ކޮތަޅަކަށް ދެ ރުފިޔާ: ރާއްޖެ މިކަމަށް ތައްޔާރުތަ؟

ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުން. --- ސަން ގްރެފިކްސް: އަހްމަދު ސަދޫފް

އެކަމަށް ހައްލެއް ހޯދަން މިއީ މަގެކޭ ކިޔާ އަޑު އަހަމެވެ. މިއީ ޕްލާސްޓިކް މަދުކުރުމަށް ސަރުކާރަށް ލިބޭ ބޮޑު ކުރިއެރުމެކޭ ވެސް ބައެއް މީހުން ބުނެއުޅެއެވެ. ނުވަތަ ޕްލާސްޓިކުން ސަރުކާރަށް ލިބޭ ބޮޑު ޢާމްދަނީއެކޭ ބައެއް މީހުން ބުނާ އަޑު ވެސް އަހަމެވެ. ކަމުގެ ހަގީގަތް ބަލާލުމަށް، މައިފުނަށް ފީނާލިއިރު ކަމަކު ދާކަށް ނެތެވެ. ޕްލާސްޓިކުން ދުރުވުމަކީ މީގެ އެންމެ ފަސޭހަ ގޮތެވެ. ނޫނީ އޮތީ ދެ ރުފިޔާ ދެއްކުމެވެ.

މިދައްކަނީ ޕްލާސްޓިކް ކޮތަޅުން ފީ ނަގާ ވާހަކައެވެ. މިއަދުން ފެށިގެން، ޕޮއިންޓް އޮފް ސޭލްސްގެ ވަގުތުގައި ނުވަތަ މުދާ ވިއްކާ ވަގުތުގައި ދެވޭ ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގާ ވާހަކައެވެ. މިފަދަ ކޮންމެ ކަމަކީ އޭގެ ސަބަބުން ޢާންމުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވާ ކަންކަމެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީއަކީ ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން ނަގަންޖެހޭ ފީއެކެވެ. މި ފީގެ ދަށުން ޑީ ގްރޭޑަބަލް ނުވަތަ އަމިއްލަ ޒާތުގައި ނެތި ފަނާވާ ޕްލާސްޓިކުން ވެސް ފީ ނަގާނެއެވެ. އަދި ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ނަގާނެއެވެ.

ޢާންމުންގެ ކަންބޮޑުވުން ބޮޑު

ޕްލާސްޓިކް ކޮތަޅުން ފީ ނެގުމަކީ އިތުރު "ޓެކްސް" އެކޭ ނުބުނެވޭނެ ސަބަބެއް ނެތެވެ. އޭގެ މައިގަނޑު ޢަޒުމަކީ ސަރުކާރަށް ފައިސާ ހޯދުން ކަމުގައި ނުވިޔަސް، އޭގެ ސަބަބުން ޢާންމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ނާންނަމަ އެއީ ހަމަ ޔަގީނުން ވެސް ދައުލަތަށް ލިބޭ ފަސޭހަ ޢާމްދަނީއެކެވެ.

ފިހާރައެއްގައި މީހަކު ޕްލާސްޓިކް ކޮތަޅެއް ހިފައިގެން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙުސައިން

މިހާ ބޮޑު ކަމެއް ފެށޭ އިރު ކުރެވޭ ސުވާލަކީ މިކަމަށް ޢާންމުންނަށް ފުދޭ ވަރަށް މައުލޫމާތު ފޯރުކޮށްދެވިއްޖެތޯ ކުރެވޭ ސުވާލެވެ. ގައިމު ވެސް ޖީއެސްޓީ ބޮޑުކުރަން ނުވަތަ ޖީއެސްޓީއަށް ބަދަލު އަންނަ ކޮންމެ ފަހަރަކު މުޅި ރާއްޖޭގެ ހުރިހާ ފިހާރައެއްގައި ޖީއެސްޓީއަށް ބަދަލުގެނެވޭ ކަން ފާހަގަކޮށް ބޮޑެތި ޕޯސްޓަރުތައް ހަރުކޮށްފައި ހުރެއެވެ. އެކަމަކު ޢާންމުންގެ ދިރިއުޅުމަށް ގުޅުންހުރި މިކަމުގައި އެ މަންޒަރެއް ނުއެއް ފެނެއެވެ.

