މާފަރު އެއާޕޯޓުން ޖެޓް ފިއުލް ހުސްވެއްޖެ؛ އައިލެންޑް އޭވިއޭޝަނުން ބުނީ މާދަމާ ލިބޭނެ ކަމަށް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވަން ފުރަތަމަ ޖެއްސި ފްލައިޓު --- ސަން ފައިލް ފޮޓޯ

މާފަރު އެއާޕޯޓުން ޖެޓް ފިއުލް ލިބުމުގައި މައްސަލަތަކެއް އުޅުނު ނަމަވެސް މާދަމައިން ފެށިގެން ޖެޓް ފިއުލް ލިބޭނެ ކަމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

މާފަރު އެއާޕޯޓުން ޖެޓްފިއުލް ނުލިބޭތީވެ، އެ އެއާޕޯޓަށް ފްލައިޓް ޖެއްސުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ރާއްޖެ އަންނަ ޕްރައިވެޓު ޖެޓުތަކުގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުން އެބަހުއްޓެވެ. މިގޮތުން ޖެޓް ފިއުލް ލިބުމުގައި ތިން ވަރަކަށް ދުވަސް ވެފައިވާކަމަށް "ސަން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާފަރު އެއާޕޯޓުން ޖެޓް ފިއުލް ނުލިބޭ މައްސަލަ އާއި ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވަނީ މާފަރު އެއާޕޯޓުން ޖެޓް ފިއުލް ލިބުމުގައި ދަތިކަމެއް އުޅޭ ކަމަށް ވިދާޅުވެފައެވެ.

މިކަން ހައްލުކުރުމުގެ ގޮތުން، މާފަރު އެއާޕޯޓަށް ޖެޓް ފިއުލް ގެންދިއުމުގެ މަސައްކަތް މިރޭ ފަށާފައިވާ ކަމަށް ޖެނީފާ ވިދާޅުވިއެވެ. އަދި މާދަމާގެ ވަގުތެއްގައި މާފަރުން ޖެޓް ފިއުލް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާފަރު އެއާޕޯޓުން ޖެޓްފިއުލް ނުލިބޭ ސަބަބެއް އައިލެންޑް އޭވިއޭޝަނުން ނުބުނެއެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަރަށް ޖެޓްފިއުލް ލިބުމުގެ ތާށިކަން ކުރިމަތިވެފައިވަނީ، ޖެޓްފިއުލް ސަޕްލައިކުރާ އެސްޓީއޯއިން ޖެޓް ފިއުލް ނުދީގެންނެވެ. އެސްޓީއޯއިން ޖެޓްފިއުލް ނުދީ ހިފަހައްޓާފައިވަނީ އައިލެންޑް އޭވިއޭޝަނުން ތެއޮ ގަނެފައި އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތުމުންނެވެ.

މާފަރު ކައިރީ އެންމެ މަތީ ފަންތީގެ ގިނަ ރިސޯޓްތަކެއް ހުންނައިރު، އެ އެއާޕޯޓަކީ ވަރަށް ގިނައިން ބޭރުގެ އަމިއްލަ ޖެޓް ފަހަރު ޖައްސާ އެއާޕޯޓެކެވެ. އޭގެ ތެރޭގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ގިނަ މަހުޖަނުން ހިމެނޭކަން ފާހަގަކޮށްލަން ޖެހެއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޕްރައިވެޓް ޖެޓް ތަކެއް--- ފޮޓޯ : މާފަރު އިންޓަނޭޝަނަލް އެއާޕޯޓު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީކޮށް ހުޅުއްވައިދެއްވި މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުން ހިލޭ އެހީ ދީގެން ސިންގަޕޫރުގެ ޓަފް ކުންފުނިން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ތަރައްގީކޮށްފައިވާ ތަނެކެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއާ އެކުގައެވެ. މި އެއާޕޯޓް ހުޅުވާ ޚިދުމަތް ދޭން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

comment ކޮމެންޓް