މާފުށިން ގޯތި ދޫކުރުން: ރަށްވެއްސަކަށް ނުވާނަމަ ޕޮއިންޓު އުނިކުރަން ނިންމައިފި

ކ. މާފުށިން ހިއްކި ބިން --- ފޮޓޯ/ މާފުށީ ކައުންސިލް

ކ. މާފުށީގައި ހިއްކާފައިވާ ސަރަހައްދުން ގޯތި ދޭއިރު މާފުށީ ރަށްވެއްސަކަށް ނުވާނަމަ، އެމީހަކަށް ލިބޭ ޕޮއިންޓު އުނިކުރަން ނިންމައިފިއެވެ.

މާފުށިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 312 ގޯއްޗެވެ. އޭގެތެރެއިން އާންމުނަށް ހިލޭ ދިނުމަށް ހުޅުވާލާފައިވަނީ 308 ގޯއްޗެވެ. ބާކީ ހަތަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި އުސޫލުންނެވެ.

އެ ގޯތިތަކަށް އެދި ކުރިމަތިލުމަށް މިދިޔަ މާޗު މަހު ވަނީ އިއުލާނު ކޮށްފައެވެ. ނަމަވެސް އޭރު އާންމު ކޮށްފައިވާ އުސޫލަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން އެ އިއުލާން މިހާރު ވަނީ ބާތިލު ކޮށްފައެވެ. އަދި މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލަށް ގެނައި އިސްލާހާއެކު ގޯއްޗަށް އެދުމުގެ ފުރުސަތު އަލުން ވަނީ ހުޅުވާލާފައެވެ.

އާ އުސޫލުގައި ވަނީ ދެ އިސްލާހެވެ. އެއީ އުމުރުން 40 އަހަރު ފުރިފައިވުން ނުވަތަ އެއަށްވުރެ ދޮށީ މީހުންނަށް 20 ޕޮއިންޓު ދިނުމާ، މާފުށީ ރަށްވެއްސަކަށް ނުވާނަމަ 30 ޕޮއިންޓު އުނިކުރުމުވެ. އެ އިސްލާހާއެކު މާފުއްޓަށް ނިސްބަތް ނުވާ މީހުންނަށް ގޯތި ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދާނެއެވެ.

ގޯއްޗަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ސަރުކާރުގެ ގެޒެޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. އަދި މާފުށި ކައުންސިލްގެ އިދާރާއިން، 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އަށް އެ ފޯމް ލިބެން ހުންނާނެއެވެ.

މާފުށި ކައުންސިލުން ބުނީ ފޯމް ބަލައިގަތުން އޮންނާނީ އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އާ ހަމައަށް ކަމަށެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިމަކީ މާފުއްޓާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ހިއްކާފައިވާ ބިމެކެވެ. މާފުށީގައި ގޯތި ދޫކުރުމަށް އޮތް ހިއްކި ސަރަހައްދަކީ މީގެ އަހަރެއް ކުރިން މަސައްކަތް ނިންމާ ރަށު ކައުންސިލާ ހަވާލުކޮށްފަ އޮތް ބިމެކެވެ. އެ ބިމުގެ ބޮޑުމިނުގައި 25 ހެކްޓަރުގެ ހުންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް