މި ދުވަސްވަރު ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ބ. ފުޅަދޫގެ މުރަކަ ހުދުވުމުގެ އަލާމާތްތައް ފެންނަން ފަށައިފިއެވެ.
ރާއްޖޭގެ ތިމާވެއްްޓާއި ކަނޑު އަޑީގެ ދިރުންތަކާ ގުޅޭ ގޮތުން މައުލޫމާތު އެއްކޮށް އެ ދިރާސާކުރުމުގެ މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މެރިން ޖާނަލް މޯލްޑިވްސްއިން ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން މުރަކަ ހުދުވުމުގެ ރިޕޯޓުތައް ލިބެމުން އަންނަކަމަށެވެ.
މުރަކަ ހުދުވާން މެދުވެރިވާ އެންމެ މައިގަނޑު ސަބަބަކީ ކަނޑުގެ ލޮނުގަނޑު ވަކި މިންވަރަކަށް ހޫނުވުމެވެ. އޭގެ ސަބަބުން މުރަކަތަކަށް ކާނާ ހޯދައިދޭ އަލްގީ މުރަކައިގެ ތެރެއިން ބޭރުކޮށްލައެވެ.
މި ކަން ކުރިމަތިވަނީ އެލްނީނޯ އާއި ލާނީނާގެ ހާލަތު މެދުވެރިވުމުންނެވެ.
އެލްނީނޯ އާއި ލާނީނާއަކީ ފެސިފިކް ކަނޑުގެ ޓްރޮޕިކަލް ސަރަހައްދުގެ ވަޔާއި ކަނޑުގެ ސަރަހައްދަށް އަންނަ ދިގު މުއްދަތުގެ ބަދަލެކެވެ.
މި ބަދަލުގެ އަސަރު އިންޑިއާ ކަނޑު ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާކަމަށް މެރިން ޖާނަލް އިންސްޓިޓިއުޓުން ބުންޏެވެ.
2016ވަނަ އަހަރު ބ. އަތޮޅު ރަށެއްގެ މުރަކައެއްގެ ހާލަތު -- ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް
އެގޮތުން 1998ވަނަ އަހަރާއި 2016ވަނަ އަހަރު އެލްނީނޯގެ ހާލަތާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި މުރަކަ ހުދުވެ ފަރުތައް މަރުވެފައިވެއެވެ.
ކުރިއަށް އޮތް ދޮޅު މަހެއްހައި ދުވަހުގެ ތެރޭގައި އަލުން މި ހާލަތު ކުރިމަތިވެ މުރަކަ ހުދުވާން ފަށާނެކަމަށް ލަފާކުރެވޭކަމަށް އެ ޖާނަލުން ބުނެއެވެ.
އެ ޖާނަލުން ބުނީ އެމެރިކާގެ ކަނޑާއި މޫސުމީ އިދާރާއިން މިހާރު ދޭ މައުލޫމާތަށް ބަލާއިރު އަންނަ ހަފުތާއިން ފެށިގެން ރާއްޖޭގެ ކަނޑުގެ ސަަރަހައްދުގެ އެލާޓް ލެވެލް "ވޮޗު ލެވެލް"އަށް އަރާނެކަމަށެވެ.
އަދި އެޕްރީލް މަހުގެ މެދުތެރެއިން ފެށިގެން ހާލަތު ގޯސްވެ އެލާޓް ލެވެލް އެކަކުން ދެއަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

މުރަކަ ހުދުވާ މިންވަރު ފެންނަ ގްރެފިކްއެއް -- ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް
ގާ ހުދުވާނަމަ ކުރެވޭނީ ކޮން ކަމެއް؟
އެ ޖާނަލުން ބުނާ ގޮތުގައި ގާ ހުދުވުމުގެ އަލާމަތްތައް ފެންނަނަމަ ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.
އެގޮތުން ބިން ހިއްކުންފަދަ މަސައްކަތްތައް މި ދުވަސްވަރު މަޑުޖައްސައިލުމާއި، ފީނުމާއި މޫދު ކުޅިވަރުތަކުގެ ތެރޭ މުރަކައިގައި އަތް ނުލުމާއި ވެލިގަނޑު ބުރައިގެން ދާހެން އަމަލުނުކުރުން ހިމެނެއެވެ.
މީގެ އިތުރުން ނަގިލި އެޅުމުގައި ސަމާލުވުމާއި، ނަނާއި ދާގަނޑު މޫދަށް ދޫކޮށް ނުލުމުގެ އިތުރުން، ދިރޭ މުރަކަ ނުނެގުން ވެސް ހިމެނެއެވެ.