މަގުމަތިކުރި ތިން މައިންނަށް ފުދޭ ވަރަށް އެހީ ތިން ގަޑިއިރު ތެރޭ ލިބިއްޖެ

ތިން މައިން ގެއިން ނެރެލައި، އާއިލާގެ ތަކެތި މަގުމައްޗަށް އުކާލައިފައި ވަނިކޮށް --- ފޮޓޯ/ މަމްސް އެއިޑް

މާލޭގައި ރޭ ދަންވަރު މަގުމަތިކުރި އެކަނިވެރި މަޔަކާއި އޭނާގެ ތިން ދަރިންނަށް ކުއްލި އެހީތެރިކަން ހޯދަން ހުޅުވާލި ފަންޑްރައިޒިންއަށް ތިން ގަޑިއިރު ތެރޭގައި އާއިލާއަށް ބޭނުންވާ ވަރަށް އެހީ ލިބިފައިވާ ކަމަށް މަމްސް އެއިޑް ޖަމިއްޔާއިން ބުނެފިއެވެ.

އެކަނިވެރި މަޔަކާއި އޭނާގެ ދެ ދަރިން ގެއިން ނެރެލައި ހާލުގައި ޖެހުނު ކަމުގެ މައުލޫމާތު މަމްސް އެއިޑަށް ލިބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް އެ ޖަމިއްޔާއިން ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ބުނެފައެވެ. އަދި އެ ވަގުތު ބޭނުންވި އެހީތެރިކަން ވަގުތު ދީފައިވި ނަމަވެސް އެ ޖަމިއްޔާއިން ކުރި އެ ފޭސްބުކް ޕޯސްޓުގައި ވަނީ އެ އާއިލާއަށް އެހީވުމަށް އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން މަމްސް އެއިޑުން ބުނީ، ހާލުގައި ދެކުދިން ގޮވައިގެން ދަތި ހާލުގައި ދިރިއުޅޭ އެކަނިވެރި މަޔަކަށް ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފަންޑްރައިޒިންއަށް ތިން ގަޑިއިރު ތެރޭގައި އާއިލާއަށް ބޭނުންވާ ވަރަށް ފައިސާ އަދި ތަކެތީގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެހެންވެ، ފަންޑު ކަލެކްޓު ކުރުން މިހާރު ހުއްޓާލައިފައިވާ ކަމަށް އެ ޖަމިއްޔައިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ، ފަންޑު ބޭނުންކުރެވިގެން ދާނީ، އުޅޭނެ ތަނެއް ކުއްޔަށް ނެގުމާއި އެޑްވާންސް ދެއްކުމާއި ފަރުނީޗަރާއި ކުދިންނަށް ބޭނުންވާ ތަކަތި އަދި ކާބޯތަކެތި ގަތުމަށް ކަމަށެވެ. މިކަމާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އެ ޖަމިއްޔާއިން ހިއްސާކޮށްފައި ނުވާއިރު، އެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދެއް ވެސް ހާމައެއް ނުކުރެއެވެ.

ތިން މައިން ގެއިން ނެރެލައި، އެ އާއިލާގެ އެއްޗެހި މަގުމައްޗަށް އުކާލާފައިވާ ފޮޓޮއެއް ވެސް މޯމްސް އެއިޑުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އެކަން ކުރީ އިއްޔެގެ ވަގުތެއްގައި އެކުދިންގެ ބައްޕަ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ރޭގައި ފަހުން ވަގުތީގޮތުން އެ އާއިލާ މަޑުކުރީ ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މަގުމަތިކުރި އާއިލާއާ ހަވާލާދީ މަމްސް އެއިޑުން ބުނީ ކުރިން އެ އާއިލާ ދިރިއުޅުނު ގޭގެ ކަރަންޓާއި ފެން އެތައް ފަހަރަކު ކަނޑާލައި އެކި ކަހަލަ ދަތިތައް ކުރިނަމަވެސް ކުޑަކުދިންތަކެއް ގޮވައިގެން ވަންނާނެ ތަނެއް ނެތުމުން އެތަނުގައި ދިރިއުޅެމުން ދިޔައީ ކަމަށެވެ.

މިކަންތައްތައް މިގޮތަށް ތަކުރާރުވަމުން ގޮސް އެންމެފަހުން މިދިޔަ މަހު ގޭގައި ނެތް ވަގުތު ބަލާފައި ގޭގެ ތަޅު ބަދަލުކޮށް ގެއިން ނެރެލާފައިވާ ކަމަށާއި ލާނެ ހެދުމެއް އަދި ކުދިންގެ ފޮތްދަބަހެއް ވެސް ނުދޭ ކަމަށް އާއިލާއާ ހަވާލައިދީ އެ ޖަމިއްޔާއިން ބުންޏެވެ.

އެ ކުދިންގެ ބައްޕަ އެ އާއިލާއަށް ހަރަދު ވެސް ނުކުރާ ކަމަށާއި ވަރިކުރި ނަމަވެސް ފިރިހެން މީހާގެ ގޭގެ ކޮޓަރިއެއްގައި މި އާއިލާ ދިރިއުޅެމުން ދިޔައީ ވަންނާނެ އިތުރު ތަނެއް ނެތުމުން ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ތިން މައިން ދިރިއުޅެމުން ދިޔައީ ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ރޮށި ފިހެގެން މަންމައަށް ލިބުނު އާމްދަނީއިން އެ ކޮޓަރިއަށް ދުވާލަކު 500 ރުފިޔާ ދައްކައިގެންނެވެ. އެ ރުފިޔާ ދެއްކުމަށް ފަހު ކުދިންގެ ހަރަދަށް އަދި ކެއުމަށް ބޭނުންކުރާނެ ރުފިޔާއެއް ނޯންނަ ކަމަށް މަމްސް އެއިޑް ޖަމިއްޔާއިން މި އާއިލާގެ ވާހަކަ އާއްމުންގެ ސަމާލުކަމަށް ގެންނަމުން ބުންޏެވެ.

ދަތި ހާލުގައި އުޅެމުންދާ އާއިލާތަކަށް މަމްސް ޖަމިއްޔާގެ ސަބަބުން ފަހި ދިރުއުޅުމެއް ލިބިގެންދާއިރު އެ ޖަމިއްޔާއިން ވަނީ އެފަދަ ކަންކަމުގައި އާންމުން އެ ޖަމިއްޔާއަށް ކުރާ އިތުބާރާއި ދޭ އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ.

މަމްސް ޖަމިއްޔާ އަކީ ހާލުގައި ޖެހިފައިވާ އެކަނިވެރި އާއިލާތަކަށް އެކި ގޮތްތޮތުން އެހީވާ ޖަމިއްޔާއެކެވެ. ދަތި ހާލުގައި އުޅެމުންދާ އާއިލާތަކަށް މަމްސް ޖަމިއްޔާގެ ސަބަބުން ފަހި ދިރުއުޅުމެއް ލިބިގެންދާއިރު އެ ޖަމިއްޔާއިން ވަނީ އެފަދަ ކަންކަމުގައި އާންމުން އެ ޖަމިއްޔާއަށް ކުރާ އިތުބާރާއި ދޭ އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ.

comment ކޮމެންޓް