މިސްކިތަށް ދާ ބައެއް މީހުން ކުރާ ގޯސް ކަންތައްތަކެއް!

ފިރިހެނުންނަށް ޖަމާޢަތުގެ ނަމާދު ވާޖިބުވާއިރު، ޖަމާޢަތަށް ދާމީހާ ފުރިހަމަކުރަންޖެހޭ ކަންތައްތަކެއްވެސް ހުރޭ --- ފޮޓޯ/ގޭޓް.އަހްރާމް.އޯގް.އީޖީ

ނަމާދަށް މިސްކިތަށް ދަނީ އެކަން އެގޮތަށް ކުރުމަށް ﷲ އަންގަވާފައިވާތީއެވެ. ފިރިހެނުންނަށް މިސްކިތުގެ ޖަމާޢަތް ވާޖިބުކުރައްވާފައިވާއިރު، އަންހެނުންނަށް އެކަން އޮންނަނީ އިޚްތިޔާރީ ކަމެއްގެ ގޮތުގައެވެ. ޖަމާޢަތުގެ ނަމާދަށް މިސްކިތަށް ދިއުމަށް އެންގެވީ އެމީހަކު ހިތަށް އެރިގޮތަކަށް އެކަން ކުރާކަށްނޫނެވެ. އެއާޚިލާފަށް، މިސްކިތަށްދާ މީހާ ފުރިހަމަކުރާންޖެހޭ ޚާއްޞަ ކަންތައްތަކެއް ޝާރިޢު (އެބަހީ: ﷲ ތަޢާލާ) ގެ ފަރާތުން އަންގަވާފައިވެއެވެ. މިސްކިތުގެ ޖަމާޢަތަށްދާ މީހާ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއްކަމަކީ ސާފުތާހިރުކަންމަތީގައި ހުރުމެވެ. ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ ޒީނަތްތެރިވުމަށް ﷲ އަންގަވާފައިވެއެވެ.(އަޢުރާފު: 31) ވުޟޫ ކުރުމުގެ އެއްބޭނުމަކީވެސް ތާހިރުވުމެވެ. މީގެއިތުރުން، ތިމާގެ ހަށިގަނޑާއި ފޭރާން އަދި ނަމާދުކުރާ ތަން ހުރިހައި ގޮތަކުން ސާފުތާހިރުވާންޖެހޭނެއެވެ. މީގެތެރޭގައި ހިމެނޭ ބައެއް ކަންކަމަށް ބަލައިލަމާހިނގާށެވެ.

ލާފައި ހުންނަ ހެދުމުގެ ސާފުތާހިރުކަން: މީގެ މާނައަކީ މިސްކިތަށްދާއިރު ތިމާ ލާ ފޭރާމަކީ ކޮންމެހެން އެންމެ މޮޅު، އައު ފޭރާމަކަށްވުމެއްނޫނެވެ. ނަމަވެސް ކިތަންމެ އާދައިގެ ހެދުމެއް ލައިގެން ހުއްޓަސް އެ ހެދުން ހުންނާންޖެހޭނީ ސާފުތާހިރުކަންމަތީގައެވެ. ވީމާ، ބުރަ މަސައްކަތުގައި އުޅޭއިރު ލާ ހަޑިވެ ނުވަތަ ދާވެފައިވާ ހެދުމާއެކު މިސްކިތުގެ ޖަމާޢަތަށް ދިއުން ރަނގަޅެއްނޫނެވެ. (ކަންމިހެން އޮތްނަމަވެސް ޟަރޫރީ ޙާލަތެއްގައިވާމީހާއަށް އެ ޙާލަތަކާ ގުޅޭގޮތަށް ޢަމަލުކުރެވޭނެގޮތް އޮންނާނެއެވެ.) ހަޑިވެ ނުވަތަ ދާވެފައިވާ ހެދުމެއް ލައިގެން ހުންނަމީހާ ސަފުގައި ހުންނައިރު އޭނާގެ ފުށުން، ދެންތިބީންނަށް ވަރަށް ބޮޑަށް އުނދަގޫވާ ފަހަރު އާދެއެވެ. އެފަދަމީހުންގެ ކައިރީގައި ހުރުމުގެ ސަބަބުން ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދެވި ޚުޝޫޢަތްތެރިކަން ގެއްލޭ ހިސާބަށްދާތަންވެސް އާދެއެވެ.

