އިޒްރޭލުގެ ސިފައިން ގަދަބާރުން މަސްޖިދުލް އަޤުޞާއަށް ވަދެ އެ މިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުންދިނުން ދިވެހިރާއްޖޭގެ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
އިޒްރޭލުގެ ސިފައިން އަންގާރަ ދުވަހު މަސްޖިދުލް އަޤުޞާއަށް ވަދެ ހިންގި އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ވަނީ މުސްލިމުންގެ މުގައްދަސް ތިންވަނަ މިސްކިތް ކަމަށްވާ މަސްޖިދުލްއަގްސާގައި ރޭއަޅުކަން ކުރުމަށާއި އިއުތިކާފަށް ތިބި ފަލަސްތީނުގެ އެތައް ބަޔަކަށް، އިސްރާއީލު ސިފައިން ހުރަސްއަޅައި އޭގެތެރެއިން އެތައް ބަޔަކު ހައްޔަރުކޮށް އަނެއް ބަޔަކު ގަދަބާރުން މިސްކިތުން ނެރުން ކުށްވެރި ކުރާ ކަމަށެވެ.
އެ ބަޔާނުގައި ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަން ފާހަގަކޮށް، ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާ ކަން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤުވާމީ މައިދާނުގައި ފަލަސްޠީނުގެ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަން ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން އިޒްރޭލުގެ ސިފައިންގެ އަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އ.ދ.ގެ ސަލާމަތީ މަޖިލީހާއި އާއްމު މަޖިލީހުގެ ގަރާރުތަކާ ޚިލާފު ޢަމަލުތަކެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅި، މެދުއިރުމަތީގައި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ހުރަސްއެޅޭކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ، ޞުލްޙަވެރި ޙައްލެއް ލިބެން އޮތީ 1967ގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ޤާއިމުކުރެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ މިނިވަން، މުސްތަޤިއްލު ފަލަސްޠީނެއް ޤާއިމުކުރެވިގެންކަން ކަމަށް ވެސް އެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.
އިޒްރޭލު ސިފައިން ވަނީ އަންގާރަ ދުވަހުގެ ރޭ ހާރުދަމުގެ ވަގުތުގައި މަސްޖިދުލްއަގްސާއަށް ލަޓިބުރިއާއި ހަތިޔާރާ އެކު ވަދެގަނެ އެ މިސްކިތުން 500އަށް ވުރެ ގިނަ ފަލަސްތީނު މީހުން ހައްޔަރުކޮށް ހާހަކަށްވުރެ ގިނަ މީހުން މިސްކިތުން ބޭރަށް ނެރެފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައާއި މިސްކިތުން ނެރުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނެއެވެ.