މިދިޔަ މަހު ޑެންގީ އާއި އަރިދަފުސް ރޯގާ ޖެހުނު މީހުން އިތުރު

ކޮވިޑް 19ގެ ސަބަބުން ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ގާއިމް ކޮއްފައިހުރި ފްލޫ ކުލިނިކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފެބްރުއަރީ މަހާ އަޅައިބަލާއިރު، މިދިޔަ މަހު ޑެންގީ އާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް, ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ މަހަކު އާއްމުކުރާ އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފެބްރުއަރީ މަހާ އަޅައިބަލާއިރު، މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ފެބްރުއަރީ މަހު ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 146 މީހުންނަށްވާއިރު، މިދިޔަ މަހު ޑެންގީ ޖެހިގެން 169 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު ރިޕޯޓްކުރި މީހުންގެ އަދަދު ވެސް އޭގެ ކުރީ މަހާ އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން ފެބްރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 30،628 މީހުންނެވެ. އަދި މިދިޔަ މަހު ޖުމުލަ 37،969 މީހުންނަށް އަރިދަފުސް ރޯގާ ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ.

ހަމައެއާއެކު ފެބްރުއަރީ މަހާ އަޅައިބަލާއިރު މިދިޔަ މަހު އިންފްލުއެންޒާގެ އަލާމަތްތަކެއް ހުރެގެން ޓެސްޓު ކުރެވުނު މީހުންގެ ވެސް ވަނީ އިތުރުވެފައެވެ. މި އަހަރުގެ މިހާތަނަށް ޖުމުލަ 458 ސާމްޕަލްގެ ތެރެއިން 62 ސާމްޕަލް ވަނީ ޕްޒިޓިވްވެފައެވެ.

މިފަދަ ބަލިތައް އިތުރުވަމުންދާތީ، އެޗްޕީއޭއިން ވަނީ ބަލިތަކަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ މަހު އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ އޭގެ ކުރީ މަހާ އަޅައިބަލާއިރު، ދަށަށް ގޮސްފައެވެ. އެގޮތުން ފެބްރުއަރީ މަހު 4،357 މީހުންނަށް މި ބަލި ޖެހިގެން ރިޕޯޓްކުރި ނަމަވެސް މިދިޔަ މަހު ބަލި ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 4،042 މީހުންނެވެ. މިދިޔަ މަހު ބޭރަށް ހިންގުން މަދު ނަމަވެސް އެޗްޕީއޭއިން ވަނީ އެފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަކީ މުހިއްމު ކަމެއް ކަމަށް ބުނެފައެވެ.

މީގެ އިތުރުން މި ދުވަސްވަރު ކޮވިޑުގެ ކޭސްތައް ވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ކޮންމެ ހަފުތާއަކު ވެސް އާއްމުކުރާ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު ކުރީ ކޮޅުން ފެށިގެން މިހާވަރަށް ކޭސްތައް އިތުރުވި ފުރަތަމަ ފަހަރެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިއްޔެ ގޮވާލައިފައެވެ.

comment ކޮމެންޓް