ކުރަން ފަސޭހަ، މީޒާނުގައި ބަރު ޢަމަލުތަކެއް

ތިލަފަތެއް --- ފޮޓޯ/ސްޓެޕްއެޖެންސީ-އެސްވައި.ނެޓް

ﷲ ގެ ރަޙުމަތްފުޅުން އެކަލާނގެ އަޅުތަކުންނަށް ސަވާބު ދެއްވުމަށްޓަކައި ދެބާވަތެއްގެ އަޅުކަންތަކެއް ލައްވަވާފައިވެއެވެ. އޭގެތެރެއިން އެއްބާވަތަކީ މުކައްލަފަށް ބުރަކަން ގެނުވާފަދަ ސިފަތައް އެކުލެވިގެންވާ އަޅުކަންތަކެވެ. ޙައްޖާއި ޢުމުރާއާއި ﷲ ގެ މަގުގައި ކުރެވޭ ޖިހާދަކީ މީގެ ބައެއް މިސާލެވެ. މިފަދަ ބުރަ އަޅުކަންތަކަށް އެކަލާނގެ ގިނަގުނަ ސަވާބު ކަނޑައަޅުއްވާފައިވެއެވެ. ނަމަވެސް މިބައިގައި ހިމެނޭ ހުރިހައި ކަންތައްތައް ކުރަން އެންމެންނަށް ކުޅަދާނަ ނުވެދާނެއެވެ. މިސާލަކަށް މުޅި އުމުރު ނިމިދާއިރުވެސް ޙައްޖާއި ޢުމުރާގެ އަޅުކަން އަދާކުރެވޭނެ ތަނަވަސްކަން ނުލިބޭ މީހުން ތިބޭނެއެވެ. ވީމާ އެ އަޅުކަންތައް އަދާކުރުމުން ލިބޭ ސަވާބު އެފަދަ މީހާއަށް ނުލިބިދާނެއެވެ. ދެވަނަ ބާވަތަކީ އެ ޢަމަލުތައް ކުރުން މުކައްލަފަށް ނުހަނު ލުއިފަސޭހަވެގެންވާ އަޅުކަންތަކެވެ. އަޅުކަން ކިތަންމެ ކުޑަވެފައި ލުޔަސް އޭގެ ސަވާބު ގިނަގުނަވެގެންވާ ޢަމަލުތައް މީގެތެރޭގައިވެއެވެ. ކުރިން ބުނި ބައިގައި ހިމެނޭ ބުރަ އަޅުކަންތަކުން ބައެއް ކަންކަން އަދާނުކުރެވޭ މީހާއަށްވެސް، މިބައިގައި ހިމެނޭ ލުއި އަޅުކަންތައް އަދާކޮށްގެން ގިނަގުނަ ސަވާބު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. ހަމަކަށަވަރުން، ﷲ ގެ ރަޙުމަތް އެންމެހައި މަޚުލޫޤުންގެ މައްޗަށް ތަނަވަސްވެގެންވާ ކަމުގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.(އަޢުރާފު: 156)

ތިރީގައި އެވަނީ އެކަންކަން އަދާކުރަން މުކައްލަފަށް ނުހަނު ފަސޭހަ، ނަމަވެސް މީޒާނުގައި ސަވާބުގެ ބަރުދަން ބޮޑުވެގެންވާ ބައެއް ޢަމަލުތަކެވެ. މީގެތެރޭގައި ދުލުން ކިޔައިލެވޭ ޛިކުރުތަކާއި ބުނެލާ ހެޔޮ ބަހާއި އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަދާކޮށްލެވޭ ނަމާދު ފަދަ ކަންކަން ހިމެނެއެވެ.

ބަންގި ދުޢާ: ބަންގީގެ އަޑު އިވުނުމީހާ، ބަންގިއަށްފަހު الَّلهمَّ ربَّ هذه الدعوةِ التَّامةِ ، و الصَّلاةِ القائمةِ آتِ محمَّدًا الوسيلةَ و الفَضيلةَ ، و ابعثه مقامًا محمودًا الَّذي وعدته މިފަދައިން ކިޔައިފިނަމަ އެމީހަކަށް، ޤިޔާމަތް ދުވަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަފާޢަތް ޙައްޤުނުވެ ނުދާނެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.(ބުޚާރީ: 614) އެއީ އޭނާ ސުވަރުގެ ވެއްދެވުމަށާއި ދަރަޖަ މަތިވެރިކުރެއްވުމަށާއި ނަރަކައިން ދިންނެވުމަށް އެދިވަޑައިގެން ﷲ ގެ ޙަޟުރަތުގައި ދަންނަވާ ޝަފާޢަތެވެ.

