ދިގުރަށުން 77 ގޯތި ދޫކުރަން ނިންމައިފި

އދ. ދިގުރަށް ---

އދ. ދިގުރަށުން 2000 އަކަފޫޓުގެ 77 ގޯތި ދިރިއުޅުމަށް ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، ދިގުރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ، މީގެ 10ވަރަކަށް އަހަރު ކުރިން ކަމަށެވެ.

"އެހެންވީމަ ދެން ވިސްނާލާ މި ރަށުގައި ބޯހިޔާވަހިކަމުގެ މައްސަލަ އޮންނާނެ މިންވަރު،" އޭނާ ވިދާޅުވިއެވެ.

ދިގުރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 700 އެއްހާ މީހުންނެވެ. އުސްމާނު ވިދާޅުވީ އޭގެތެރެއިން 300 އެއްހާ މީހުން ގޯއްޗައް ކުރިމަތި ލާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ ހަމަ ރަށުގެ ވީހާ ވެސް ގިނަ ބަޔަކަށް ގޯތި ލިބި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބުން،" އޭނާ ވިދާޅުވިއެވެ.

ދިގުރަށުން ގޯތި ދޫކުރަނީ، ރަށުގެ އޮޑި އެހެލާމަގު ދެކުނުގައި އޮތް ބިމުގެ ސަރަހައްދުންނެވެ. ގޯތި ދޫކުރަން އިއުލާނު ކޮށްފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚަކީ އަންނަ މަހުގެ ނުވަވަނަ ދުވަހެވެ.

ގޯއްޗަށް ކުރިމަތިލާ މީހުންގެ ފުރިހަމަ ވާންޖެހޭ ޝަރުތުތައް:

  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • އުމުރުން 18 އަހަރު ވެފައިވުން
  • ބަންޑާރަ ގޯއްޗެއް ނުވަތަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަންމަތީގައި ރަޖިސްޓްރީވެފައި ނެތުން
  • އެމީހެއްގެ ނަންމަތީ ރަޖިސްޓްރީވެފައި އޮތް ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ދޫކޮށްލުން
  • ފްލެޓު ނުވަތަ އަމިއްލަ ތަނެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން އަދި، މިފަދަ ތަނެއް އަމިއްލަ ނަން މަތީ އޮވެ އެތަނެއް ވިއްކާލާފަ ވާތާ ދެ އަހަރަށްވުރެ ގިނަދުވަސްވުން

ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދޭ ބައިތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބެނީ ކައިވެނީގެ ބައިންނެވެ. އެގޮތުން ގޯއްޗަށް އެދި ހުށަހަޅާ އިރު، ކައިވެނި ކޮށްގެއް ހުރިނަމަ ލިބޭނީ 45 ޕޮއިންޓެވެ. އަދި ކައިވެނި ނުކޮށް ހުރިނަމަ ލިބޭނީ 30 ޕޮއިންޓެވެ.

ކައިވެނި ކޮށްގެން އުޅޭކަން ނުވަތަ ކައިވެނި ރޫޅިފައި ވާކަން ބަލާނީ ގޯތި ދޫކުރުމަށް އިއުލާނުކޮށްފައިވާ ތާރީޚާ ހަމައަށެވެ.

ދިގު ރަށުން ގޯއްޗަށް އެދި ހުށަހަޅާ ފޯމް އެ ރަށު ކައުންސިލްގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓުން ލިބޭނެއެވެ. އަދި ޕްރިންޓްކޮށްފައިވާ ފޯމު އެ ކައުންސިލްގެ އިދާރާގެ ކައުންޓަރުން 10 ރުފިޔާއަށް ލިބޭނެއެވެ.

comment ކޮމެންޓް