ޑްރަގު ފަރުވާގެ ނިޒާމު ވަށާޖެއްސުނީ އަދިކިރިޔާ: އެންޑީއޭ

އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން އަދި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފް --- ސަން ފައިލް ފޮޓޯ

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ސަމާލުކަމެއް ދީގެން ރަނގަޅު މާނައިގައި ފަރުވާދިނުމުގެ ނިޒާމު ވަށާޖެއްސުނީ އަދި ކިރިޔާ ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން މިއަދު ބުނެފިއެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ދެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅުއްވި ގަރާރާއެކު މި ސަރުކާރުން ޑްރަގުގެ މައްސަލަ ހައްލުކުރަން ނޫޅޭ ކަމަށް ބުނެ ބައެއް މެމްބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭގެ ފަހުން، ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅިގެން މައުލޫމާތު ދެއްވަމުން، އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން އަދި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފް ވިދާޅުވީ، އެންޑީއޭ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރި ފަހުން ބައިވަރު، ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެންމެ ފުރަތަމަ ވެސް އެންޑީއޭގެ މަަސައްކަތްތަކާއި އެކި ކަންކަމުގައި އަމަލުކުރެވޭ ގޮތާއި ހުރި މައްސަލަތައް ބެލުމަށް ރިވިއުއެއް ހެދުމުގެ މަސައްކަތް ބޭރުގެ ކަމާބެހޭ މާހިރުންނާ ގުޅިގެން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރީގެ ސަރުކާރުތަކުން ހަމައެކަނި ވެއިޓިން ލިސްޓު ކުރު ކުރުމަށް ފަރުވާދިނުމަށް ގެންދަނީ، އޭގެ ފަހުން ވާގޮތެއް ނޭނގެ. އެކަމު މިއީ ހަމައެކަނި އެހިސާބުން ނިމޭ ކަމެއް ނޫން. ފަރުވާދިނުމުގައި ވެސް އަދި އޭގެ ފަހުން ވެސް ސަމާލުކަން ދޭން ޖެހޭ އިތުރު ބައިވަރުކަންކަން އެބަހުރި،" އޭނާ ވިދާޅުވިއެވެ.

އެކި ނަންނަމުގައި އެންޑީއޭ ހިންގާތާ 30 ވަރަކަށް އަހަރު ވެފައިވާއިރު، އަދިވެސް ޑްރަގުގެ ފަރުވާ ރަނގަޅު ގޮތުގައި ކުރިއަށް ނުގެންދެވޭކަން ފާހަގަކުރައްވާ ޝަމާއު ވިދާޅުވީ، މިކަމަށް ސިއްހީ ނަޒަރަކުން ވިސްނައި މިފަދަ މައްސަލަތަކަށް "ފޯކަސް" ކޮށްގެން ފަރުވާގެ ނިޒާމް ކުރިއަށް ގެންދަން މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށެވެ.

އެގޮތުން މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުންނަ މީހުންނަށް ފަރުވާދިނުމުގެ ނިޒާމުގެ ތެރެއިން އަންނަ ހުރިހާ މަރުހަލާއެއް ވެސް އެންޑީއޭގެ ބެލުމުގެ ދަށުން ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ މީހުން އެންޑީއޭގެ ބެލުމުގެ ދަށުން ފަރުވާއަށް ގެންދިއުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި ރޯދަމަހާ ދިމާކޮށް ވެސް، މަގުމަތީގައި އެފަދަ ފަރުވާ ބޭނުންވާ މީހުން ދެނެގަނެ އެންޑީއޭގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުންނަ މީހުންނަށް ދޭ ފަރުވާއާ ގުޅިގެން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ، އެފަދަ ކޮންމެ މީހަކަށް ވެސް ފަރުވާދޭން ރަނގަޅު ގޮތަކީ ވަކިން ކަމަށެވެ.

"މިފަދަ ކަންކަންމުގައި ވެސް އެކި މީހުން ފަރުވާ ހޯދަން ޖެހޭނީ އެކި ކަންކަމަށް އެކި ގޮތަށް. އެކަކުގެ ހުންނަ މައްސަލައެއް ނޫން ދެން ހުންނަ މީހާގެ ހުންނާނީ. އެހެންވީމަ ދޭން ޖެހޭ ފަރުވާ ވެސް ތަފާތުވާނެ. އެކަން އެނގުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވިއެވެ.

ފަރުވާދޭން ޖެހޭ މީހުންނަށް ފަރުވާދޭނެ އެކަމަށް ހާއްސަ ކައުންސިލާސް ރާއްޖޭގައި އެކަށީގެންވާ ވަރަށް ނެތްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މިވަގުތު ރާއްޖޭގައި ތިބީ އެޑިކްޝަން ސްޓަޑީޒްއަށް ހާއްސަ ދެ ބޭފުޅުން ކަމަށެވެ. އަދި މިހާރު ސަރުކާރުގެ އެހީގައި ދެ ކުދިން ދަނީ އެޑިކްޓިވް ސްޓަޑީޒް ކިޔަވަމުންކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ފަރުވާދިނުމުގެ ނިޒާމު ވަރުގަދަކޮށް، ހަރުދަނާ ކުރުމުގެ ގޮތުން އެކަމަށް އެންމެ އެކަށީގެންވާ މީހުން ބޭރުން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ސަފިއްޔާ ވިދާޅުވިއެވެ.

މި ފަރުވާ މާލެ ކައިރީގެ ސަރަހައްދުތަކުގެ އިތުރުން ވީހާވެސް ބޮޑަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަސްތުވާތަކެއްޗަށް ދެވި ހިފާފައި ހުންނަ މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭހެއްގެ ކޯޓާ 200އިން 2،000އަށް އިތުރުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތާނގައި އެއަށްވުރެ ބޮޑަށް އިތުރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޑްރަގް ކޯޓު ހިންގާ ގޮތް ބަލައި އެތަނުގެ ހިންގުން ހަރުދަނާ ކުރުމަށް ބޭރު ކޮންސަލްޓަންޓުންގެ އެހީ މިހާރުވެސް ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޑްރަގު ފަރުވާގެ ނިޒާމް ވަށާޖެއްސިފައިވާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް އެންޑީއޭ އިން މަސައްކަތް ކުރަމުންދާ ކަމަށް އެ އޭޖެންސީން ބުންޏެވެ.

comment ކޮމެންޓް