ހަށިގަނޑުގެ ސާފުތާހިރުކަން: ހޫނުވެ ދާހިއްލާގޮތްވުމުން ވަރަށް އަވަހަށް ބައެއްމީހުންގެ ގައިން ނުބައިވަސްދުވާގޮތްވެއެވެ. އަދި ދާހިއްލުމަކާނުލައިވެސް ތަބީޢީގޮތުން ހަށިގަނޑުން ނުބައިވަސްދުވާ މީހުން ތިބެއެވެ. މިސްކިތުގެތެރެއިން ފާހަގަކުރެވޭގޮތުގައި، ލައިގެން ހުންނަ ފޭރާމުގެ ނުސާފުކަމަށްވުރެ ބޮޑަށް ގިނަ ފަހަރަށް އުނދަގޫކަން ލިބެނީ ހަށިގަނޑުގެ ނުބައި ވަހުގެ ސަބަބުންނެވެ. މިފަދަ މީހުންގެ އުނދަގުލާހުރެ ބައެއްމީހުން ނަމާދުކުރާން ހުރި ތަން ދޫކޮށް އެހެން ތާކަށް ގޮސްފައިވެސް އެބަހުއްޓެވެ. މި ރޯދަމަހުގެ ތަރާވީޙުގައި މިގޮތަށް ތަންބަދަލުކުރި މީހަކު ކިޔައިދިނެވެ. އޭނާއާ ޖެހިގެން ހުރިމީހެއްގެ ގައިން އާދަޔާ ޚިލާފަށް ނުބައިވަސް ދުވިއެވެ. އަދި އޭނާ އަމިއްލައަށްވެސް އިރުއިރުކޮޅާ ހަށިގަނޑުގެ އެކި ހިސާބުތަކުގައި އަތްލުމަށްފަހު ނޭފަތާ އަތް ކައިރިކޮށްލައި ވަސްބަލަމުން ދިޔަކަން ފާހަގަވިއެވެ. އެގޮތަށް އެހަދަނީ އޭނާގެ އަމިއްލަ ހަށިގަނޑުގައި ދުވާ ނުބައިވަސް އޭނާއަށްވެސް އިހުސާސްވާތީކަމަށް ބެލެވެއެވެ. ކޮންމެއަކަސް އެމީހާގެ ގައިން ދުވަމުންދިޔަ ނުބައި ވަހުގެ ސަބަބުން ކެތްނުވެގެން އެންމެފަހުން ޖެހުނީ އެހެން ތާކަށް ބަދަލުވާންކަމަށް އޭނާ ބުންޏެވެ.

މިއަހަރުގެ ރަމަޟާންމަސް ދިމާވެފައި މިވަނީ ވަރަށް ހޫނުގަދަ ދުވަސްވަރަކާއެވެ. މީގެއިތުރުން، ރާއްޖޭގެ ގިނަ މިސްކިތް (ޚާއްޞަކޮށް މީހުން ގިނަ ސަރަހައްދުތަކުގައި ހުރި ވަގުތީ-ދާއިމީ މިސްކިތް) ތަކުގެ ފިނިކުރާ ނިޒާމު ހުންނަނީ ވަރަށް ދެރަވަރުކޮށެވެ. ކަންމިހެން އޮތްއިރު، މިސްކިތަށް އަރާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ މި ދުވަސްވަރު، ޖަމާޢަތަށްދާ މީހުން ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. ތިމާ ލައިގެން ހުންނަ ފޭރާން ނުސާފުވުމުން ނުވަތަ ތިމާގެ ހަށިގަނޑުން ދުވާ ނުބައިވަހުންވިޔަސް އެހެންމީހުންނަށް އުނދަގޫ ނުވާނެހެން އަމަލުތައް ބަހައްޓަންޖެހޭނެއެވެ.

