ރޭއަޅުކަމާ ބެހޭ މި ވާހަކަތައް ނުކިޔައި ދޫކޮށްނުލާތި!

އަންހެނަކު ނަމާދު ކުރަނީ --- ފޮޓޯ/ނިއުސް.އެއްސަހުރާ.ނެޓު

ފުރަމެންދަމުގެ ވަގުތުގެ މާތްކަން އެނގޭނަމަ... އަހަރެމެންގެ ތެރެއިން ހަމަ އެކަކު ވެސް އެ މުހިއްމު ވަގުތުގެ ބޭނުން ނުހިފައި ދޫކޮށްނުލާނެކަން ކަށަވަރެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ކޮންމެ ރެއެއްގެ ތިންބައިން ފަހުބައިގައި ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވާނެތެވެ. އަދި ވަޙީކުރައްވާނެއެވެ. ތިމަން އިލާހަށް ދުޢާ ދަންނަވަނީ ކާކުހެއްޔެވެ؟ ފަހެ، ތިމަން އިލާހު އެމީހެއްގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވަނީ ކާކުހެއްޔެވެ؟ ފަހެ، އެމީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާހުށީމެވެ. ފާފަ ފުއްސެވުމަށް އެދި ތިމަން އިލާހަށް ދަންނަވަނީ ކާކުހެއްޔެވެ؟ ފަހެ، އެމީހަކަށް ތިމަން އިލާހު ފާފަ ފުއްސަވައިދެއްވާހުށީމެވެ."(متفق عليه)

ބަޔާންވެ ދިޔަ ޙަދީޘްގައި އެ ވަނީ ތާއަބަދު ކޮންމެ ރެޔަކުމެ ހިނގާނެ ކަމެއްގެ ވާހަކައެވެ. ﷲ ގެ ޙަޟުރަތުން ކަންކަމަށާއި ފާފަ ފުއްސެވުމަށް އެދުމުގެ މި ރަނުގެ ފުރުސަތު ހަމަ ކޮންމެ މީހަކަށް ވެސް ހުޅުވިގެންވެއެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން ހިފާން އެދޭ މީހާ، ކުޑަ ވަގުތުކޮޅަކަށްނަމަވެސް، އޭނާގެ ބުރިކަށި ތަންމައްޗާ ދުރުކޮށްލައި، ދެ ލޯ ހުޅުވައި ﷲ ގެ ހަޟުރަތުގައި ހުއްޓިލާންޖެހޭނެއެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އެއުރެންގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ބިރުވެތިކަމާއި އުއްމީދާއެކު ދުޢާކުރާ ޙާލު އެއުރެންގެ އަރިކަށިތައް (ރޭއަޅުކަން ކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ."(ސަޖިދަ: 16)

ދުވާލުގެ ބުރަ ދިރިއުޅުމަށް ފަހު، ރޭގަނޑުގެ އަރާމު ނިދީގެތެރެއަށް ޣަރަޤުވެފައިވާ މީހާއަށް، ރޭ އަޅުކަމަށް ތެދުވުމަކީ ފަސޭހަކަމަށް ނުވެދާނެއެވެ. މިކަން މޮޅަށް ދެނެވޮޑިގެންވާ އިލާހު ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ނިދުމަށްފަހު، ރޭއަޅުކަން ކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔެވޭ ކިޔެވުންތައް) ސީދާކަން ބޮޑެވެ."(މުއްޒައްމިލް: 6) ކަން މިހެން އޮތުމާއެކުވެސް، ދަންވަރުގެ ވަގުތުގައި ތެދުވެ ﷲ އަށް އަޅުކަން ކުރާ މީހުންގެ ވާހަކަ އެކަލާނގެ ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ. كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ، وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ (ޛާރިޔާތި: 17-18) "އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށް އެދި ދުޢާ ކުރެތެވެ." މިފަދަ މީހުންނަށް ސުވަރުގެތަކާއި ފެންއާރުތަކުގެ މަތިވެރި ނިޢުމަތްތައް ދެއްވަވާނެކަމަށް އަންގަވާފައިވެއެވެ.(ޛާރިޔާތި: 15)