"އަޅުގަނޑުގެ މައްސަލައަކީ މިކަމުގައި އަސްލު ވާނުވާ ނޭނގުން. އަޑުއެހިން މީރާ އިން ގައިޑެއް ނެރުނު ވާހަކަ. އަޅުގަނޑު އެ ގައިޑު ކިޔާލިން. އެކަމަކު އަޅުގަނޑުހެނެއް ނުވާނެ ދޯ އެންމެންނެއް. މިއަށް ވުރެ ރަނގަޅަށް އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ،" ޢާންމު މީހަކު ބުންޏެވެ.

އާންމުންގެ ދިރިއުޅުމާ ގުޅުންހުރި މިފަދަ ކަންކަމުގައި ފުދޭ ވަރަށް މައުލޫމާތު ފޯރުނުކޮށްދިނުމުގެ ނަތީޖާއަށް ވާނީ ކޮތަޅުގެ ފީއަށް ދެ ރުފިޔާ ނަގަންޖެހޭ ހާލަތުގައި ތިން ރުފިޔާ ނުވަތަ ހަތަރު ރުފިޔާ ވެސް ނެގުމެވެ. މީގެ "ޕޮއިންޓަކީ" އެފަދަ ކަންކަމުން އާންމުންގެ ފަރާތުން ނާޖައިޒް ފައިދާ ނެގުމެވެ. ނުވަތަ އެކަމަކީ ހިނގާ ކަމެއްކަން ނޭނގި، އާންމުންގެ ނަފުރަތު ވިޔަފާރިތަކާއި ސަރުކާރަށް އަމާޒުވުމެވެ.

ދެން އޮތީ ސުން ރޭޓުން ޖީއެސްޓީ ނެގޭ މުދަލުގެ ވާހަކައެވެ. ޖީއެސްޓީ ނެގުމުގައި ބައެއް ތަކެތި އިސްތިސްނާ ކުރި ނަމަވެސް، މި ފީގައި މިފަދަ ތަކެތި އިސްތިސްނާ ކުރުމެއް ނެތެވެ.

މާލޭގެ ފިހާރައަކުން ކާޑުގެ ބާވަތްތައް ގަނެގެން ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މީގެ ފަހުން ކުރިން ހަތަރު ރުފިޔާއަށް އުޅުނު ފުށް ކިލޯއެއް މީގެ ފަހުން ލިބޭނީ ހަ ރުފިޔާއަށް ދޯ،" ބާޒާރުމަތިން ދިމާވި ޢާންމު މީހަކު ސުވާލުކޮށްލިއެވެ.

އެކުރި ސުވާލަކީ އެއްވެސް ހާލެއްގައި ފުށުގެ ނުވަތަ ކާޑުގެ އަގު ބޮޑު ވުމާ ގުޅޭ ސުވާލެއް ނޫނެވެ. އެކަމަކު އޭގެ މާނައަކީ ކާޑުގެ ބާވަތްތައް ފިހާރައިން ގަނެ، އެތަކެތި އުފުލުމުގައި ބޭނުންކުރާ ކޮތަޅުގެ ސަބަބުން، ޢާންމު މީހާގެ އަތުން ދާ ޖުމްލަ ޚަރަދު ބޮޑުވާ ވާހަކައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީގެ ސަބަބުން އާންމު މީހާގެ ޖީބުން މަދުވާނީ. ޑިސްޕޯސަބަލް އިންކަމް (ޓެކުހަށް ކެނޑުމަށްފަހު ޚަރަދު ކުރަން ލިބޭ ފައިސާ) މަދުވޭ. އެހެންވީމާ މިކަމުގައި ޢާންމުންގެ ކޮންސާންތައް ގިނަވާނެ،" ކުރީގެ ފިނޭންސް މިނިސްޓަރު އަދި އިގްތިސާދީ މާހިރެއް ކަމުގައިވާ އަހްމަދު މުނައްވަރު ވިދާޅުވިއެވެ.