ދަތްތައް ރަނގަޅަށް އުނގުޅުމާއެކު އަނގައިގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން: ޖަމާޢަތަށްދާ ބައެއްމީހުންގެ ފަރާތުން ފާހަގަކުރެވޭ އަނެއްކަމަކީ އަނގައިން ނުބައިވަސް ދުވުމެވެ. އެއީ ދަތް ނޫނގުޅާތީ ނުވަތަ ކައިގެން ހުރި އެއްޗެއްގެ ސަބަބުންވާ ގޮތެއްކަމަށްވެސް ވެދާނެއެވެ. މި ދެހާލަތާމެދުގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވަވާފައިވެއެވެ. އެގޮތުން؛ އެކަލޭގެފާނުގެ އުންމަތުގެ މީހުންނަށް އުނދަގޫ ކަމަކަށް ނުވާނެނަމަ ކޮންމެ ނަމާދަކަށް ދަތް އުނގުޅުމަށް މީސްތަކުންނަށް އަމުރުކުރެއްވީސްކަމަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.(އަބޫދާއޫދު: 47) ހަމަ މިއާއެކު، ލޮނުމެދާއި ފިޔާ އަދި ލީކްސް ކައިގެން (އަނގަ ސާފުނުކޮށް) މިސްކިތާ ކައިރިނުވުމަށް (އެބަހީ: މިސްކިތަށް ނުދިއުމަށް) އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އަދި އެފަދަ އެއްޗެތި ކައިގެން އަނގަ ސާފުނުކޮށް މިސްކިތަށް ދިއުމުން އާދަމުގެ ދަރީންނަށް އުނދަގޫވާފަދައިން މަލާއިތުންނަށްވެސް އުނދަގޫފުޅުވާނެކަމަށް އެންގެވިއެވެ.(މުސްލިމް: 874) ވީމާ މިސްކިތަށް ދިއުމުގެ ކުރީން ތިމާގެ އަނގައިން ނުބައިވަސް ދުވާތޯ ބަލައި، ދުވާނަމަ އެކަން ރަނގަޅުކުރާންޖެހޭނެއެވެ. އަނގަޔާއި ނޭފަތާ އެއްކޮށް އަތް އަޅައި ބޭރަށް ނޭވައިލުމުން އަނގައިގެ ވަސް ދެނެގަނެވޭނެއެވެ. ޖަމާޢަތުގެ ސަވާބު ލިބިގަތުމަށްކަމަށްވިޔަސް، މިސްކިތަށް ދާންޖެހޭނީ އެތަނަށް ދިއުމަށްޓަކައި ފުރިހަމަކުރާންޖެހޭ ކަންކަން ފުރިހަމަކޮށްގެންނެވެ.

ނިޔަފަތި ކެނޑުން: ޖަމާޢަތުގެ ނަމާދަށް ހެދޭ ސަފުތަކަކީ ބަދަހި ކަމާއެކު ސީދަލަށް ދެމިގެންދާ ސަފުތަކަކަށްވާންޖެހެއެވެ. މިސަބަބަށްޓަކައި ސަފުތައް ހަދާއިރު އާއްމުގޮތެއްގައި އެކެއް އަނެކެއްގެ ފަޔާއި ފައި ޖައްސައިލެވެއެވެ. މިހެން ހަދާއިރު ބައެއްމީހުންގެ ފައިތިލައިގެ ސައިޒާއި ބައްޓަން ހުންނަގޮތުން، އެކެއްގެ ފައިގެ ކުޑަވައި އިނގިލި އަނެކާގެ ފައިގައި ވަރަށް ބޮޑަށް ޖެހޭތަން އާދެއެވެ. އަދި މިހެން ޖެހޭއިރު އެ އިނގިލީގެ ނިޔަފަތި ނުކަނޑައި ހުރުމުން ނުވަތަ ކަނޑާފައި ކޮށިނުކޮށް ހުރުމުން އަނެކާއަށް ތަދުވާ ހާލަތު މެދުވެރިވެއެވެ. މިގޮތަށް ތަދުވާގޮތްވުމުން ބައެއްފަހަރަށް ފައި ދުރުކޮށްލައި، ސަފުގެ ބަދަހިކަން ގެއްލުވައިލާންޖެހޭ ފަހަރުވެސް އާދެއެވެ. އަދި ތަދުވާ މީހާ މިހެން ފައި ދުރުކޮށްލިޔަސް، މިވަނީ ކިހިނެއްކަން އަނެކާއަށް ރޭކައިނުލާތީ އަނެއްކާވެސް ފަޔާ ފައި ޖައްސައިލާން މަސައްކަތްކުރާތަން ފެންނާނެއެވެ. ވަރަށް ކުޑަ ކަމެއްހެން ހީވިޔަސް ހަގީގަތުގައި މިއީ ކުޑަ ކަމެއްނޫނެވެ. ނަމާދު ނިމޭންދެން ސަފުގެ ބަދަހިކަން ބޭއްވުން މުހިއްމެވެ. ނަމަވެސް ކިތަންމެ ކުޑަޔަސް "ވޭނެއްގައި ހުރެގެން" ނަމާދުކުރުމަކީވެސް ފަސޭހަކަމަކަށްނުވާނެއެވެ. ވުމާއެކު ކުރިއަށް އޮތް ތަނުގައި މިސްކިތުގެ ޖަމާޢަތަށްދާއިރު މިކަންކަމަށް ސަމާލުކަން ދީގެން، ޖަމާޢަތުގެ ނަމާދުން ލިބޭނެ އެންމެ ގިނަ ސަވާބު ހޯދުމަށް އަޒުމު ކަނޑައަޅަމާ ހިނގާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް