ތިލަފުށީ ފަޅުގައި އަޑިއަށް ގޮސްފައިވާ ދެ އުޅަނދެއްގެ ވެރިފަރާތް ހޯދަނީ

އަޑިއަށް ގޮސްފައިވަނީ 37 ފޫޓުގެ ލޯންޗަކާއި 65 ފޫޓުގެ ދޯންޏެއް--- ފޮޓޯ/ އާބަންކޯ

ކ. ތިލަފުށީ ފަޅުގައި އަޑިއަށް ގޮސްފައިވާ ދެ އުޅަނދު ނަގަން އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯ އިން ކުރި އިއުލާނެއްގައި ބުނީ، ތިލަފުށީގައި ހުންނަ އެންވަޔަރަމަންޓް މިނިސްޓްރީގެ ސައިޓްގައި ހިންގާ ޕްރޮޖެކްޓަކަށް އެސަރަހައްދުގެ ފަޅުތެރެ ހުސްކުރަން ބޭނުންވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި އުޅަނދުތަކުގެ ތެރެއިން، އަޑިއަށް ގޮސްފައިވާ، ވެރިފަރާތް ނޭންގޭ ދެ އުޅަނދު އެސަރަހައްދުން ނެގަން އެ ކޯޕަރޭޝަނުން ބޭނުންވާ ކަމަށެވެ.

އާބަންކޯއިން ބުނި ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ 37 ފޫޓުގެ ލޯންޗަކާއި 65 ފޫޓުގެ ދޯންޏެކެވެ. މި އުޅަނދުތަކުގެ ވެރިފަރާތެއް ވާނަމަ އެ ކޯޕަރޭޝަންގެ ކޯލްސެންޓަރު ހޮޓްލައިން، 1516 އަށް ގުޅައި، މައުލޫމާތު ސާފުކުރުމަށްފަހު، 30 ދުވަހުގެ ތެރޭގައި އެ އުޅަނދުތައް ނަގަން އެ ކުންފުނިން އެދިފައިވެއެވެ.

އާބަންކޯއިން ބުނީ އެ މުއްދަތުގައި އެ އުޅަނދުތައް ނަގާފައި ނުވާނަމަ، "ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލު" ގެ ދަށުން އެ ދެއުޅަނދާއި މެދު އަމަލުކުރެވޭނެ ކަމަށެވެ.

އުސޫލުގައިވާ ގޮތުގައި އެ ސަރަޙައްދަށް ދޫކޮށްލައިފައިވާ އެއްޗެއް އޭގެ ވެރިފަރާތުން ނެގުމަށްޓަކައި އެ އެއްޗެއް އޮތް ހާލަތަށް ރިއާޔަތް ކުރުމަށްފަހު ހަތް ދުވަހާއި 30 ދުވަހުގެ މުއްދަތެއް ދޭނެއެވެ.

މި މުއްދަތުގެ ތެރޭގައި އެ އެއްޗެއްގެ ވެރިފަރާތުން ނުނަގައިފި ނަމަ އެ އެއްޗެއް ނައްތާލުމުގެ އިތުރުން ނީލަމުގައި ވިއްކާލުމުގެ ބާރު އާބަންކޯއަށް ލިބެއެވެ. އަދި އެ ތަކެތި ނެގުމުގެ ތެރޭގައި އޭގެ ވެރިފަރާތަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ އާބަންކޯއިން ނަގަން ނުޖެހޭނެކަމަށް އުސޫލުގައިވެއެވެ.

ސިނާއީ މަސައްކަތްތަކަށް ޚާއްސަ ތިލަފުއްޓާއި ގުޅީފަޅުގައި އާބަންކޯގެ ހުއްދަނެތި ބަހައްޓާފައިވާ އުޅަނދުތައް ނަގަން މީގެ ކުރިން ވެސް އެ ކޯޕަރޭޝަނުން ވަނީ ތަކުރާރުކޮށް އިއުލާނުކޮށްފައެވެ.

comment ކޮމެންޓް