މި އަހަރު ފެށުނު އިރު އާންމުންގެ ބޮޑު ކަންބޮޑުވުމަކަށްވީ ޖީއެސްޓީ ބޮޑުވުމާއެކު ތަކެއްޗާއި ޚިދުމަތުގެ އަގަށް އައި ބަދަލެވެ. އެބަދަލު އައިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް ޢާންމުންގެ އަތުން ބޮޑު ޚަރަދެއް ދާ ފަދަ ކަމެއް ކުރުމަކީ އެކަމުގައި ޢާންމުން ކަންބޮޑުވުން ހުންނާނެ ކަމެކެވެ.

ވިޔަފާރިވެރިޔާގެ ކަންބޮޑުވުން ވެސް އިންތިހާ

ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގައިޑުން ބުނާ ގޮތުންނަމަ، ޖީއެސްޓީއަށް ރަޖިސްޓަރީކުރަން ލާޒިމުވާ ފަރާތްތަކާއި އަދި ޖީއެސްޓީ ދައްކާ ފަރާތްތަކުން ޕޮއިންޓް އޮފް ސޭލްސް ގައި ވިއްކޭ މުދަލުގައި ކޮތަޅު ބޭނުން ކުރާ ނަމަ އޭގެ ފީ ސަރުކާރަށް ދައްކަން ޖެހޭނެއެވެ. މިއީ އެކަމުގައި ވިޔަފާރިތަކުގެ ކަންބޮޑުވުން އޮތް ކަމެކެވެ.

މާރުކޭޓުގައި މީހަކު ކޮތަޅަށް ކާބޯތަކެތި އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަހަރެން މިތާ ވިޔަފާރި ކުރަނީ ޖީއެސްޓީ ވެސް ދައްކަމުން. ކޮތަޅު ފީގައި ޖެހޭ މައްސަލައަކީ ވިޔަފާރިކުރާ އިރު ގެންގުޅެން އުނދަގޫ ކަމަކަށް ވުން. ވަރަށް ބޮޑަށް ބަލަން ޖެހޭނެ،" މާލޭގެ ހެންވޭރުގައި ހުންނަ ފިހާރައެއް ހިންގާ މީހަކު ބުންޏެވެ.

މާލޭ ސަރަހައްދުގެ ގިނަ ފިހާރަތަކުގެ ކޭޝިއަރުންގެ ގޮތުގައި ތިބެނީ އެ ފިހާރައެއް ނުވަތަ ވިޔަފާރިއެއްގެ ވެރިމީހާއެއް ވެސް ނޫނެވެ. އެހެން ކަމުން ކޭޝިއަރު އަތުން ހެދޭ ގޯހަކުން ނުވަތަ ކޭޝިއަރު ހަނދާން ނެތިގެން ކޮތަޅުން ފީ ނުނެގޭ ނަމަވެސް، އެކަމުގެ "ރޯޅި" އަންނާނީ ފިހާރައިގެ ވެރި މީހާއަށެވެ. މީރާއިން އޭނާ ޖޫރިމަނާ ކުރާނެއެވެ.

އެކަމަކު، ޖީއެސްޓީއަށް ލާޒިމުވާ ޓްރެޝްހޯލްޑް ހަމަވާ މިންވަރަށް އާމްދަނީ ނުލިބޭ ވިޔަފާރިތަކުން ވެސް ކޮތަޅުން ފީ ނަގަން ޖެހެއެވެ. ތަފާތަކީ އެ ފައިސާ ސަރުކާރަށް ދައްކަން ނުޖެހުމެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއީ އާންމުންގެ ނެގަޓިވް އިމްޕެކްޓެއް އެ ވިޔަފާރިއަކާ ދެމެދު އައިސްދާނެ ކަމެއް. އެކަމަކު ވެސް މި ޑިސިޕްލިން ހިފެހެއްޓިއްޖެނަމަ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" ސަރުކާރުގެ ކުރީގެ އިސް މަގާމުތަކެއް ފުރުއްވި މާލީ ދާއިރާގެ ބޭފުޅަކު ވިދާޅުވިއެވެ.