ރޭއަޅުކަމުގައި ދެމިހުރުމަށް ޤިޔާމުއްލައިލި އެވެ ކިޔައެވެ. އެއީ ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުމާއި، ދުޢާ ދެންނެވުމާއި އަދި ﷲ ގެ އާޔަތްތަކާއި އެކަލާނގެ މަޚުލޫޤުންނާމެދު ވިސްނައި ފިކުރުކުރުންފަދަ ކަންކަން ކުރުމަށްޓަކައި ﷲ އާ ކުއްތަންވެ ވަގުތު ހޭދަކުރުމެވެ. އެއީ ގަޑިއެއްހައިއިރު ނުވަތަ އެއަށްވުރެ ގިނައިން ނުވަތަ އެއަށްވުރެ މަދު ވަގުތުކޮޅަކަށްނަމަވެސްމެއެވެ. ރޭއަޅުކަމުގެ ތެރޭގައި ކުރެވޭ ދަމުދަމާދަށް ތަހައްޖުދު ނަމާދު އެވެ ކިޔައެވެ. މި ނަމާދު ކުރާނީ ދެރަކުޢަތުން ދެރަކުޢަތުން ސަލާން ދެމުންނެވެ. މި ނަމާދުގެ އެންމެ މަދުމިނަކީ ދެރަކުޢަތެވެ. ގިނަވެގެން އެމީހަކު ބޭނުންވަރަކަށް ކުރެވިދާނެއެވެ. ކޮންމެ ރަކުޢަތެއްގައިމެ ސޫރަތުލްފާތިޙާއަށްފަހު އެމީހަކު ބޭނުން ސޫރަތެއް ނުވަތަ އާޔަތްތަކެއް ކިޔަވާނީއެވެ. ކުޅަދާނަވެގެންވާނަމަ ޤުރުއާން ކިޔެވުން ދިގުކުރުމާއި ރުކޫޢު އާއި ސަޖިދައިގައި ހޭދަކުރާ ވަގުތު ދިގުކުރުން އެދެވިގެންވެއެވެ. ޢިޝާ ނަމާދަށްފަހު ފަތިސް ނަމާދާ ހަމައަށް، ދަމު ނަމާދުގެ ވަގުތު ދެމިގެންވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާގޮތުގައި، ފަރުޟު ނަމާދަށްފަހު ދެން އެންމެ މާތްވެގެންވަނީ ރޭގަނޑު ދަންވަރުގެ ވަގުތުގައި ކުރެވޭ (ސުންނަތް) ނަމާދެވެ.(މުސްލިމް: 1163) ހަމަ މިއާއެކު، މީސްތަކުން ނިދާފައި ތިބޭހިނދު، ދަންވަރުގެ ވަގުތުގައި ތެދުވެ ނަމާދުކުރާ މީހުން ސަލާމަތްކަމާއެކު ސުވަރުގެއަށް ވަންނާނެކަމަށް ޙަދީޘްކުރެއްވިއެވެ.(އިބުނު މާޖާ: 3251) އަދިވެސް އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އަޅާއާ އޭނާގެ ރައްބާ އެންމެ ކައިރިވާ ވަގުތަކީ ރޭގަނޑުގެ ފަހު ބައިގެ ވަގުތެވެ. އެވަގުތުގައި ﷲ ހަނދުމަކޮށް ދުޢާ ދަންނަވާމީހުންގެތެރެއިންވުމަށް ކުޅަދާނަވެއްޖެމީހާ ފަހެ، އެކަން ކުރާހުށިކަމެވެ."(ތިރުމިޛީ: 3579)

މާތްވެގެންވާ އަޞްޙާބުންނާއި ޞާލިޙު އަޅުތަކުން، ރޭއަޅުކަން ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. ސަޙަރުގެ ވަގުތާމެދު އެބޭފުޅުންގެ ލޮބުވެތިކަން އޮތް މިންވަރު، އޭގެތެރެއިން ބައެއް ބޭފުޅުންގެ ފަރާތުން ނަޤުލު ކުރެވިފައިވެއެވެ. ޔަޙުޔާ ބިން މުޢާޛު - ރަޟިޔަﷲ ޢަންހު - ވިދާޅުވިއެވެ. ހިތަށް ފަރުވާ ލިބެނިވި ފަސްކަމެއް ވެއެވެ. އެއީ ކިޔެވޭ އެއްޗަކާމެދު ވިސްނައި ފިކުރުކުރުމާއެކު ޤުރުއާން ކިޔެވުމާއި، ބަނޑު ފުރޭންދެން ނުކެއުމާއި، ރޭ އަޅުކަން ކުރުމާއި، ދަންވަރުގެ ވަގުތުގައި ނިކަމެތިކަމާއެކު ދެއަތް މައްޗަށް އުފުލައި ﷲ އަށް ދުޢާ ދެންނެވުމާއި އަދި ޞާލިޙުންގެ މަޖިލިސްތަކުގައި ބައިވެރިވުމެވެ. އަބޫ ސުލައިމާނުއްދާރާނީ - ރަޙިމަހުﷲ - ވިދާޅުވިއެވެ. (ދުވާލަށްފަހު) ރޭގަނޑު (އައުން) ނުވާނަމަ ތިމަންކަލޭގެފާނު (މި) ދުނިޔޭގައި ހުންނެވުމަކަށް ލޯތްބެއްނުކުރެއްވީމުހެވެ.

ރަސޫލުންނާއި ނަބީން އަދި އަޞްޙާބުންނާއި ޞާލިޙު އަޅުން، ރޭއަޅުކަމަށް އެހައި ބޮޑަށް ސަމާލުކަން ދެއްވާފައިވާއިރު، އަހަރެމެންވެސް އެފަދައިން ނުވާންވީ ކީއްވެގެންހެއްޔެވެ؟ ޚާއްޞަ ގޮތެއްގައި، ހެޔޮ ޢަމަލުތަކުގެ ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންވާ މި މާތް ރަމަޟާން މަހުގައި، ރޭއަޅުކަން ނުކޮށް ގަދަ ނިދީގައި ތިބޭން ހެޔޮވާނީ ފަހެ ކިހިނަކުންހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ރޭގަނޑުގެ ވަގުތުގައި ނަމާދުކުރުމަށް ތެދުވެ އޭނާގެ އަނބިމީހާވެސް ހޭލައްވައި އަޅުކަމުގައި ބައިވެރިކުރުވާ ފިރިމީހާއަށް ﷲ ރަޙުމަތް ލައްވާނެތެވެ. އަދި ހަމަ އެފަދައިން ރޭގަނޑުގެ ވަގުތުގައި ނަމާދުކުރުމަށް ތެދުވެ އޭނާގެ ފިރިމީހާވެސް ހޭލައްވައި އަޅުކަމުގައި ބައިވެރިކުރުވާ އަނބިމީހާއަށް ﷲ ރަޙުމަތް ލައްވާނެތެވެ."(އަބޫދާއޫދު: 1308)

ގުޅޭ ޓެގު
comment ކޮމެންޓް