ނަމާދުގެ ރުކޫޢުން ތެދުވާހިނދު ކިޔާ ތަޙްމީދު: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ނަމާދުގެ ރުކޫޢުން ތެދުވާހިނދު އިމާމުމީހާ، سَمِعَ اللهُ لِمَنْ حَمِدَه މިފަދައިން ކިޔުމުން، މައުމޫމުން اللهُمَّ ربَّنا لَكَ الْحَمْدُ މިފަދައިން ކިޔާށެވެ. ފަހެ ހަމަކަށަވަރުން، މަލާއިކަތުން އެފަދައިން ވިދާޅުވާ ވަގުތާ މައުމޫމާ އެހެން ކިޔާ ވަގުތާ ދިމާވެއްޖެނަމަ އެމީހެއްގެ އިސްވެ ގޮސްފައިވާ ފާފަތައް ﷲ ފުއްސަވާނެތެވެ.(ބުޚާރީ: 796 ، މުސްލިމް: 409)

ޞަލަވާތް ކިޔެވުން: މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ލެއްވުން އެދި (އެއްފަހަރު) ދުޢާކޮށްފިނަމަ، އޭނާގެ މައްޗަށް ދިހަފަހަރު ޞަލަވާތް ލައްވާނެތެވެ.(މުސްލިމް: 408) އިތުރު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ކިޔާނީ މިފަދައިންނެވެ. اللَّهُمَّ صَلِّ علَى مُحَمَّدٍ وعلَى آلِ مُحَمَّدٍ، كما صَلَّيْتَ علَى إبْرَاهِيمَ وعلَى آلِ إبْرَاهِيمَ إنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ علَى مُحَمَّدٍ وعلَى آلِ مُحَمَّدٍ، كما بَارَكْتَ علَى إبْرَاهِيمَ وعلَى آلِ إبْرَاهِيمَ إنَّكَ حَمِيدٌ مَجِيدٌ (متفق عليه) މިއީ ނަމާދުގެ ފަހު އައްތަޙިއްޔާތުގައި ކިޔަވާ ޞަލަވާތެވެ. މިއަށް އިބްރާހީމީ ޞަލަވާތޭވެސް ކިޔައެވެ.

ކުޑަ ޛިކުރެއް: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މީހަކު ދުވާލަކު ސަތޭކަފަހަރު سُبْحَانَ اللَّهِ وَبِحَمْدِهِ މިފަދައިން ކިޔައިފިނަމަ، އޭނާގެ ފާފަތައް ކަނޑުގައިވާ ރާޅުތަކުގެ ފޮނުތައްހާ ގިނަވިޔަސް އެ ފާފަތައް ފުއްސަވާނެތެވެ. އެބަހީ އޭނާގެ ފާފަތައް ކިތަންމެ ގިނަ ނަމަވެސް އެ ހުރިހައި ފާފަތަކެއް ﷲ ފުއްސަވައި ދެއްވާނެތެވެ.(متفق عليه)

ހެޔޮކަމަށް މަގުދެއްކުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މީހަކު ހެޔޮ ކަމަކަށް މަގުދައްކައިފިނަމަ އޭނާ އެދެއްކި ހެޔޮ މަގަށް ޢަމަލުކުރި މީހާއަށް ދެއްވާ ސަވާބާ އެއްވަރުގެ ސަވާބު، އެކަމަށް މަގު ދެއްކި މީހާއަށްވެސް ﷲ ދެއްވާނެތެވެ. އެއީ ހެޔޮކަމަށް ޢަމަލުކުރި މީހާގެ ސަވާބުން އެއްވެސް މިންވަރެއް އުނި ކުރެއްވުމަކާނުލައެވެ.(މުސްލިމް: 2674)

ޝައްވާލުމަހުގެ ހަރޯދަ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު، ޝައްވާލު މަހުގެތެރޭގައި ހަރޯދަ ހިފައިމީހާ، މުޅި އަހަރުދުވަހު ރޯދަ ހިފިފަދައެވެ.(މުސްލިމް: 822)

ގުޅޭ ޓެގު
comment ކޮމެންޓް