މީރާގެ އޮފީސް. ކޮތަޅުގެ ފީގެ ފައިސާ ދައްކަން ޖެހޭނީ މީރާ އަށް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މީގެ އިތުރުން، ވިޔަފާރިވެރިންގެ ކަންބޮޑުވުން ބޮޑު އެއްކަމަކަށް ވާނީ މީރާއަށް ހުށަހަޅަން ޖެހޭ ކޮތަޅުގެ މައުލޫމާތެވެ. މީރާއަށް ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު ހުށަހަޅަން ޖެހޭނީ ޖީއެސްޓީ ބަޔާނުގައި ހިމަނައިގެންނެވެ. އަދި ޕްލާސްޓިކް ކޮތަޅުގެ ބޭނުމަށް ބަލަހައްޓަން ޖެހޭ ގިނަ ލިޔެކިޔުންތަކެއް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އޭގެ ތެރޭގައި:

  • ހިލޭ ލިބޭ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު
  • ވިއްކާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު
  • ހިލޭ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު
  • ހަލާކުވާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު
  • ކަސްޓަމަރުން އަނބުރައި ރައްދުކުރާ ޕަލާސްޓިކް ކޮތަޅުގެ ތަފުސީލު

"އެ ހުރިހާ ލިޔެކިޔުންތަކެއް ހިމެނުމަކީ ބައެއް ފަހަރު ދަތި ކަމަކަށް ވެދާނެ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަންކަން އެ ކުރަނީ ސިސްޓެމިޓްކްކޮށް އެކަން ކުރަން ވެގެން. ލެޓްސް ސީ ވާނެ ގޮތެއް،" ވިޔަފާރިވެރިއަކު ބުންޏެވެ.

ކުނި ކޮތަޅު ނުވަތަ "ބިންލައިނާ" އިން ނުނަގާނެ!

ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ވާހަކަ ފެށުމާއެކު ރައްޔިތުންގެ ނުތަނަވަސްކަން އެންމެ ބޮޑުވި އެއްކަމަކަށް ވާނީ ކުނި ކޮތަޅުތަކަށް ސަރުކާރުން އިތުރު "ޗޮއިސް" އެއް ނުދީ އޭގެން ވެސް ފީ ނަގާފާނެ ކަމަށް ދެކެވުނު ވާހަކައަށެވެ.

އެކަމަކު މީރާ އިން ނެރުނު ގައިޑުގައި އެ ކޮތަޅު ފީ އިން އިސްތިސްނާވެއެވެ. އެކަމަކު އޭގައި ސާފު ނުވާ ކަމެއް އެބައޮތެވެ.

ކުނި ކޮތަޅުގައި --- ފޮޓޯ/ ވެމްކޯ

"ކުނި އެޅުމަށް ޚާއްޞަކޮށްގެން، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ" އިން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގާކަށް ނުޖެހޭނެއެވެ."

ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތަކީ ވެމްކޯއެވެ. ހަމަ ޔަގީނުން ވެސް ވެމްކޯ އިން ބިންލައިނާ ނުވަތަ ކުނި އެޅުމަށް ޚާއްސަ ކޮތަޅެއް ވިއްކަން އަދި ނުފަށައެވެ.

"އަޅުގަނޑުމެން އަދި އިމްޕެލެމެންޓް ކުރި ކަމެއް ނޫން ތިއީ. އެކަމަކު އަޅުގަނޑުމެންގެ ޕްލޭނުގައި ހިމެނޭ ކަމެއް ތިއީ،" މިއީ އެކަމާ ގުޅިގެން ސުވާލުކުރުމުން ވެމްކޯގެ ޖެނެރަލް މެނޭޖާ އޮފް އޮޕަރޭޝަންސް އަހުމަދު ޝާފިއު ދެއްވި ޖަވާބެވެ.

ގައިޑުގައި އެހެން ބަޔާންކުރި ނަމަވެސް، ޝާފިއު ވެސް ފާހަގަ ކުރެއްވި ވާހަކައަކީ ރާއްޖޭގައި ވިއްކާ އެކި ކުލައިގެ ކުނި ކޮތަޅު އޭގެ ތެރޭގައި ހިމެނޭނެ ކަމެވެ.

ތިލަފުށީގައި ހެދިފައިވާ ކުނި ފަރުބަދައިގައި ކުނި ކޮތަޅުތައް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"އަޅުގަނޑު ދެކެނީ ވަކި ވެމްކޯ އިން އަދި އެ ޚިދުމަތް ސްޓާޓް ނުކުރިޔަސް، އެ މާނަ ކުރަނީ ރާއްޖޭގައި ވިއްކާ އެކި ކުލައިގެ ބިންލައިނާ ތައް ހެން. މިސާލަކަށް ހުރޭ ނޫންތޯ ފެހި އަދި ކަޅު ކޮތަޅު،" ޝާފިއު ވިދާޅުވިއެވެ.

