މ. މުލީގައި އިއްޔެ މަޣްރިބް ނަމާދަށް މާ އަވަހަށް ބަންގި ގޮވުނީ އޮޅިގެން ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
މުލީގައި މަޣްރިބް ނަމާދަށް އިއްޔެ ބަންގި ގޮވާފައި ވަނީ ހަވީރު 17:15ހާއިރުއެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އެވާހަކަ އާއްމުވެ، ބައެއް މީހުން އެގަޑީގައި ރޯދަ ވީއްލި ކަމަށް އަޑު ފެތުރުނެވެ.
އެކަމާ ގުޅިގެން މުލީ ކައުންސިލުގެ ރައީސް ޝަމްއޫން ރަމީޒް މިއަދު "ސަން"އަށް ވިދާޅުވީ، އިއްޔެ ހަވީރު މާ ކުރިން ބަންގި ގޮވީ އެ ރަށު މިސްކިތުގެ އިމާމު ނޫން ކަމަށާއި، އެހެންވީ އޮޅިގެން ކަމަށެވެ. އަދި އެއްކޮށް ބަންގި ގޮވައި ނުނިމެނީސް، ބަޔަކު އެކަން ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އާއްމުކޮށް ދުވަސްވީ މީހުން ދާނެ ވަރަށް އަވަހަށް މިސްކިތަށް. ދެން އިމާމެއް ނޫން އެގަޑީގަ ބަންގި ގޮވީ، އިމާމް ނެތް ހާލަތެއްގައި އެގޮތަށް މިސްކިތުގަ ތިބޭނެ ބައެއް މީހުން ބަންގި ގޮވާ. ދެން އޭނަ ހީކުރީ އިމާމް ނާދޭ. ދެން ގަޑި ބަލާފަ ގަޑި އޭނައަށް ގަޑި އޮޅިގެން އެގަޑީގަ ބަންގި ގޮވީ،" އޭނާ ވިދާޅުވިއެވެ.
ޝަމްއޫން ވިދާޅުވި ގޮތުގައި އިއްޔެ އެގަޑީގައި ބަންގި ގޮވުމުން އެ ރަށު ބައެއް މީހުން ރޯދަ ވީއްލިކަމަށް އަޑު ފެތުރުނު ނަމަވެސް އެކަހަލަ އެއްވެސް މައުލޫމާތެއް ލިބިފައިނުވެއެވެ. އަދި މިޒަމާނުގައި މީހުން އެފަދަ ކަންކަމަށް މާ ހޭލުންތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރަށުގެ ގިނަ ބަޔަކަށް ހީވަފެވެސް އޮތީ މައިކް ޓެސްޓު ކުރަނީ ކަމަށް،" އޭނާ ވިދާޅުވިއެވެ.
މުލީގައި މިހާރު މަޣްރިބްގެ ވަގުތަކީ 18:12އެވެ.
މީގެ ކުރީގެ ރޯދަމަސްތަކުގައި ވެސް ބައެއް ރަށްތަކުގައި މީހުންނަށް އޮޅިގެން މާ ކުރިން ބަންގި ގޮވާ ފަހަރުތައް އާދެއެވެ.