ނޭޓޯގެ 31ވަނަ މެންބަރު ގައުމަކަށް ފިންލޭންޑް

ނޭޓޯގެ 31 ވަނަ މެމްބަރު ގައުމަކަށް ފިންލޭންޑް ވެއްޖެ -- ފޮޓޯ/ އޭޕީ

ނޭޓޯގެ 31ވަނަ މެންބަރު ގައުމަކަށް ފިންލޭންޑް ވެއްޖެއެވެ.

މި ކަން ފާހަގަ ކުރުމުގެ ގޮތުން ބްރޫސެލްސްގައި ހުންނަ ނޭޓޯގައި ބޭއްވި ރަސްމިއްޔާތުގައި ހުޅަނގުގެ އެހެން ގައުމުތަކެކޭ އެއް ފަދައިން ފިންލޭންޑްގެ ދިދަ ރަސްމީކޮށް އުފުލައިލާފައިވަނީ އިއްޔެއެވެ.

މި ރަސްމިއްޔާތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން އާއި ފިންލޭންޑްގެ ރައީސް، ސައުލީ ނިނިސްޓޯއާއި އެ ގައުމުގެ ފޮރިން މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ރަސްމިއްޔާތުގެ ތެރެއިން ފިންލޭންޑްގެ ޚާރިޖީ ވަޒީރު ވަނީ، އެ ގައުމުން ނޭޓޯއާ ގުޅުނު ކަމުގެ ލިޔެކިޔުންތައް ރަސްމީކޮށް އެންޓޯނީ ބްލިންކެންއަށް އަރުވާފައެވެ.

ފިންލޭންޑާއި ނޭޓޯއަށް ވެސް މިއީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ އެ ގައުމުގެ ރައީސް ސައުލީ ނިނިސްޓޯ ވިދާޅުވީ އެ ގައުމުން ނޭޓޯއާ ގުޅުމުން އެ ކަމާ އެންމެ ދެކޮޅުވެރިވާނީ ރަޝިޔާއިން ކަމަށެވެ. އެއީ، އެ ގައުމުން ޔުކްރޭން ހަނގުރާމަ ފެށިއިރު ނޭޓޯ ފުޅާކުރުމާ ދެކޮޅުވުމާ ގުޅިގެންނެވެ.

ނޭޓޯގެ 31 ވަނަ މެމްބަރު ގައުމަކަށް ފިންލޭންޑް ވެއްޖެ -- ފޮޓޯ/ އޭޕީ

ދަ ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިންލޭންޑުން ނޭޓޯއާ ގުޅުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ މަރުޚަބާ ވިދާޅުވެފައެވެ. އަދި ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތް ފަހުން ނޭޓޯއިން ކުރިއަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ދައްކާފައިވާ ކަމަށް ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވި ގޮތުގައި ރަޝިއާއިން އަނިޔާވެރި ހަނގުރާމަ ޔުކެރެއިންގައި ފެށިއިރު އެ ގައުމުގެ ރައީސް ވްލަޑްމިއާ ޕުޓިން ހީކޮށްފައިވަނީ ޔޫރަޕާއި ނޭޓޯ ބައިބައި ކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ ދޮގެއްކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.

ފިންލޭންޑުން ވަނީ ރަސްމީކޮށް ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ އިއްތިހާދުގެ މެންބަރަކަށް ވެސް ވެފައެވެ.

ރަޝިޔާއާ އެކު 1،340 ކިލޯމީޓަރު (830 މޭލު)ގެ ބޯޑަރެއް ހިއްސާކުރާ ސްވިޑެން އާއި ފިންލޭންޑުން އެއް ފަހަރާ ނޭޓޯގެ މެމްބަޝިޕް އެޕްލިކޭޝަން ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

ފިންލެންޑާ އެކު ސްވީޑެން އިން ވެސް ނޭޓޯއާ ގުޅުމަށް ހުށައަޅާފައިވީ ނަމަވެސް ސްވީޑެންގެ އެޕްލިކޭޝަނަށް ތުރުކީން އަދިވެސް އެއްބަސް ވެފައެއް ނުވެއެވެ.

ނޭޓޯއާ ގުޅުމަށް ހުރިހާ މެންބަރު ގައުމުތަކުގެ ރުހުން ބޭނުންވާނެއެވެ.

comment ކޮމެންޓް