އަފްޢާނިސްތާނުގެ އަންހެން މުވައްޒަފުން އދ ގައި މަސައްކަތްކުރުން މަނާކުރުމަށް ތާލިބާން ސަރުކާރުން އަމުރެއް ނެރެފިއެވެ.
އދ އިން އެކަން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލެއްވީ އެ ނިންމުން ވަގުތުން ބަދަލު ކުރުމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ގޮތުން ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.
އދ ގެ ތަރުޖަމާނު ސްޓެފަން ޑޫޖަރިކް ވިދާޅުވީ މިއީ އަފްޢާނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ބޭނުންވާ އެ ގައުމުގެ އެހީދޭ ޖަމިއްޔާތަކުގެ މަސައްކަތް ކުރުމުގެ ގާބިލްކަން ގެއްލުން ކަމަށެވެ.
"އަޅުގަނޑުމެން އަދިވެސް ބަލަމުން މިދަނީ މި ކަމުގެ ސަބަބުން އަޅުގަނޑުމެންގެ އޮޕަރޭޝަންތަކަށް އަސަރުކުރާނެ ގޮތްތަކާއިމެދު" ޑޫޖަރިކް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ތާލިބާން ސަރުކާރާ އަފްޢާން އިންފޮމޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އަދި ވަނީ ނުލިބިފައި ކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓްކޮށްފައެވެ.
މިކަމުގެ ކަންބޮޑުވުންތަކާ ހުރެ އދ އިން ވަނީ 48 ގަޑިއިރު ވަންދެން ހުރިހާ މުވައްޒަފުން އޮފީހަށް ނާންނަން އެދިފައެވެ.
ތާލިބާނުން ވެރިކަމަށް އައި ފަހުން އެ ގައުމުގެ އަންހެނުންގެ ގިނަ ހައްގުތައް ވަނީ ހިފަހައްޓާފައެވެ. އެގޮތުން ވަފީޒާ އަދާކުރުމާއި ތައުލީމް ހާސިލްކުރުން ވެސް ވަނީ މަނާކޮށްފައެވެ.
މިދިޔަ އަންގާރަ ދުވަހު އދ ގެ މިޝަން ޓު އަފްޣާނިސްތާނުން ވަނީ އެ ގައުމުގެ އިރުމަތީ ޕްރޮވިންސް ނަންގަރްހާރުގެ އަންހެން މުވައްޒަފުން މަސައްކަތް ކުރުން ހުއްޓުވުމާ ގުޅިގެންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިދިޔަ ޑިސެމްބަރު މަހު ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކުން އެންޖީއޯގެ ގިނަ އަންހެން މުވައްޒަފުން މަސައްކަތްކުރުން ވަނީ ހުއްޓުވާފައިވާފައެވެ. މިކަމާ ގުޅިގެން އެހީ ދިނުމުގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި އެކަމުގެ ސަބަބުން ޑޮނަރުން ފައިސާ ދިނުން ވަނީ ހުއްޓިފައެވެ.