މަގުމަތިކުރި ތިން މައިންގެ ގާނޫނީ ހައްގު ހޯދައިދޭން ތަކުރާރުކޮށް މަސައްކަތް ކުރިން: ޖެންޑާ

ތިން މައިން ގެއިން ނެރެލައި، އާއިލާގެ ތަކެތި މަގުމައްޗަށް އުކާލައިފައި ވަނިކޮށް --- ފޮޓޯ/ މަމްސް އެއިޑް

މާލޭގައި ރޭ ދަންވަރު މަގުމަތިކުރި އެކަނިވެރި މަޔަކާއި އޭނާގެ ތިން ދަރިންނަށް އެކި ފަހަރުމަތިން ގާނޫނީ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންހެނަކު އޭނާގެ ދެ ކުދިންނާ އެކު އެ މީހުން ދިރިއުޅެމުންދިޔަ ގެއިން ނެރުމާއި ގުޅޭ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން އެ ފަރާތުން މިހާރު ދިރިއުޅެމުންދާ ތަނަށް ގޮސް އެ ތިން މައިންގެ ހާލު މިނިސްޓްރީން ބަލާފައިވާ ކަމަށެވެ. އަދި ބޭނުންވާ އެހީތެރިކަން ވެސް ފޯރު ކޮށްދީފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް ލިބިދޭ ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ހޯދަން މިނިސްޓްރީއިން މަގުފަހި ކޮށްދީފައިވާ ކަމަށެވެ. އެގޮގުން އެކި ފަހަރު މަތިން ގާނޫނީ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެކަނިވެރި މަޔަކާއި އޭނާގެ ދެ ދަރިން ގެއިން ނެރެލައި ހާލުގައި ޖެހުނު ކަމުގެ މައުލޫމާތު ރޭ ދަންވަރުގެ ވަގުތެއްގައި ލިބުމާއެކު މަމްސް އެއިޑުން ވަނީ އެ ވަގުތު ބޭނުންވި އެހީތެރިކަން އެ އާއިލާއަށް ފޯރުކޮށްދީފައެވެ. އެ އާއިލާއަށް ކުއްލި އެހީތެރިކަން ހޯދަން ހުޅުވާލި ފަންޑްރައިޒިންއަށް ތިން ގަޑިއިރު ތެރޭގައި އާއިލާއަށް ބޭނުންވާ ވަރަށް އެހީ ލިބިފައިވެއެވެ.

ތިން މައިން ގެއިން ނެރެލައި، އެ އާއިލާގެ އެއްޗެހި މަގުމައްޗަށް އުކާލާފައިވާ ފޮޓޯއެއް ވެސް މޯމްސް އެއިޑުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އެކަން ކުރީ އިއްޔެގެ ވަގުތެއްގައި އެކުދިންގެ ބައްޕަ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ރޭގައި ފަހުން ވަގުތީ ގޮތުން އެ އާއިލާ މަޑުކުރީ ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މަގުމަތިކުރި އާއިލާއާ ހަވާލާދީ މަމްސް އެއިޑުން ބުނީ ކުރިން އެ އާއިލާ ދިރިއުޅުނު ގޭގެ ކަރަންޓާއި ފެން އެތައް ފަހަރަކު ކަނޑާލައި އެކި ކަހަލަ ދަތިތައް ކުރިނަމަވެސް ކުޑަކުދިންތަކެއް ގޮވައިގެން ވަންނާނެ ތަނެއް ނެތުމުން އެތަނުގައި ދިރިއުޅެމުން ދިޔައީ ކަމަށެވެ.

މިކަންތައްތައް މިގޮތަށް ތަކުރާރުވަމުން ގޮސް އެންމެފަހުން މިދިޔަ މަހު ގޭގައި ނެތް ވަގުތު ބަލާފައި ގޭގެ ތަޅު ބަދަލުކޮށް ގެއިން ނެރެލާފައިވާ ކަމަށާއި ލާނެ ހެދުމެއް އަދި ކުދިންގެ ފޮތްދަބަހެއް ވެސް ނުދޭ ކަމަށް އާއިލާއާ ހަވާލައިދީ އެ ޖަމިއްޔާއިން ބުންޏެވެ.

އެ ކުދިންގެ ބައްޕަ އެ އާއިލާއަށް ހަރަދުވެސް ނުކުރާ ކަމަށާއި ވަރިކުރި ނަމަވެސް ފިރިހެން މީހާގެ ގޭގެ ކޮޓަރިއެއްގައި މި އާއިލާ ދިރިއުޅެމުން ދިޔައީ ވަންނާނެ އިތުރު ތަނެއް ނެތުމުން ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ތިން މައިން ދިރިއުޅެމުން ދިޔައީ ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ރޮށި ފިހެގެން މަންމައަށް ލިބުނު އާމްދަނީއިން އެ ކޮޓަރިއަށް ދުވާލަކު 500 ރުފިޔާ ދައްކައިގެންނެވެ. އެ ރުފިޔާ ދެއްކުމަށްފަހު ކުދިންގެ ޚަރަދަށް އަދި ކެއުމަށް ބޭނުންކުރާނެ ރުފިޔާއެއް ނޯންނަ ކަމަށް މަމްސް އެއިޑް ޖަމިއްޔާއިން މި އާއިލާގެ ވާހަކަ އާއްމުންގެ ސަމާލުކަމަށް ގެންނަމުން ބުންޏެވެ.

ދަތި ހާލުގައި އުޅެމުންދާ އާއިލާތަކަށް މަމްސް ޖަމިއްޔާގެ ސަބަބުން ފަހި ދިރުއުޅުމެއް ލިބިގެންދާއިރު އެ ޖަމިއްޔާއިން ވަނީ އެފަދަ ކަންކަމުގައި އާންމުން އެ ޖަމިއްޔާއަށް ކުރާ އިތުބާރާއި ދޭ އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ.

comment ކޮމެންޓް