ފީ އިސްތިސްނާވާ ހާލަތްތަކަކީ ކޮބާ؟

ކޮންމެ ކަމެއްގައި ވެސް އެކަމެއް، އެކަމުގެ ތެރޭގައި ނުހިމެނޭ ކަންކަން ހުންނާނެއެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅުން ނެގޭ ފީ އިން ވެސް އިސްތިސްނާވާ ހާލަތްތައް ހުރެއެވެ. އޭގެން ވެސް އެންމެ ފާހަގަވަނީ އެތަނަކުން ވިޔަފާރިކޮށްގެން ޕްލާސްޓިކް ކޮތަޅުން ފީ ނުނެގޭ ތަނެވެ.

"ޑިޔުޓީ ފްރީ އަކީ ގިނަ ޢާންމުން ދާ ތަނެއް ނޫން. ޢާންމުކޮށް އެފަދަ ތަންތަން ހުންނަނީ ވެސް އެއާޕޯޓުގައި. ސުން ރޭޓުގައި ޖީއެސްޓީ ނެގޭ މުދަލުގެ ކޮތަޅުން ފީ ނެގޭ ގޮތަށް، ޑިއުޓީ ފްރީ ފިހާރަތަކުން ވެސް މި ދެ ރުފިޔާ ނުނެގެންވީ ޙާލަތެއް އަސްލު ނެތް. ހަމައެކަނި ތަފާތަކީ "ޑިޔުޓީ ފްރީ" އެ ނަން އައުން ކަންނޭނގޭ،" މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ދޮވެމި އެރައިވަލް ޝޮޕް --- ފޮޓޯ/ އެމްއޭސީއެލް

ޑިޔުޓީ ފްރީ އިން ކޮތަޅުގެ ފީ ނުނެގުމުގެ މިސާލެއްގެ ގޮތުގައި ގިނަ ޢާންމުން ވެސް ގަބޫލު ކުރަނީ އެ ބީދާއިންނެވެ. އަދި އެއީ މުއްސަނދިންގެ އަތުން ފީ ނުނެގުން ކަމަށް ވެސް ގިނަ ޢާންމުން ގަބޫލުކުރެއެވެ. އެއީ ޑިޔުޓީ ފްރީ އަކީ ގިނަ ޢާންމުން ދާ ތަނަކަށް ނުވުމެވެ.

މީގެ އިތުރުން، ޕްލާސްޓިކް ކޮތަޅުން ފީ ނެގުން އިސްތިސްނާވާ ދެވަނަ ހާލަތަކީ ބަންދުނުކޮށް ހުންނަ ހުރިހައި ބާވަތެއްގެ ތާޒާ ކަނޑުމަހާއި ފަރުމަހާއި އެމާއި ސީފުޑް އަދި އެފަދަ ތަކެތީގެ
ބައިތައް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅެވެ. މާނައަކީ ބާޒާރުން މަސް ގަނެގެން، އެ މަސް އުފުލުމަށް ބޭނުންކުރާ ކޮތަޅުން ފީ އެއް ނުނެގޭނެއެވެ.

މަސް ފަދަ ތަކެތީގެ ތެރެއިން، ކޮތަޅުން ފީ ނެގޭ ހާލަތެއް ވެސް އެބައޮތެވެ. އެއީ ގަނޑުކުރި މަހުންނެވެ. ގަނޑުކުރި މަސް އުފުލުމަށް ބޭނުންކުރާ ކޮތަޅުން ފީ ނެގެނީ، ތާޒާ މަހުގެ މާނައިގައި ގަނޑުކުރި މަސް ނުހިމެނޭތީއެވެ. ރާއްޖޭގެ ގިނަ ފިހާރަތަކުން ވިއްކަނީ ގަނޑުކުރި މަހެވެ. އެހެން ކަމުން އެ މަސް ގަންނައިރު ދޭ ކޮތަޅުން ފީ ނެގޭނެއެވެ.

