަކަށް މިހާރު ވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.