މަސްމާރުކޭޓު ސަރަހައްދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޕްލާސްޓިކް ކޮތަޅުން ފީ ނުނެގޭ އިތުރު ދެ ހާލަތަކީ ކުނި އުކާލުމަށް ބޭނުންކުރާ ކޮތަޅާއި އަދި މުދާ އުފައްދާ ފަރާތުން މުދާ ވިއްކުމަށް ކޮންމެހެން ބޭނުންކުރާ ކޮތަޅެވެ. އޭގެ ތެރޭގައި މަސް މިރުސް ފަދަ ތަކެތި ބަންދުކުރުމުގައި ބޭނުންކުރާ ޖޫސްޕެޓީ ކޮތަޅު އަދި އެނޫން ވެސް ކޮތަޅު ހިމެނެއެވެ.

ރާއްޖެ މިކަމަށް ތައްޔާރުތަ؟

ކުރެވޭ ބޮޑު ސުވާލަކީ މިއީއެވެ. މިކަމަކީ ސަރުކާރަށް ފަސޭހަގޮތެއްގައި ޢާމްދަނީ ހޯދުމަށް ކުރެވޭނެ ކަމެއްގެ ބަދަލުގައި، ޢާންމުންގެ އަޚްލާގަށް ބަދަލު ގެނައުމަށްޓަކައި ކުރެވޭ ކަމަކަށް ވީއިރު، މިކަމަށް ޢާންމުން ތައްޔާރުތޯ އެއީ ބޮޑު ސުވާލެކެވެ. މިކަމާ މެދު ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ދެއްވީ ސާދާ ޖަވާބެކެވެ.

"އަޅުގަނޑަށް ހީއެއް ނުވޭ ތައްޔާރުހެނެއް. އަޅުގަނޑަށް ފެންނަ ފެނުމުގައި ހީއެއް ނުވޭ ތައްޔާރު ހެނެއް،" މުނައްވަރު ވިދާޅުވިއެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު މުނައްވަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އެންމެ މައިގަނޑު ސަބަބެއްގެ ގޮތުގައި މުނައްވަރު ފާހަގަކުރެއްވި ސަބަބަކީ އެކަމަށް ޢާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވުނު މަސައްކަތްތަކެވެ.

"މީރާ އަދި ފިނޭންސް މިނިސްޓްރީ ހުންނަ ތަނުގައި އެބަހުރި ކަންނޭނގެ ބޮޑު ބޯޑެއް ހަރުކޮށްފަ. އެކަމަކު ސުވާލަކީ އެތަން ފެންނާނީ ކިތައް މީހުންނަށް ބާވާއޭ؟،" މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވި ފަދައިން، މިކަމުގައި ގިނަ ޢާންމުންގެ ޚިޔާލު ވެސް އެއީއެވެ. ކޮތަޅުން ފީ ނެގުމަކީ ތިމާވެށީގެ ގޮތުން އަދި އިޖްތިމާޢީ ގޮތުން ރަނގަޅު ކަމަކަށް ވީ ނަމަވެސް، އެކަމަށް ޢާންމުންނަށް ފުދޭ ވަރަށް މައުލޫމާތު ނުދެވުމެވެ. އެކަމަށް ވަގުތު ނުދެވުމެވެ. ރޯދަ މަހުގެ ތެރެއަށް އެކަން ވަނުމަކީ ވެސް ގިނަ ޢާންމުންގެ ކަންބޮޑުވުން އެކަމުގައި އޮތް ކަމެކެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަދި އިތުރު ވަގުތު ދީ، ޢާންމުންނާ އިތުރަށް މަޝްވަރާކުރެވުނު ނަމަ މިއީ އިތުރަށް ފުރިހަމަ ވާނެ ކަމެއް،" މާލީ ދާއިރާގެ ބޭފުޅަކު ވިދާޅުވިއެވެ.

ކޮންމެއަކަސް، މިއަދުން ފެށިގެން އިތުރު ބަދަލެއް އަންނަންދެން ކޮތަޅުން ދެ ރުފިޔާ ނަގާނެއެވެ. މިކަމުގައި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ހުރި ނަމަވެސް، މިއީ ތިމާވެށީގެ ހައްގުގައި ކުރުން މުހިއްމުކަމެއް ކަމަށް އެންމެން ވެސް އެއްބަސްވެއެވެ.

comment ކޮމެންޓް